ކީރިތި ޤުރްޢާނާބެހޭ ޤައުމީ މަރުކަޒުގެ ގައްދޫ ގޮފި ހުޅުވައިފި

08 Feb 2019 | 10:31

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުގެ ގދ. ގައްދޫ ގޮފި ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި މަރުކަޒު ހުޅުއްވައިދެއްވީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ގައްދުއަށް ކުރެއްވި ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގައްދޫއަށް ވަޑައިގެންނެވުމުން ގައްދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި މިއަދު ވަނީ ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ ”މަސްޖިދުލް އަމީން“ މިސްކިތް ހުޅުއްވައިދެއްވައިފައެވެ.

ގައްދޫގައި ޤާއިމުކޮށްފައިވާ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މިފަދަ މަރުކަޒެއް ހުޅުވިގެން ދިއުމުން އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި، ފަރުވާތެރިކަމާއެކު ހިއްޕެވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އެއްވެސް ރަށެއް، އަދި އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްޤީ ގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި ހަމަޖެހުމުގެ އައްސޭރިއަކަށް ވާސިލު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން، އަތު ގުޅާލައިގެން މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ޤައުމެއް ތަރައްޤީވެ، ކުރިއަރައިދާނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

Advertisement

ކޮމެންޓް