އުރުދުޣާން އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.
ތުރުކީވިލާތުގައި 28 މެއި ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.
ވެރިކަމުގެ އާ ދައުރަށް އުރްދުޣާން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރު އެކުވެނީގައި އޮތްއިރު، މި ރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއިން ތުރުކީވިލާތާއި އެކު ސިޔާސީގުޅުން ޤާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists