މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި: ޠާރިޤް
މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުން މިނިވަން ދުވަހުގެ ތަހުނިޔާ ކިޔުމަށް ޓްވީޓް ކޮށްފައިވަނިކޮށް، މިއަދު އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
"މިނިވަން ދުވަހުގެ ތަހުނިޔާ ކިޔާނީ މިނިވަންކަންމަތީ އޮންނަ ޤައުމުތަކުގައި، ހައިކޯޓް ފަނޑިޔާރުންގެ ޗުއްޓީއަކުން ދިވެހިރާއްޖެ އަޅުވެތިކަމަށް ދޫކޮށްލާއިރު، ރިޔާސީ އިންތިޚާބުގެ ގޮތް ނިންމުންއޮތީ ހައިކޯޓް އެ ދެ ފަނޑިޔާރުންނާ ގުޅިފައި، ހިތްވަރުނެތިއްޔާ ތަނާޒިލްވޭ" ޠާރިޤް ގެ ޓްވީޓުގައި ވެއެވެ.
ޠާރިޤް މިފަދައިން ޓްވީޓުކޮށްފައިމިވަނީ ހައި ކޯޓިގައި އޮތް ރައީސް ޔާމިންގެ މައްސަލަ ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ.
ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވައިގެން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިއްވި ޙުކުމުގެ މައްސަލަ އޮތީ ހައި ކޯޓުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް މަޑުޖެހިފައިވަނީ ނިމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށެވެ.
އެގޮތުން އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާ އިސްތިއުނާފީ ނުކުތާތައް ހުށައަޅާ، އެ ނުކުތާތަކަށް ދައުލަތުން ވަނީ ޖަވާބު ވެސް ދީފައެވެ.
ހައިކޯޓުގައި އޮތް މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުން ޗުއްޓީ ނެންގެވުމާއި ގުޅިގެންނެވެ.
އިންތިޚާބީ ހައްޤުތައް ކަށަވަރުކުރުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާއިރު، އިއްޔެ އެމައްސަލަވެސް ވަނީ ބޭރުކޮށްލައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists