ކޮބައިތޯ ނަގުދު ފައިސާ ގެންދެވި ބޭފުޅުންގެ ނަންތައް: ޤާސިމް އިބްރާހިމް

16 Feb 2019 | 21:53

އެމްއެމްޕީއާސީގެ ބޮޑު ހިޔާނާތާ ބެހޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުއްވި ބަޔާނުގައި ނަގުދު ފައިސާ ގެންދެވި މީހުންގެ ލިސްޓް ކޮބައިތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރަހިމް ސުވާލު އުފައްދަވައިފިއެވެ.

ޤާސިމް އިބްރާހިމް މިހެން ވިދާޅުވެފައިވަނީ މާމިގިލި ދާއިރާގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"ކޮބާތޯ ފޮރުވިފައިވާ ލިސްޓް. އަޅުގަނޑު އެދެން އެންޓިކޮރަޕްޝަން ކޮމިޝަނުގައި މި ލިސްޓް އާންމުކުރެއްވުމަށް. ބިތުފަންގި ނެގީމައި ކެޔޮކޭވަރު އެނގޭނީ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ފުރިހަމަ ނޫން މި ރިޕޯޓް ފުރިހަމަ ކުރެއްވުމަށްފަހު ނެރުމަށް ވެސް ވަނީ އޭސީސީއަށް ގޮވާލައްވާފައެވެ. ޤާސިމް މި ރިޕޯޓް ސިފަކުރައްވާފައިވަނީ ކުރުގަނުވާލާފައިވާ ފުރިހަމަ ނޫން ރިޕޯޓެއްގޮތުގައެވެ. އަދި އޭސީސީ ރިޕޯޓް ފުރިހަމަ ކުރުމަށްފަހު ހުރިހާ ފަރާތެއް ހާމަކުރުމަށް ޤާސިމް އިބްރާހިމް ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން އޭސީސީ ރިޕޯޓްގައި ވިލާ ޓްރެވަލްސްއަށް ޑޮަލަރުގަނެފައިވާ މައްސަލަޢައި ބެހޭގޮތުން ވަނީ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވިލާ ޓްރެވަލަސްއަކީ ޑޮލަރު ގަނެވިއްކުމުގެ ލައިސަންސް އޮންނަ ކުންފުންޏެއްކަމާއި އެސްއޯއެފްއަށް ގަތް ޑޮލަރަށް ވާނީ ދިވެހި ފައިސާ ދީފައިކަމަށް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ. އަދި އެސްއޯއެފް މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަމާއި މިކަމާ ބެހޭ ލިޔެކިޔުން ހުންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް