2018 ވަނަ އަހަރުގެ އެންމެ އާމްދަނީ ބޮޑު ޔޫޓިއުބް ތަރިން!

04 Mar 2019 | 07:30

އެމެރިކާގެ ފޯރބްސް މެގަޒިން އިން އާންމުކޮށްފައިވާ ލިސްޓަކުން ފާއިތުވި އަހަރު، ޔޫޓިއުބް ވީޑިއޯ މެދުވެރިކޮށް އެކި ގޮތްގޮތަށް އާމްދަނީ ލިބިގަންނަ ފަރާތްތަކުގެ ތެރެއިން އެންމެ އާމްދަނީ ބޮޑު ފަރާތްތައް ވަނީ ހާމަކޮށްފައެވެ.

ވަޒީފާއެއްގެ ގޮތުން ޔޫޓިއުބް ވީޑިއޯތައް ތައްޔާރުކުރާ ފަރާތްތައް، ނުވަތަ "ޔޫޓިއުބާރސް"ގެ ތެރެއިން، ތަފާތު އުފެއްދުންތައް އިސްތިޙާރުކޮށް، ބެލުންތެރިންނާއިއެކު ވިޔަފާރުކުރުމުގެ އިތުރުން ބޭރު ފަރާތްތަކުގެ އިންވެސްޓްމެންޓްތަކުން އާމްދަނީ ހޯދާ ފަރާތްތައް ހިމެނެއެވެ.

މިދިޔަ އަހަރު ޔޫޓިއުބްގެ 3 ވަނައަށް އެންމެ އާމްދަނީ ބޮޑު ޔޫޓިއުބާރ އަކީ، 36 މިލިއަން ސަބްސްކްރައިބަރުންނާއިއެކު "ޑޫޑް ޕާރފެކްޓް" ނަމަކަށް ކިޔޭ 5 މީހުންގެ ގްރޫޕެކެވެ. "ޑޫޑް ޕާރފެކްޓް" އަކީ ޕިންގް ޕޮންގް ފަދަ ކުޅިވަރުތަކުގައި ފެންނަ ޝޮޓުތަކުގެ ތެރެއިން އާދަޔާ ޚިލާފަށް މޮޅު "ޓްރިކް ޝޮޓް" އުފައްދައި ފުރިހަމަކުރުމުގެ މާހިރުންނެވެ. ކޮންމެ ދުވަހަކުވެސް ފެންނަ އާދައިގެ ކަންތަކުގެ ތެރެއިން އާދަޔާ ޚިލާފު ކޮންޓެންޓް އުފައްދާ ވީޑިއޯ ތައްޔާރުކުރާ "ޑޫޑް ޕޭރފެކްޓް" އަށް ފޭނުންގެ ތަޢުރީފުގެ އިތުރުން، މިދިޔަ އަހަރު އާމްދަނީގެ ގޮތުން ލިބުނު 20 މިލިއަން ޑޮލަރުގެ ސަބަބުން ފޯރބްސް އިން ތައްޔާރުކުރި ލިސްޓުން ޖާގައެއްވެސް ވަނީ ލިބިފައެވެ.

2 ވަނަ އަށް އެންމެ އާމްދަނީ ބޮޑު ޔޫޓިއުބަރއަކަށް 2018 ފާހަގަކުރެވެނީ ޖޭކް ޕޯލްއެވެ. މަޤްބޫލު ޔޫޓިއުބާރ ލޯގަން ޕޯލްގެ ކޮއްކޮ ޖޭކް އަކީވެސް ޔޫޓިއުބްގައި 17 މިލިއަން ސަބްސްކްރައިބަރުންނާއި އެކު ކާމިޔާބު ތަރިއެކެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުން 21.5 މިލިއަން ޑޮލަރު ހޯދާފައިވާ ޖޭކް އަކީ، ޑިސްނީ ޗެނަލްގެ ސީރީޒެއްކަމަށްވާ "ބިޒާރޑްވާރކް" އިން އާންމުންގެ ސަމާލުކަން ހޯދައިފައިވާ ފަރާތެކެވެ. އަދި ޔޫޓިއުބްގައި އެހެން ތަރިންނާއިއެކު ބޮކްސިންގް މެޗެއްގައި ބައިވެރިވުން ފަދަ އުކުޅުތައް މެދުވެރިކޮށް، ޖޭކް ވަނީ ޒުވާން އުމުރެއްގައި ޔޫޓިއުބް ވީޑިއޯތަކަކުން ބޮޑުު ކާމިޔާބީއެއް ހާޞިލްކޮށްފައެވެ.

ފޯރބްސް އިން ތައްޔާރުކޮށްފައިވާ ލިސްޓުން 2018 ވަނަ އަހަރު އެންމެ އާމްދަނީ ބޮޑު ޔޫޓިއުބާރ އަކީ އާދައިގެ މިލިއަނެއަރެއް ނޫނެވެ. އުމުރުން 7 އަހަރުގެ ރަޔަންސް ޓޯއީ ރިވިއު ވީޑިއޯތަކުން ފެންނަ ރަޔަން އަކީ ނިމިދިޔަ އަހަރު ޔޫޓިއުބްގެ އެންމެ އާމްދަނީ ބޮޑު ތަރިއެވެ.

ކުޑަކުދިންނަށް ކަމުދާނެ ފަދަ ކުޅޭ އެއްޗެހި ކުޅުމަށްފަހު، އެ ތަކެއްޗަކީ އަގާއި އެކަށީގެންވާ، ކުޑަކުދިންނަށް ހިތްގައިމު އުފެއްދުންތަކެއްތޯ ނޫންތޯ ބަލާ، ކުޅިވަރުކުޅޭތަން އޭނާގެ ވީޑިއޯތަކުން ރަޔަން ދައްކުވައިދެއެވެ. ކުޑަ ކުޑަ ރަޔަންގެ 17 މިލިއަން ސަބްސްކްރައިބަރުންގެ ތެރޭގައި ކުޑަކުދިންގެ އިތުރުން، އެކުދިންގެ ބެލެނިވެރިންވެސް ފާހަގަކޮށްލެވެއެވެ. ރަޔަންގެ މަޤްބޫލުކަމުން އޭނާގެ ނަމާއި ބްރޭންޑް އާއި ގުޅުވައިގެން އެމެރިކާގެ ފިހާރަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށް އެކި ޒާތްޒާތުގެ ކުޅޭ އެއްޗެހި ދަނީ ވިއްކަމުންނެވެ. ރަޔަންގެ އާމްދަނީ އަށް ބަލާލާއިރު، 2018 ވަނަ އަހަރު ކުޅޭ އެއްޗެހި އުފައްދާ އެކި ކުންފުނިތަކުގެ އިތުރުން އިސްތިހާރުތައް މެދުވެރިކޮށް ރަޔަން ވަނީ 22 މިލިއަން ޑޮލަރު ހޯދާފައެވެ.

Advertisement

ކޮމެންޓް