ޕާޓީތެރޭ ވަނީ ހިތްދަތިކަމާއި ހިތްހަމަނުޖެހުން އުފެދިފައި: ރައީސް ޔާމީން

17 Feb 2019 | 12:23

ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ޖުމްހޫރީ ޕާޓީއަށް ބައެއް ގޮނޑިތައް ދޫކޮށްލުމަށް ނިންމުމުން ޕާޓީގެ ތެރޭގައި ހިތްހަމަޖެހުމާއި ނުތަނަވަސްކަން އުފެދިފައިވާކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާވަށު ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޚައްމަދު ސަޢީދަށް ތާއީދު ހޯއްދެވުމަށް، މާވަށުގެ ބަޔަކަށް ކުރި ކޮންފަރެންސް ކޯލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޖޭޕީއާއި ޕީޕީއެމްއިން އެއް ދާއިރާތަކަށް ވާދަކޮށްފައި، އަދި އެތަންތަނަށް ރައީސް މައުމޫނުގެ ފަރާތްޕުޅުންވެސް މީހުން ވާދަކުރުުމުން އެ ގޮނޑި އެމްޑީޕީއަށް ނެގުމުގެ ފުރުސަތު މާ ބޮޑުވެގެންދާކަމަށެވެ. ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށްލަން ނިންމީ އެހެންވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެ ނިންމުމާއި ގުޅިގެން ޕާޓީތެރޭގައި ހިތްދަތިކަމާއި ހިތް ހަމަނުޖެހުން އުފެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރޭ އެމަނިކުފާނު ވަނީ މާވަށު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން ހާމަކުރައްވާފައެވެ.

“އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާއަށް ކުރިމަތިލާން، އެހެންނަމަވެސް ދާއިރާތައް ހުސްވަމުން، ހުސްވަމުން ގޮސް މުޅިން ހުސްވީމަ ދެން އަޅުގަނޑު މާވަށަށް ކުރިމަތި ލުމުގެ ބަދަލުގައި އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް އަޅުގަނޑު ދާއިރާ ދޫކޮށްލަން،” ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް