އިންތިޚާބީ ރައީސާއި ގާސިމް ބްރިޖުން މާލެވަޑައިނުގަތީ ކީއްވެބާ؟

05 Oct 2018 | 13:48

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ޖަރުމަން ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށްފަހު މިއަދު ރާއްޖެވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު އެއަރޕޯޓަށް ވަޑައިގެން ގާސިމް އިބްރާހިމްއާއި ބައްދަލުކުރެއްވިއެވެ. 

ގާސިމް ވަޑައިގެންނެވުމުން މާލެއަށް ދެބޭފުޅުން ވަޑައިގެންނެވީ ކަނޑުމަގުން އިންތިޚާބީ ރައީސްއަށް ޚާއްސަކުރެވިފައިވާ ސަރުކާރުގެ ލޯންޗް ކޮޅުގައެވެ. ކޮންމެ ގޮތެއްވިޔަސް ގާސިމް އިބްރާހިމްއަކީ ގާނޫން ބުނާގޮތުން ކުށްވެރިއެކެވެ. ކުށުން ބަރީއަވާނީ ކޯޓުން އެނޫންގޮތަކަށް ހުކުމް ބަދަލުކުރުމުންނެވެ. 

ގާސިމްގެ މައްޗަށް ކޮށްފައިވަނީ ކޯޓަށް ނުފޫޒުފޯރުވައިގެން ސިޔާސީ ހުކުމަކަށްވިޔަސް އަދުލް އިންސާފަށް ލޯބިކުރުމަކީ ކޯޓްގެ ހުކުމްތަކަށް ތަބާވުމެވެ. އެހެންނޫނަމަ ގޮޑިގެއްލިފައިވާ ކަމަށް ކަޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮސް ރައްޔިތންގެ މަޖިލީހުގެ ތެރެއަށް ވަދެގަންނަންވީ ނޫންތޯއެވެ. 

ކޯޓްތަކުން ކުރާ އަމުރުތަކަށް ތަބާނުވެ އެހުކުމްތަކަށް ގޮންޖަހާތަން ދެއްކުމަކީ އަދުލް އިންސާފު ގާއިމުކުރުމަށް ރިވެތި މިސާލަކަށް ނުވާނެއެވެ. ގާސިމް އިބްރާހިމްއަކީ ރާއްޖޭގެ ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. 

ކޮންމެ ސަރުކާރެއް ބަދަލުކުރުމުގައި ގާސިމް އިބްރާހިމްގެ ތާއީދު ނެތި މިހާތަނަށް އެކަންވެފައި ނުވެއެވެ. އެހެންވިޔަސް ގާސިމްގެ މައްޗަށް ކޯޓުންކޮށްފައިވާ ހުކުމަށް އަދި އިހްތިރާމްކުރަންޖެހެއެވެ. ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅެކެވެ. ގާނޫނީ ހުކޫމަތު ދެމެހެއްޓެވުމުގެ މިސާލު ރައްޔިތުންނަށް ދައްކަވަނީ ރައީސްއެވެ. 

އެކަން އެހެން ބާއްވާފައި ގާސިމް މާލެވަޑައިގެންނެވުމުން ފާހަގަކުރެވުނު އެހެންކަމެއް އެބައޮތެވެ. އިންތިޚާބީ ރައީސްއާއި ގާސިމް، ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖް ބޭނުން ނުކުރައްވައި ކަނޑުމަގު ޚިޔާރު ކުރެއްވުމެވެ. 

އިންތިޚާބީ ރައީސް މިހާތަނަށް އަދި ބްރިޖުން ދަތުރުފުޅު ކުރެއްވިކަމެއް ނޭގެއެވެ. މާބޮޑު ކަމެއް ވެގެންނެއްނޫނެވެ. ހުޅުލެއާއި މާލެއާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ އެއްގަމު މަގު އޮއްވައި ކަނޑުމަގު ޚިޔާރުކުރެއްވީ ކީއްވެގެންބާއޭ ހިތަށް އެރީއެވެ. 

ރައީސް އަބްދުﷲ ޔާމީން މާބޮޑަށް ފަޚްރުވެރިވެވަޑައިގަންނަވާ ތަނަކަށް ބްރިޖްވާތީ އަދި ދަތުރުފުޅުކުރައްވަންބޭނުންފުޅުނުވަނީކަމަށް ވެދާނެއެވެ.

ގާސިމް މާލެވަޑައިގެންނެވުމުން ރަސްމީ ފާލަންދޮށުން އޭނާއަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށް ގިނަ މީހުން ހޫނު މަރުހަބާއެއް ކިޔެވެ. 

ކަރުގައި އެޅުވިގެންދިޔަ މާފަތިތަކުންނެވެ. ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒަށް ގާސިމް ވަޑައިގެންނެވުމުން ޖުމްހޫރީ ޕާޓީގެ ރަމްޒީ ތަޅުދަނޑު އެރުވުނެވެ. އެއީ ޕާޓީގެ ލީޑަރގެ ގޮތުގައި ހުންނަވަނިކޮށް ކުރިމަތިވި ޖަލު ހުކުމާއިގުޅިގެން ލީޑަރގެ ރޯލް އަދާނުކުރެއްވި ދުވަސްތަކެއް ދިޔުމަށްފަހު ލީޑަރުގެ ބާރުތައް އަލުން ހަވާލުކުރުމުގެ ގޮތުންނެވެ. 

އެއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުށެއްކުރައްވާފައިނުވާނެކަން ސާބިތުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. 

ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނީ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ކަންތައްތަކާއިމެދު ރައްޔިތުން ކަންބޮޑުވުމުންކަމުގައި ވިދާޅުވިއެވެ. 

ކިތަންމެ ގިނަ ތަރައްގީގެ މަޝްރޫއެއް ހިންގާފައިހުއްޓަސް އަދުލް އިންސާފު ދިވެހިންނަށް މާބޮޑުކަން ފާހަގަކުރެއްވިއެވެ. 

ތަރައްގީގެ މަޝްރޫއުތައްވެސް ސަރުކާރުން ހިންގާފައިވަނީ އަސްލު އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަން ފާހަގަކުރައްވައި ގާސިމްވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގި ވާހަކަ ކޮންމެހެން ދެއްކެން ނެތްކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ރައްޔިތުން މީހަކު ހޮވަނީ އެކަންކުރަންކަމަށްވާތީ އެވެ.

Advertisement

ކޮމެންޓް