ފެޝަންގެ ދުނިޔެއަށް އަނދިރި ދުވަހެއް: ކުޅަދާނަ ޑިސައިނާރ ކާލް ލާގާރފެލްޑް މަރުވެއްޖެ!

20 Feb 2019 | 06:47

އުމުރުން 85 އަހަރުގައި މަރުވި މަޤްބޫލް ފެޝަން ޑިސައިނާރ ކާރލް ލާގާރފެލްޑް ގެ ފެޝަން ކެރިއާރ ފެށިގެންދިޔައީ 1955 ވަނަ އަހަރު، "ބަލްމައިން" ބްރޭންޑްގެ ބާނީ ޕިއޭރ ބަލްމައިންގެ ދަށުން އޭނާ މަސައްކަތްކުރަން ފެށުމުންނެވެ.

ޖަރުމަނުވިލާތައް ނިސްބަތްވާ ކާލް ލާގާރފެލްޑް، ނުވަތަ ފެޝަންގެ ދުނިޔެއިން އޭނާ މަޝްހޫރުގޮތުންނަމަ "ދަ ކައިސާރ"، އަކީ ފަހުގެ ތާރީޚުގައި މުޅި ދުނިޔެ ދުއް އެންމެ ނުފޫޒުގަދަ އެއް ފެޝަން "އައިކޮން" އެވެ.

ލާގާރފެލްޑް ވަނީ އޭނާގެ ހަޔާތުގައި ގިނަ މަޝްހޫރު ބްރޭންޑްތަކަކާއި އެކު މަސައްކަތް ކޮށް، ފެޝަން ގެ ދުނިޔެއަށް މިހާރު އައިސްފައިވާ އެންމެ ބޮޑެތި ބައެއް ބަދަލުތައް ގެނައުމުގައި ޙިއްސާވެފައެވެ.

ކާރލް ލާގާރފެލްޑް ގެ ޑިސައިންތަކުން ވަނީ "ފެޝަން" އެ ބަސް ރޫޅާލާ، އަލުން އުފައްދާފަކަމަށް މި ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް އެއްބަސްވެއެވެ. އެގޮތުން ކާރލް ގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި އޭނާ "ޝަނެލް" އަދި "ފެންޑީ" ފަދަ މަޝްޙޫރު ބްރޭބްޑްތަކާއި ގުޅިގެން އުފައްދާފައިވާ ސްޓައިލްތައް ފާހަގަކޮށްލެވެއެވެ. އަދި އޭނާ މަރުވި އިރުވެސް ކާރލް ހުރީ ޕެރިސް ގެ އެންމެ ކާމިޔާބު އެއް ފެޝަން ހައުސް ކަމަށްވާ "ޝަނެލް" ގެ އިތުރުން "ފެންޑީ" ބްރޭންޑްގެވެސް ކްރިއޭޓިވް ޑައިރެކްޓާރ ގެ މަގާމުގައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި، ފަހުގެ އަހަރުތަކުގައި ފްރާންސް ގެ ޕެރިސް ދުނިޔޭގެ "ފެޝަން ކެޕިޓަލް" ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ އޭނާގެ ހަޔާތުގައި މޮޑާރން ފެޝަން އަށް ކާރލް ވެދިން ގިނަ ޚިދުމަތްތަކެވެ.

އަމިއްލަ ސްޓައިލް އިންވެސް މީހުންގެ ސަމާލުކަން ފަސޭހައިން ހޯދައިގަތުމުގެ ސިފަ ކާރލް ގެ ކިބައިގައި ހުރި އިރު، އޭނާ މަރުވުމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން ފެޝަން ގެ ދުނިޔެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެއް ޝަޙްސިއްޔަތު ކަމަށްވާ "ވޭރސާޗީ" ކުންފުނީގެ ނައިބު ރައީސް ޑޮނަޓެލާ ވޭރސާޗީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކާރލްއަށް ތަޢުރީފުކޮށްފައެވެ. އަދި މީގެ އިތުރުން އެކި ގޮތްގޮތުން ފެޝަން އާއި ގުޅުން ހުރި ފަރާތްތަކުގެ ތެރެއިން ޖީޖީ ހަދީދް، ވިކްޓޯރިއާ ބެކަމް، އަނާ ވިންޓޯޜ އަދި ލިންޑާ އެވެންޖަލިސްޓާ ވެސް ވަނީ ކާރލް ގެ މަރާއި ގުޅިގެން އޭނާގެ އާދަޔާ ޚިލާފު ހުނަރުގެ ހަނދާން އާކޮށްފައެވެ.

Advertisement

ކޮމެންޓް