ޕާކިސްތާނުގެ ޕްރައިމް މިނިސްޓާރ މަޝްވަރާ ކުރުމަށް ތައްޔާރު: އިމްރާން

20 Feb 2019 | 12:35

މިދިޔަ އަހަރު އިންތިހާބުވެވަޑައިގެންނެވި ޕާކިސްތާނުގެ ޕްރައިމް މިނިސްޓާރ އަދި "ޕާކިސްތާން މޫވްމެންޓް ފޮރ ޖަސްޓިސް" ގެ ލީޑަރ އިމްރާން ޚާން ވަނީ އިންޑިއާއާއި ޕާކިސްތާނުގެ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާއި ގުޅިގެން މަޝްވަރާ ކުރަން ތައްޔާރުކަމަށް ހާމަކޮށްފައެވެ.

މިދިޔަ ހަފްތާގައި އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގެ ސަރަހައްދުގައި އަމިއްލައަށް މަރުވެގެން މީހަކު އެއްޗެއް ގޮއްވާލުމާއި ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނަށް ރައްދު ހަމަލާއެއް ދޭނެކަމުގެ އިޝާރާތެއް ކޮށްފައެވެ.

ޕާކިސްތާނުގެ ޕްރައިމް މިނިސްޓާރ އިމްރާން ޚާން ވަނީ އިތުރު ހަމަނުޖެހުންތަކާއި ދުރުވުމަށް ދިއްލީއަށް ލަފާކޮށް، މަޝްވަރާގެ މަގު ޚިޔާރުކުރައްވަން ބޭނުންފުޅުވާކަމަށް ހާމަކޮށްފައެވެ.

އިމްރާން ޚާން ވިދާޅުވީ މަދުވެގެން 40 އިންޑިއާ ސިފައިންގެ ފުރާނަ ގެއްލިގެންދިޔަ ކަޝްމީރު ޙަމަލާއަށްފަހު ދެންވެސް ވީ "ހެޔޮ ވިސްނުން" ޚިޔާރުކުރަންކަމަށާއި، އެހެންނަމަވެސް އިންޑިއާގެ ފަރާތުން ނުރައްކާއެއް ކުރިމަތިވެއްޖެ ނަމަ ރައްދު ދިނުމުގައި ޕާކިސްތާނުން ފަސްނުޖެހޭނެކަމަށެވެ. އަދި މި ދަނޑިވަޅުގައި އ.ދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް ވަނީ ދެ ގައުމަށްވެސް ވީހާވެސް ސުލްހަވެރިކޮށް މި މައްސަލަ ޙައްލުކުރުމުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

އިނގިރޭސިންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވުމަށްފަހު އިންޑިއާ އާއި ޕާކިސްތާން ދެމެދު ހިނގައިދިޔަ 3 ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމަ ކޮށްފައިވާ ވަނީ ބައިބައިވެފައިވާ ކަޝްމީރުގެ މައްސަލައިގައެވެ. އިންޑިއާ އާއި ޕާކިސްތާން ދެ ޤައުމުންވެސް ދަޢުވާކުރާ ގޮތުގައި ކަޝްމީރަކީ އެ ގައުމެއްގެ ސަރަޙައްދުގެ ބައެކެވެ. އަދި ހިމާލަޔާ ހިސާބުގަނޑުގެ މުސްތަޤްބަލް ހިމާޔަތްކުރުމުގެ ގޮތުން އ.ދ. އިން 1948 ވަނަ އަހަރު މި ސަރަހައްދުގައި ހަމަނުޖެހުން ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، 1949 ވަނަ އަހަރު ވަނީ ކަޝްމީރުގައި ހަރަކާތްތެރިވާނެ ޕީސްކީޕިންގް މިޝަން އެއްވެސް ޤާއިމްކޮށްފައެވެ.

Advertisement

ކޮމެންޓް