އެމްއެމްޕީއާރްސީގެ ޚިޔާނަތާއިގުޅޭ ވޮއިސްގެ އެނައިލިސިސް
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ރަށްތަކާއި ފަޅުތައް ދޫކުރުމަށްފަހު ދައުލަތަށްލިބުނު 1.311 ބިލިޔަން ރުފިޔާ، އެމްއެމްޕީއާރްސީނޫން ފަރާތްތަކަށް ޖަމާކުރުމަށް އަންގާފައިނުވާނެކަމަށްބުނެ ބޮޑުވައްކަމުގެ ހުރިހައިޒިންމާއެއް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އަޅުވާފައިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިންޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ބޮލުގައިކަން އޭސީސީގެ ރިޕޯޓްދިރާސާކުރުމުން ފާހަގަކުރެވެއެވެ.
އަދީބުގެ ބަޔާނުގައި ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންއާއި މަޝްވަރާކުރުމަށްފަހު ނިންމިފައިވަނީ ރަށްތަކާއި ފަޅުތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށްފަހު އަހަރު ނިމުމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ޖަމާކުރާގޮތަށް ކަމަށެވެ. އެނޫންގޮތަކަށް އަބްދުﷲ ޒިޔާތު ގާތު ބުނެފައިނުވާނެކަމަށާއި ޒިޔާތު އެފައިސާއެއް ހެދިގޮތެއް ނޭގޭކަމަށްވެސް އަދީބު ބުނެފައިވެއެވެ.
އަދީބުގެ ބަޔާނާއިގުޅިގެން އޭސީސީގެ ތަހްގީގު ޓީމުން އެމްއެމްޕީއާރްސީގެ އެމްޑީ ޒިޔާތުއާ ސުވާލުކުރުމުން އޭނާ ބަޔާންދީފައިވަނީ 2014 ވަނަ އަހަރުގެ އެޕްރީލް ހިސާބުގައި ޓޫރިޒަމް މިނިސްޓަރ އަދީބު ސޮއިކުރައްވައި މިނިސްޓްރީގެ ލެޓަރހެޑްގައި އިނގިރޭސިބަހުން ލިޔެ އޭނާއަށް ފޮނުވި ސިޓީއެއްގައި އެމްއެމްޕީއާރްސީއަށް ބަލައިގަންނަ ފައިސާ މީރާއަށް ޖަމާކުރަން ޓޫރިޒަމް މިނިސްޓަރާއި ފައިސާ ހަވާލުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މިނިސްޓަރާއި ހަވާލުކުރަން ޗެކްތައް ފޮނުވާއިރު ޗެކްގެ ނުފުށުގައި އެމްއެމްޕީއާރްސީގެ އެމްޑީގެ ސޮއިކޮށް އޮފީސްތައްގަނޑުޖަހައި އެންޑޯޒްކުރަން އެސިޓީގައި އަންގާފައި އޮންނަކަމަށްވެސް ބުނެފައިވެއެވެ.
އޭނާގެ ބަޔާނުގައި ބުނެފައިވަނީ ފަޅުތަކާއި ރަށްތަކުގެ ޕޭމަންޓް އެމްއެމްޕީއާރްސީއަށް ބަލައިގަތްނަމަވެސް އަދީބު އެންގުމުން ނޫނީ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާނުކުރަން މިނިސްޓަރ އަންގާފައި އޮންކަމަށެވެ. އެހެންވެ އެގޮތަށް އޭނާ އަމަލުކުރަމުންދިޔައީކަމަށާއި މިނިސްޓަރާއި ޗެކްތައް ހަވާލުކުރާއިރު އަދީބަށް އޮންނަ އިތުބާރެއްގެ ސަބަބުން ޗެކްތައް ހަވާލުކުރާކަމުގެ ލިއުން ނުހޯދާކަމަށް އޭނާ ބުނެފައިވެއެވެ.
ޒިޔާތު ބުނެފައިވަނީ އޭނާ ޗެކްތައް ހަވާލުކުރުމުން އެފައިސާ މީރާއަށް ޖަމާކުރަމުންދާކަމަށް އަދީބު ބުނެފައިވާތީ އިތުރަށް އެކަންއޮޅުންފިލުވަން އޭނާ މަސައްކަތް ނުކުރާކަމަށެވެ.
އަހުމަދު އަދީބު އޭސީސީގައި ބުނެފައިވަނީ ޔިޒާތު ދައްކާފައިވަނީ ހުސްދޮގުކަމަށެވެ. އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާގެ ޗެކެއްގެ ފަހަތުގައި ސޮއިކޮށް މިނިސްޓަރަށް ފޮނުވަން އަންގާފައިނުވާނެކަމަށާއި އެފަދަ ޗެކަކާއިވެސް އޭނާ ހަވާލުވެފައިނުވާނެކަމަށެވެ.
އަދީބު ބުނެފައިވަނީ ޒިޔާތު ފުލުހުންނަށްދީފައިވާ ތަހްގީގު ބަޔާނެއްގައި އޭނާގެ ބޮލުގައި ހުރިހާކަމެއް އަޅުވާފައިވާކަން އޭނާއަށް އެގިފައިވާކަމަށެވެ. އެއީ އޭނާގެ ބޮލުގައި ހުރިހައިކަމެއް އަޅުވައިފިއްޔާ ލުއިތަކެއްލިބޭނެކަމަށް ފުލުހުންބުނެގެންދެއްކި ވާހަކަތަކެއްކަމަށް އެގިފައިވާކަމަށްވެސް އޭސީސީގައި ބުނެފައިވެއެވެ.
ޒިޔާތުގެ ވާހަކައިން އެގެނީ އެމްއެމްޕީއާރްސީއަށް އަންނަ ޗެކް އަދީބާއި ހަވާލުކުރަނީ ރަށްތައް ކުއްޔަށްދޭ އެގްރިމެންޓްގައި ސޮއިކުރާއިރު ސޮއިކުރާފަރާތުން ޗެކްދިނުމުން ޗެކްގެ ބޭރުގައި އޭނާ ސޮއިކޮށް ތައްގަނޑުޖަހާފައި ވަގުތުންކަމެވެ.
އެކަމަކު އަދީބު ބުނެފައިވަނީ ކުއްޔަށްދޭ އެގްރިމެންޓްގައި ސޮއިކުރާއިރު ކުންފުނިތަކުން ޒިޔަތާއި ޗެކްހަވާލުކުރާކަން އޭނާއަށް އެގޭކަމަށާއި އޭނާއާއި ހަވާލުނުކުރާކަމަށާއި އެޗެކްތަކަށް ޒިޔާތު ހަދާގޮތެއް އޭނާއަށް ނޭގޭކަމަށެވެ.
އެމްއެމްޕީއާރްސީގެ ރިޕޯޓުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ އެކުންފުނިންދައުލަތަށް ދައްކަންޖެހޭ ފައިސާ ކަހާލި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްކިޔާ ކުންފުންޏެއް އެއްގޮތަކަށްވެސް ނުދަންނަކަމަށް އަދީބު ބުނުމުންނެވެ. "އެއްވެސް ފައިސާއެއް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއަށް ޖަމާވިކަމުގެ މަޢުލޫމާތެއްވެސް އޭނާއަށް ނޭނގޭ ކަމަށާއި، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގައި އޭނާއާ އެއްވެސް ގާތް ގުޅުމެއް އޮންނަ ފަރާތެއް ނޫޅޭނެ ކަމަށާއި އެކުންފުންޏަށް ފައިސާ ޖަމާކުރަން އެއްވެސް ފަރާތަކަށް އަންގާފައިނުވާނެކަމަށް" ބަޔާނުގައި ވެއެވެ.
މިގޮތަށް އޭނާ ބަޔާންދީފައިވީނަމަވެސް އެމްއެމްޕީއާރްސީގެ ފައިސާ ދީފައިވާ މީހުންގެތެރޭގައި އަދީބުގެ ގާތްތިމާގެ މީހުންނާއި އަނބިކަނބަލުންގެ ގާތްތިމާގެ މީހުން ހިމެނެއެވެ. އެކަމަކު އޭނާއާއި އޭނާގެ އަންހެނުންގެ އެކައުންޓަށް އެއްވެސް ފައިސާއެއް ވައްދާފައެއް ނުވެއެވެ.
އެސްއޯއެފް ކިޔާ ކުންފުންޏަކާއި އެކުންފުނީގައި އުޅޭ މީހުން ނުދަންނަކަމަށް އަދީބު ބުނެފައިވީނަމަވެސް ވައްކަމުގައި ބައިވެރިވި މީހުން އޭނާއާއި މުއާމަލާތްކުރާކަން އެމީހުންގެ ބަޔާންތަކުން އެގެއެވެ. އަލްޖަޒީރާއިން ހެދި ސްޓީލިން ޕެރަޑައިޒްގައި މައުލޫމާތުދީފައިވާ އެސްއޯއެފްގެ ވެރިންގެ ވާހަކަތަކުންވެސް އެމީހުންނަށް ދައުލަތުގެ ފައިސާ ލޯންޑަރކުރަން އަދީބުއާއި މުއާމަލާތުކުރާކަން އެގެއެވެ.
އޭސީސީގެ ބަޔާނުގައިވެއެވެ. " އެމް.އެމް.ޕީ .އާރް.ސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާ ގުޅުންހުރި ފަރާތްތަކަށް ދޫކޮށްފައިވާ ފައިސާ އެމް.އެމް.ޕީ.އާރް.ސީއަށް ލިބެންޖެހޭ ފައިސާ އެސް.އޯ.އެފް މެދުވެރިކޮށް ލޯންޑަރ ކުރުމުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާ ގުޅުންހުރި ކުންފުނިތައް ބޭނުންކޮށްފައިވެއެވެ"
އެމް.އެމް.ޕީ.އާރް.ސ އިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކުގެ ތެރެއިން އެއްބަސްވުން ހަދައިފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުންޏަށް، ނުވަދިހަ އެއްމިލިޔަން ނުވަދިހަ ފަސްހާސް އެމެރިކާ ޑޮލަރު ލިބެންޖެހޭއިރު ، އެފައިސާގެތެރެއިން ފަންސާސް ނުވަ މިލިޔަން ހަތަރު ލައްކަ ފަންސާސް ފަސްހާސް އެމެރިކާ ޑޮލަރު ވަދެފައިވަނީ އެސްއޯއެފްގެ އެކައުންޓުތަކަށެވެ. ދައުލަތަށްވަދެފައިވަނީ އެންމެ ބާރަ މިލިޔަން ފަސްލައްކަ ޑޮލަރެވެ. މި ބާރަ މިލިޔަންގެތެރެއިންވެސް ފަސްމިލިޔަން ޑޮލަރު އަނެއްކާ ފިކްސްޑް ޓާރމް ޕްރޮމިސަރ ނޯޓްތަކެއް ހަދައިގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވެއެވެ. އެހެންކަމުން ޖުމްލަ ފަސްދޮޅޮސް ހަތަރު މިލިޔަން އަށްލައްކަ ޑޮލަރު އެސްއޯއެފަށް ވައްދާފައިވެއެވެ.
އެސްއޯއެފްގެ އިތުރަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްކިޔާ ކުންފުންޏަކަށް 6 މިލިޔަން 5 ލައްކަ ޑޮލަރު ވައްދާފައިވެއެވެ. ޑޮލަރުގެ އިތުރަށް އެމް.އެމް.ޕ .އާރ.ސީ މެދުވެރިކޮށް ޚިޔާނާތުގެ ގޮތުގައި ދިވެހި ރުފިޔާއިން ނަގާފައިވާ ފައިސާގެ ތެރެއިން މިލޭނިއަމް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް 38 މިލިޔަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް ސަތޭކަ ހަތާވީސް މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެއެވެ.
މިއީ އެމްއެމްޕީއާރްސީއަށް ޑޮލަރުގަތުމުގެ ނަމުގައި ޖަމާކޮށްފައިވާ ފައިސާއެވެ. ޚަރަދުކުރުމަށް ޕޭމަންޓް ވައުޗަރ ތަކުގައި ސޮއިކޮށްފައިވާ އެއް ފަރާތްތަކީ އެމް.އެމް.ޕީ .އާރް.ސީ ގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޒިޔާތުއެވެ. އެކަމަކު މީނާ ހަދާންހުރީ މީގެތެރެއިން 22 މިލިޔަން ރުފިޔާ ދިން ހަނދާނެކެވެ.
އެފައިސާދިނީވެސް ކޮންކަމަކުކަމެއް ހަނދާނަކު ނެތެވެ. އެހެންކަމުން އޭސީސީން ބެލީ އޭނާ މިމައްސަލާގައި ހަނުހުރުން ޚިޔާރުކުރީކަމަށެވެ. އޭސީސީގެ ބަޔާންތަކުންނާއި އަދި އަދީބާއި ޒިޔާތު ދީފައިވާ ބަޔާންތަކަށްބަލާއިރު އެމްއެމްޕީއާރްސީގެ ވައްކަމުގެ މައި ދެވަގުންނަކީ މިދެމީހުންނެވެ. ޒިޔާތު އެކަންކުރަމުންދިޔައީ އެމްއެމްޕީއާރްސީގެ ބޯޑުގެ ނިންމުމުގެ ގޮތުގައި ވަގުލިއުންތައް ބޭނުންކޮށްގެންނެވެ.
އެމްއެމްޕީއާރްސީގައި ހިންގި ޚިޔާނަތުގެ ފައިސާ އެސްއޯއެފްއަށް ކަހާލާފައިވަނީ އެކުންފުނިން ބޭންކް އޮފް މޯލްޑިވްސްއާއި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓްތަކަކަށެވެ. ރިޕޯޓްގައި ބޭންކް އޮފް މޯލްޑިވްސްއާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އިހްމާލުތައްވެސް ފާހަގަކޮށްފައިވެއެވެ.
މީގެތެރެއިން 54 މިލިޔަން ޑޮލަރު ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައިވާ އެކައުންޓްތަކަށެވެ. ފައިސާ ޖަމާކުރުމަށްފަހު ބޭންކުތަކުގައި ހުރި އެސްއޯއެފްގެ އެކައުންޓްތަކުން އެއްފަހަރާ 19 މިލިޔަނުން 15 މިލިޔަނުން 12 މިލިޔަނުން 10 މިލިޔަން ރުފިޔާއިން ވިތްޑްރޯކުރަމުންގެންގޮސްފައިވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނަތާގުޅޭގޮތުން މީޑިއާތަކާއި ސިޔާސީ ފަރާތްތަކުން އުފެއްދި އެންމެ ބޮޑު ސުވާލަކީ ރައީސް އަބްދުﷲ ޔާމީން މިވައްކަމުގައި ބައިވެރިވާ މިންވަރެކެވެ. ރާއްޖޭގެ އޮޕޮޒިޝަންޕާޓީތަކުންނާއި މީޑިއާއިން ތުހުމަތުކުރަނީ އެމްއެމްޕީއާރްސީގެ ވައްކަމުގެ އެންމެ އިސް ފަރާތަކީ ރައީސް އަބްދުﷲ ޔާމީނުކަމަށެވެ.
އަދީބު ބުނެފައިވަނީ ލިޔެކިޔުން ނެތަސް އޭނާ ހުރިހައިކަމެއްވެސް ކުރީ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިންކަމަށެވެ. ވަކިވަކި ރަށްރަށް ދޭނެ ފަރާތްތަކާއި ރަށްރަށުގެ އިކުއިޒިޝަން ކޮސްޓް ކަނޑައަޅަނީވެސް ރައީސްއާއި މަޝްވަރާކުރައްވައި ވިދާޅުވާގޮތަކަށްކަމަށެވެ.
އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ވަކިރަށެއް ވަކިފަރާތަކަށް ދޫކުރަން އެއްވެސްމީހެއްގެގާތުގައި ވިދާޅުވެފައިނުވާނެކަމަށާއި ކަނޑައެޅިފައިވާ އުސޫލުން ބޭރުން އެއްވެސްކަމެއްކުރަން އަންގަވާފައިނުވާނެކަމަށެވެ. ރިސޯޓްހެދުމަށް ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކުން އެމަނިކުފާނާއިވެސް ބައްދަލުކުރާ ކަމަށާއި އެހުރިހައި ފަހަރެއްގައިވެސް ޓޫރިޒަމް މިނިސްޓްރީއަށް އެކަންކަން ރޫޓްކުރައްވާފައިވާނޭކަމަށެވެ.
ރައީސާއި މަޝްވަރާކުރާކަމަށް އަދީބު ބުނެފައިވީނަމަވެސް ރިސޯޓްހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތަފްސީލާއި ރަށްތައް ކުށްޔަށްދީގެން ސަރުކާރަށް ލިބޭ އާމްދަނީއެއް އޮޅުންފިލުއްވަން ރައީސް ބޭނުންފުޅުވެގެން ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓަރަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވާފައި އޮވެއެވެ.
އެސިޓީއަށް ޖަވާބުދީފައިނުވާކަން ފާހަގަކުރެވެއެވެ. އަދީބުބުނެފައިވަނީ އޭނާ ރައީސާއި ދައްކާފައިވާ ވާހަކަތައް ފޯން ލޮގްތަކުން އެގޭނެކަމަށެވެ. އެކަމަކު އެމުއްދަތުގެ ލޮގް ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުންވެސް މިހާރު ލިބެން ނުހުންނާތީ އޭސީސީއަކަށް އަދީބުގެ ވާހަކަ ތެދެއް ނުކުރެވެއެވެ.
ކޮންމެއަކަސް އެމްއެމްޕީއާރްސީގެ ވައްކަމާއި ރައީސް އަބްދުﷲ ޔާމީނާއި ގުޅުވައިގެން ވާހަކަދައްކަމުންދާ ދިޔަނަމަވެސް ސީދާ އެމަނިކުފާނުގެ ބައިވެރިވުމެއް އޮތްކަމަކަށް ތަހްގީގަކުން ނުދައްކައެވެ. ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ވައްދާފައިވާ އެއް މިލިޔަން ޑޮލަރަކީވެސް ރިޔާސީ ލޯންޗްކޮޅު އެއްޗެއް ގޮއްވާލުމުގެ ހާދިސާއާއިގުޅިގެން އަދީބުގެ މައްޗަށް ތުހުމަތުކުރެވިފައިވަނިކޮށް އެސްއޯއެފްގެ މެމްބަރަކު ލައްވައި އަދީބު ޖަމާކުރި ފައިސާކަން ފާހަގަކުރެވެން އޮވެއެވެ.
ސުވާލަކީ އެމްއެމްޕީއާރްސީގެ ތެރެއިން ދައިލަތުން ވަގަށްނަގާފައިވާ 1.311 ބިލިޔަން ރުފިޔާ ކޮބައިހެއްޔެވެ. މިފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުމަށްފަހު އަބުރައިނަގާފައިވާކަން އެގެއެވެ. އެއަށްފަހު ދެން އެފައިސާއަށްވީގޮތެއް ނޭނގެއެވެ. ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އެސްއޯއެފް މެދުވެރިކޮށް ބަހާފައިވަނީ ވަގަށް ނަގާފައިވާ އަދަދުގެ ވަރަށް ކުޑަ ނިސްބަތެކެވެ. ފައިސާ ޖަމާކުރި ކުންފުނިތަކާއި ވަކިވަކި މީހުންނާއި އަދި ފައިސާ ޖަމާކުރިމިންވަރު އޭސީސީގެ ބަޔާނުގައި ގެނެސްފައިވެއެވެ. ވަގަށް ނެގި ފައިސާ އެސްއޯއެފްގެ އެކައުންޓަކު މިހާރަކު ނެތެވެ. އަދީބާއި ޒިޔާތާއި އެމީހުންގެ އަނބިދަރިންގެ އެކައުންޓްތަކުގައި އެހުރިކަމަކަށްނުވެއެވެ. ދެން ފަހެ އެފައިސާތައް ކޮބައިހެއްޔެވެ. ރާއްޖެއިން ބޭރަށް ގެންދިޔައީ ހެއްޔެވެ. އެސްއޯއެފްގެ އިސްވެރިންތިބީ ތަނަވަސްކަމާއެކު ޔޫރަޕްގެ މުއްސަނދި ރަށްރަށުގައެވެ.
ވައްކަންހިގަމުންދިޔަދުވަސްވަރު އަހުމަދު އަދީބުގެ ކެރެކްޓަރއާއި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ގިނަބަޔަކު ހަދާން ހުންނާނެއެވެ. ކަރުގައި އަޅާ ފަލަފަށްތަކާއި އަތުގެ އިގިލިތަކުން ފެންނަ އަގުބޮޑު ބޮޑެތި އަނގޮޓިތަކާއި އަތުކުރީ ގަޑިތަކާއި ލާހެދުންތަކާއި އޭނާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ލޯކަލް ގޭންގްތަކާއި މަޖިލިސް މެމްބަރުންނާއި އަދި ދައުލަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށްވުރެވެސް ބާރުގަދަވެ މެކްސިކޯގެ މާފިޔާ ޖަމާއަތްތަކުގެ ރަސްކަލަކާއިވެސް ނުބައްދަލު ދަރަޖައަކަށް އޭނާގެ ދިރިއުޅުން ބަދަލުވެގެންދިޔައެވެ.
ސަރުކާރުގައި އޭނާގެ ބާރު އޮތް މިންވަރު ހާމަވެގެންދިޔައީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި ހާދިސާއަށްފަހު އޭނާގެ މައްޗަށް ތުހުމަތުކުރެވި ރައީސް އަބްދުﷲ ޔާމީން ގައުމާ މުޚާތަބުކުރެއްވިއިރު ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލް އަދީބް ހޯދާފައިވާކަމަށް ވިދާޅުވުމުންނެވެ. ލޯންޗް ގޮއްވައިލީ ފުލުހުންގެ އިންޓެލިޖެންސުން ރައީސަށް އަރުވަންޖެހޭ މައުލޫމާތު ނާރުވާތާ އެތައް މަހެއް ވޭތުވެގެންދިޔަފަހުންކަމަށް ޔާމީން ފާހަގަކުރައްވާފައިވެއެވެ.
ކޮންމެއަކަސް އެމްއެމްޕީއާރްސީގެ ޚިޔާނާތާއިގުޅޭގޮތުން އޭސީސީން އެކުލަވައިލި ތަހްގީގީ ރިޕޯޓުން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ދައުރު ކުޑަކުރެވޭނެގޮތެއްނެތެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists