Advertisement

ސާލިހްގެ ސަރުކާރު ބަދަލުވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިގަންނާނަން- މުނައްވަރު

23 Sep 2023 | 22:27
ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރު

އިޓްލޮސްއަށް ގޮސްގެން ދިވެހިރާއްޖޭގެ ސަރަހައްދުގެ ދެކުނުން ކަނޑުގެ ސަރަހައްދުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން އެއްބަސްވި އެއްބަސްވުން ބަދަލުކޮށް މޮރިޝަސްއަށް ދޫކޮށްލާފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމުގެ މަސައްކަތް ރައީސް ސާލިހްގެ ސަރުކާރު ބަދަލުވުމާއެކު ފުރަތަމަ ދުވަހުން ފެށިގެން ފަށައިގަންނާނެކަމުގައި ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން މުނައްވަރު ވިދާޅުވީ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު އެމައްސަލާގައި އަޑުއުފުއްލަވަމުން ގެންދަވާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު މިއޮތް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރު އޮވެގެން އެމަސައްކަތުގައި ކުރިއަށް ދެވެން ނެތްކަމަށް ވިދާޅުވިއެވެ.

އިޓްލޮސްއަށް ގޮސްގެން ދޫކޮށްލި ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބައިނަލް އަގުވާމީ ކަނޑުގެ މުއާހަދާތަކާއި ހުރިހައި ގާނޫންތަކަށް ބެލިނަމަވެސް ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައެއްކަން ސާފުކޮށް އެނގެއެވެ. އެކަމުގައި އޮޅުމެއް އަރައިގެން އުޅެނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި މިސަރުކާރުގެ ބަންޑާރަނާއިބް އިބްރާހީމް ރިފްއަތުއަށްކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައިކުރަން މޮރިޝަސްއިން އެޓްލޮސްއަށް މައްސަލަ ވައްދައިގެން އުޅޭކަން އެނގިވަޑައިގަތުމުން ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވުމުން ސަރުކާރުން އަޅާނުލިކަމަށެވެ.

" ދެން މިމައްސަލަ މޮރިޝަސްއިން ޓްރައިބިއުނަލަށް ލީކަން އަޅުގަނޑަށް އެނގިގެން، އަޅުގަނޑު ބައްދަލުކޮށްފިން ޝާހިދު ( ފޮރިން މިނިސްޓަރ )އާއި. އެއީ ރަށްޓެއްސެއްވީމާ. ބައްދަލުކޮށްފައި އަޅުގަނޑު ބުނެފިން ޝާހިދޭ، މިމައްސަލަ މޮރިޝަސްއިން ހުށަހަޅައިފިޔޭ. ނޭނގެއޭ ޝާހިދަށް އެނގޭކަމެއް. އެކަމަކު އަޅުގަނޑު އަހާލަންބޭނުމޭ. 200 މޭލަށް ރާއްޖޭގެ ސަރަހައްދު ކުރެހީ އަޅުގަނޑޭ. އަޅުގަނޑު ދުނިޔޭގައި ހެޔޮހާލުގައި ހުއްޓާ އަހާލަންވާނެކަންނޭގެއޭ އަޅުގަނޑުކުރެން ކިހިނެތްތޯ ފުރަތަމަ ( ސަރަހައްދީ ރޮނގު ) ދެމީ. އޭރުންތާއޭ އެގޭނީ ދެމި ސަބަބު. ދެން ޝާހިދޭ މިމައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެކޭ ޖޯކެއްނޫނޭ. ދެން އެވާހަކަ ދައްކާފައި އޭގެ ތިން ހަތަރު ދުވަހެއް ފަހުން އަނެއްކާވެސް ޝާހިދާ ދިމާވެއްޖެ. ވިދާޅުވެއްޖެ، ތިމަންނަ ރައީސްގެ ސަމާލުކަމަށް ގެނައިމޭ. ރައީސް ވިދާޅުވިއޭ ތިމައްސަލަ ގެންދާނީ މުނައްވަރުގެ ބެލުމުގެ ދަށުން މުނައްވަރުގެ މަޝްވަރާއާއެކުގައޭ. އެހެން ޝާހިދު ވިދާޅުވި، އަޅުގަނޑަކަށް ނޭގޭ ތެދެއްކަމެއް ދޮގެއްކަމެއް" މުނައްވަރު ވިދާޅުވިއެވެ.

ރައީސް ސާލިހް ( ވ) އަދި ޝާހިދު

އިޓޮލޮސްގައި އެމައްސަލަ ބަލަމުން ދިވެހިސަރުކާރުން އިޖްރާއީ ނުކުތާ ނަގަމުން އެނުކުތާތައް ފޭލްވަމުންދިޔައިރުވެސް ސަރުކާރުން އެއްވެސް ކަމެއް އޮޅުންފިލުވާލަން ނާހާކަމުގައި މުނައްވަރު ވިދާޅުވިއެވެ.

"ރައީސް ސާލިހާއި އެޓަރނީޖެނެރަލަށްވެސް މިވީ ކީއްކަމެއް ނޭނގޭ"

ޗާގޯސްގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން ދައުވާކުރަމުން އައިސް ރާއްޖެއާ ވާހަކަ ދައްކަން ބޭނުންވުމުން ރާއްޖެއިން އެކަމުގައި ވަކި ޖަވާބެއް ނުލިބޭތީ މޮރިޝަސްއިން ދިޔައީ އިންޓަރނޭޝަނަލް ޓްރެބިއުނަލް ފޯރ ލޯ އޮފް ދަ ސީ ( އިޓްލޮސް ) އަށެވެ. މޮރިޝަސްއިން ބޭނުންވީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭފަރާތެއް ކަނޑަނޭޅެނީސް ދިވެހިރާއްޖޭގެ ސަރަހައްދުން އެމީހުން ބޭނުންވާ ސަރަހައްދު ބައިކޮށްގެން ހޯދުމަށެވެ. ދިވެހި ސަރުކާރުން ކަނޑައެޅި ގާނޫނީ ވަކީލުންގެ ޓީމުން ނެގީ އިޖްރާއީ މައްސަލައެކެވެ. އޭގައި ބުނީ މޮރިޝަސްއިން ލައިގެން އުޅެނީ އަސްލު ސަރަހައްދު ބައިކުރުމުގެ މައްސަލައެއް ނޫންކަމަށެވެ. އެއީ މޮރިޝަސް މީހުން ޗާގޯސްގެ މައްޗަށް ކުރާ ދައުވާއަށް ބާރުހޯދުމަށް، އެމީހުންގެ ސޮވޮރިނިޓީ ޗާގޯސްގެ މައްޗަށް ކަށަވަރުކުރުމަށް ވަލުދޮރޯށިން ލައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އެކަމަކު ޓްރެބިއުނަލުން ނިންމީ ނޫނެކެވެ. މޮރިޝަސް މީހުން ލައިގެން އުޅޭ މައްސަލައަކީ ސަރަހައްދު ބައިކުރުމުގެ މައްސަލައެކެވެ. އެހެންވީމާ އެމައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ބަންޑާރަ ނާއިބް އިބްރާހީމް ރިފްއަތު

" އެމައްސަލަ ޓްރެބިއުނަލްގައި ބަލަމުން، އަޅުގަނޑު މީހުންކުރެން އޮޅުންފިލުވަމުންގޮސް އަޅުގަނޑަށް އެނގިއްޖެ، ދިވެހި ޜާއްޖެއިން ފައިނަލް ސްޓޭޓް މަންޓް ހުށަހަޅަން ޖެހޭކަން. ދެން އަޅުގަނޑު ގުޅައިފިން އަބްދުﷲ ޝާހިދަށް. ގުޅީމާ ފޯން ނުނަންގަވާތީ އަޅުގަނޑު ބަލައިފިން ޝާހިދުކޮބައިތޯ. ފޮރިން ސެކްރެޓަރީ ލަތީފަށް ގުޅީމާ ބުނެފި ޝާހިދު މިހާރުވާނީ ގަތަރުގައޭ.

ދެން އަޅުގަނޑު ބުނެފިން ވަރަށް ބޮޑުކަމެއް ކޮށްލަދީބަލާށޭ. މާދަން ނޫން އަނެއް ދުވަހު ދިވެހި ސަރުކާރުން މިމައްސަލާގައި ސްޓޭޓްމަންޓެއް އެބަހުށަހަޅައޭ. އެހެންވީމާ މިހާރު ހުންނާނީ އެ ސްޓޭޓްމަންޓް ރެޑީވެފަ ނޫންހެއްޔޭ، އެހެންވީމާ ބަލާލަދީބަލާށޭ އަހަރެން މިބުނާ ތިން ނުކުތާ އޭގައި އޮތްތޯ"

މުނައްވަރު ފާހަގަކުރެއްވި ފުރަތަމަ ކަމަކީ ޗާގޯސް އައިލެންޑްސްގެ ސޮވޮރިނިޓީ އެއްވެސް ބަޔަކަށް ކަށަވަރުނުވަނީސް އެއްވެސް ފަރާތަކަށް ކަނޑު ބައިކުރުމާބެހޭ މައްސަލައެއް ހުށަހެޅިގެން ނުވާނެ ކަމެވެ.

ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ދުކުނުން ކަނޑުގެ ސަރަހައްދަކީ ދިވެހިން ދިރިއުޅުމަށްޓަކާ އެތަނުން ކައިބޮއިހަދާ ތަނަކަށްވެފައި ޗާގޯސްގައި އެއްވެސް ބަޔަކު ނެތީސް އެބަޔަކަށް އިގްތިސާދީ ސަރަހައްދެއް ނުލިބޭނެ ކަމެވެ.

ތިންވަނަ ނުކުތާއަކީ ދިވެހިންނަކީ ސީދާ ކައިގެން ބޮއިގެން އުޅުމަށްޓަކާ މަސްވެރިކަން ކުރާ ބަޔަކަށްވުމުން އެހެން ބަޔަކަށް ކޮމާޝަލް މަސްވެރިކަމެއް ކުރުމަށް ދެވޭނީ ދިވެހިރާއްޖެއިން ބޭނުންވާ ބަޔެއް ނެގުމަށްފަހުގައި ކަމެވެ. މޮރިޝަސްއަކީ މަސްވެރިކަން ކުރާ ގައުމެއް ނޫނެވެ. އެމީހުންނަކީ ވިޔަފާރީގެ ބޭނުމަށް މަސްވެރިކަންކުރަން ލައިސަންސް ދޫކުރާ ގައުމެކެވެ.

" އަޅުގަނޑުގެ ވާހަކައަކީ މިއީ ދިވެހި ރާއްޖޭގެ ސަރަހައްދާގުޅޭ ވަރަށް ސީރިއަސް މައްސަލައެކޭ. ދިވެހި މަސްވެރިންގެ މަސްކަނޑުތަކާގުޅޭ މައްސަލައެކޭ. ރާއްޖޭގެ އާބާދީއާއި އިގްތިސާދަށް ވަރަށް މުހިއްމު މައްސަލައެކޭ. ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިގެން އެކަންކުރައްވާށޭ. އެފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ޑިފެންސް މިނިސްޓްރީއާއި މިހުރިހާ ފަރާތްތައްވެސް ހިމެނެންޖެހެނޭނެއޭ. އަޅުގަނޑު އެވާހަކަ ބުނީމާ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނަނީ ތިމަންނަމެން މިހަދަނީ ރަގަޅަށޭ"

މުނައްވަރު ވިދާޅުވީ ހަގީގަތުގައި އެޓަރނީޖެނަރަލަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށްވެސް މިކުރެވެނީ ކޮންކަމެއްކަން ސާފުނުވާ ކަމަށެވެ.

" މިވަރުގެ ބޮޑު މައްސަލައެއްގައި އަޅުގަނޑާއިދިމާއަށް ހޯހޯގޮވައި މައިބަފައިންނަށް ގޮވިޔަސް އެކަމެއް ހައްލެއްނުވާނެތާ. ދެން އަޅުގަނޑަށް އެގިފައިވާގޮތުގައި އިބްރާހީމް މުހއްމަދު ސާލިހަށް އެގުނީވެސް އަޅުގަނޑު މިމައްސަލާގައި ޕްރެސްކޮންފަރެންސެއް ބާއްވައި އިންޓަވިއުދިނީމާ. އެޓަރނީޖެނެރަލް ކުރެން މިވެގެން އުޅޭގޮތް އެއްސެވީމާ އަޅުގަނޑުމެން ދެންނެވިން ނޫންތޯއޭ ކިޔާ ތެޅިގެންފައި ރައީސް އޮފީހުގައި ނޫސްކޮންފަރެންސެއް ބާއްވާލީ. އަދިވެސް މިފަކީރަކަށް ނޭގޭ މިވެގެން އުޅޭގޮތެއް. އަޅުގަނޑަށް ޔަގީން ނޭގޭނެކަން. އެއީ އެޓަރނީޖެނެރަލާއި ލޯޔަރަށް މީތި އަންޑަސްޓޭނޑް ނުވެގެން އުޅޭއިރު ކިހިނެތްތޯ އިބްރާހިމް މުހައްމަދު ސާލިހަށް އެގިވަޑައިގަންނަވާނީ"

ކަނޑުބައިކުރަން ނިންމިއިރު ޗާގޯސްގެ ރަށްތަކެއް މޮރިޝަސްއަކަށް އަދި ނުލިބޭ

ޑޮކްޓަރ މުނައްވަރު ވިދާޅުވީ ޗާގޯސް ރަށްތަކުގެ ސޮވޮރިނިޓީ އަދި ކަށަވރު ނުވާކަމަށެވެ. އެރަށްތައް މޮރިޝަސްއަކަށް އަދި ނުލިބެއެވެ. ނުލިބެނީސް ކަނޑުގެ ސަރަހައްދު ބައިކުރުމަށް ދައުވާކުރުމުގެ ހައްގު ލިބުނުގޮތެއް އެމީހުން ސާފުކޮށްދޭންޖެހޭނެއެވެ. ބައިނަލް އަގުވާމީ ކޯޓުން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނަނީ ޗާގޯސްއަކީ ކޮލޮނައިޒްކޮށްފައި އޮތް ރަށްތަކެއް ކަމަށެވެ. އެރަށްތަކުގެ ހައްގުވެރި ފަރާތަށް އެރަށްތައްދޭނަމަ އެރަށްތައް ޑިކޮލޮނައިޒްކުރަން ޖެހެއެވެ. ޑިކްލޮނައިޒްކުރާއިރު އެރަށްތަކަކީ ކޮންބައެއްގެ ރަށްތަކެއްތޯއެވެ. އެރަށްތައް އަޅުވެތި ކުރުމުގެ ތާރީޚަށްބަލާއިރު މޮރިޝަސްގައި ދައުލަތެއް އުފެދުމުގެ މާކުރިން ޗާގޯސްގެ ރަށްތައް އޮތީ އަޅުވެތިކޮށްފައެވެ. ކުރީޒަމާނުގައި ދިވެހި ރަސްރަސްކަލުން ފޮނުވި ސިޓީތަކުގައި އެއީ ދިވެހިރާއްޖޭގެ ރަށްތަކެއްކަމަށް ބުނެފައި އެބަހުއްޓެވެ. 1902 އިން 1905 ހިސާބުގައި ދުނިޔޭގެ ނޫސްތައް ނުކުތްއިރު ޑިއަގޯގާސިއާއަކީ ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތައްކަމަށް ދުނިޔޭގެ ނޫސްތަކުގައި ލިޔެފައި އެބަހުއްޓެވެ. މޮރިޝަސްގެ ވާހަކައެއް ނުދައްކައެވެ. އެހެންވީމާ އެރަށްތަކަކީ ޖިއޮގަރަފީގެ ގޮތުންބެލިޔަސް އަދި ތާރީޚީ ގޮތުން ބެލިޔަސް ރާއްޖެއަށް މާ އައުލާކަންބޮޑު ރަށްތަކެކެވެ.

ބައިކުރި ކަނޑުގެ ސަރަހައްދު

މުނައްވަރު ވިދާޅުވީ މިސަރުކާރު ބަދަލުވުމާއެކު ފުރަތަމަ ދުވަހުން ފެށިގެން ދިވެހިރާއްޖެއިން މަސައްކަތް ފަށައިގަތުމަށް ދުނިޔޭގެ އާކައިވްތަކުން ހޯދަންޖެހޭ ލިޔެކިޔުންތަކާއި އެހެންގޮތްގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން ގެންދަވާކަމުގައެވެ. ޗާގޯސް ރަށްތަކުގެ މިލްކުވެރިކަމާމެދު ދައުވާކުރަންޖެހުނަސް އެކަންކުރާނެކަމަށް ވިދާޅުވިއެވެ. މިހާރުގެ އޮޕޮޒިޝަން ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒާއެކު މަސައްކަތްކުރައްވަނީ ހަމައެކަނި އެބޭނުމުގައި ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް