މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި
ހަބަރު
27 Sep 2023 | 14:20
މުއިއްޒުގެ ފަހަތުން މިފެންނަ ނަލަ ރީތި ޖިންސުއްލަތީފުންގެ ހިނިތުންވުމާއި އޭގެ ސިއްރު

މިދިޔަ އޯގަސްޓްމަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައެޅުމުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ ލީޑަރަށް ތާއީދުކުރަމުންދިޔަ އެތައް ހާސް ބަޔެއްގެ ކަރުއެލިގެންދިޔައެވެ. ރިޔާސީ ޓިކެޓް ދެން އެޕާޓީން ދޭނެ ފަރާތަކާމެދު ހިނގައިދިޔަ ހޫނުބަހުސްތަކަށްފަހު ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލޭގެ މޭޔަރ ޑޮކްޓަރ މުހައްމަދު މުއިއްޒާ ރިޔާސީ ޓިކެޓް ހަވާލުކުރަން ޕީޕީއެމް ޕީއެންސީގެ ސެނެޓުގެ އަޣްލަބިއްޔަތުން ނިންމުމުން އެއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް މާބުރަދަން ހުރި ކަމަކަށް ނުވިއެވެ. ރައްޔިތުންގެ ޕޮޕިއުލަރިޓީ ވަރަށް މައްޗަށް އޮތް ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައިގެން މުއިއްޒާއެކު އިންތިޚާބަށް ނުކުމެވަޑައިގެން ފަސޭހަ ކަމާއެކު އިންތިޚާބު ކާމިޔާބު ކުރައްވައި ދެވަނަ ދައުރު ލިބިވަޑައިގަންނަވާނެކަމާމެދު އެއްވެސް ޝައްކެއް ސާލިހުގެ ހިތްޕުޅުގައި ނެތެވެ. އިންތިޚާބު ބާއްވަން މަސްދުވަހަށް ގާތްވިއިރު އޮޕޮޒިޝަން ކެންޑިޑޭޓަކާ ނުލައި ރައީސް ސާލިހް ހުންނެވީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ކެމްޕޭން ދަތުރުފުޅުތައް ކުރައްވައި ވަރަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެންނެވެ. އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ރައްޔިތުން ނުކުމެ މަރްހަބާ ކިޔާފައިވާ ގޮތުންނާއި އިންތިޚާބަށް އޮތް މަސްދުވަހުގެ ކުރު މުއްދަތުންނާވެސް އެކު ކާމިޔާބު ނޫން އެހެން އެއްވެސް އެއްޗެއް ހިތްޕުޅަށް ނުގެންނެވެއެވެ.

އެކަމަކު މިހުރިހާ ކަމެއްގެތެރެއިން އަސްލު މަންޒަރު ދައްކައިލީ ޑޮކްޓަރ މުއިއްޒު ކެމްޕޭން ދަތުރުފުޅުގައި ކުޅުދުށްފުށީގައި ފައިންޕުޅު ބީއްސަވައިލެއްވުމުންނެވެ. އެމްޑީޕީއަށް ގަދަޔަށް ތާއީދު އޮންނަކަން ދައްކަމުންދިޔަ ކުޅުދުށްފުށި ސިޓީގެ ކުދިބޮޑު އެންމެހައި ރައްޔިތުން އަންހެން ފިރިހެން، ޒުވާނުން މުސް ކުޅިން ގަދަ ހިއްވަރާ ޖޯޝާއެކު ނުކުމެ، މަރްހަބާކިއުމަށް ސަފުދަމައިލީ މި އިން ދުވަހަކު އިދިކޮޅު ކެންޑިޑޭޓަކަށް މަރްހަބާ ނުކިޔާފަދަ ކުލަގަދަ ކޮށެވެ. އައްޑޫއަށް މުއިއްޒު ވަޑައިގެންނެވުމުން އައްޑޫ ރައްޔިތުން މަރުހަބާކީ އަދި އެތައް ދަރަޖައެއް މަތިންނެވެ. ލޮލުކޮޅަށް ނުފެންނަހާ ދިގުކިއުއެއް ރައްޔިތުން ނުކުމެ އޮތީ ދަމާލާފައެވެ. ހުވަދު އަތޮޅެއް ހައްދުންމައްޗެއް މާލެ ސިޓީއެއް ފޭސްޓޫއެއް ކިޔާނެކަމެއް ނެތެވެ.

ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް މަރްހަބާ ކިޔުން ( ފޮޓޯ މިހާރު )

މަރްހަބާ ކިޔަން ނުކެމެ ތިބޭ ރައްޔިތުންގެ އެހުންނަ ޖޯޝެއް ސިފަކޮށްދެއްވާކަށް ޚުދު މުއިއްޒަށްވެސް އެނގިވަޑައިނުގަންނަވައެވެ. ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން އެއްފަހަރަކު މުއިއްޒު އެމަންޒަރު ސިފަކުރެއްވީ އެމަނިކުފާނާ ބައްދަލުކުރަން ނުކުމެ ތިބެނީ އުއްމީދުން ފުރިފައި ތިބި ރައްޔިތުންތަކެއްގެ ގޮތުގައެވެ. އެއިން ކޮންމެ ރައްޔިތަކުވެސް ދެނީ ހިއްވަރުގެ ބަހެކެވެ. ކުރިއަށް ވަޑައިގަންނަވާށެވެ. އަހަރެމެން މިތިބީ ފަހަތްޕުޅުގައި ސާބިތުކަމާއެކުއެވެ. އެންމެ ހިތްގައިމު މަންޒަރަކަށް ފެންނަނީ އަންހެން ކަނބަލުން އެ ކުލައަކަށް އެންމެ ލޯބިކުރާ ފިޔާތޮށި ކުލައިގެ ހެދުމުގައި ނަލަހެދި ޒީނަތްތެރިވެ، ފިނިފެންމަލާއި ފިޔަތޮށި ބޯގަންވިލާ މާތަކުގެ ގުލްހާރުތަކާއެކު ނުކުމެތިބޭ ޒުވާން ޖިންސުއްލަތީފުންގެ ފަރި ހަރަކާތްތަކުންނެވެ. އެއިން ކޮންމެ ޖިންސުއްލަތީފަކުވެސް އެމީހުންގެ މުސްތަގުބަލްގެ ރައީސް ކަމަށް އުއްމީދުކުރާ ކެންޑިޑޭޓްގެ ކަރުފުޅުގައި މަލުގެ ހާރުއަޅުވާލުމާއެކު ހުއްޓިލަނީ ސެލްފީއަކެވެ. ބައެއް ރަށްރަށުން އަންހެން ބޭފުޅުން އުފަލުން ބެރުޖަހައި ނަށައި ލަވަކިޔަމުން ރަށުތެރެއަށް އަރައިގެންދެއެވެ. މީގެކުރިން ޕާޓީގެ ކުލަތައް ރަމްޒުވާކަހަލަ ކުލަތަކުން ހެދުންލައިއުޅުމަކީ ލަދުވެތިކަމަކަށްވިޔަސް މި އިންތިޚާބުގައި ފިޔާތޮށިކުލައާއި ޕީއެންސީގެ މަޑު ވިލުކުލައިން ޖަރީވެލުމަކީ ޝަރަފެކެވެ. ހަމައެފަދައިން ރަށްރަށުން މުއިއްޒު ވަށައިލާ ނޫކަށިފުރައިގެ ޒުވާން ފިރިހެން ކުދިންނެވެ. ވަރަށް ގިނަ ޒުވާން ކުދިންނަކީ މިފަސްއަހަރުގެތެރޭގައި އަލަށް އެމީހުންގެ ރައީސަކު އިންތިޚާބު ކުރުމަށް ނުކުންނަ ކުދިންނެވެ. އެއީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ކުދިންނެވެ. ސިޔާސީ ފިކުރެއްގެތެރޭގައި ތަށިވެ ދަމިލަ ޖަހާފައިނުވާ ސާފު ހިތްތަކެކެވެ. އެކުދިންގެ މޫނުމަތިން ފެންނަނީ ޖޯޝެވެ. އެމީހުންގެ ރައީސަކު އިންތިޚާބު ކުރުމަށް ގޮވާލުމުން މިއަދުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދޫކޮށްލާފައި އެފަދަޔަކުން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔަންޖެހޭ ސަބަބު ޖެހޭނީ ވިސްނައި ބަލައި ދިރާސާކުރުމަށެވެ. ވޯޓްގަންނަން ބަހަމުންދިޔަ ފައިސާގެ ބާރަކުން ކަނޑުފަޅުން ދޫކުރި ގޯތިތަކާއި ފްލެޓްތަކުން އެދިންގެ ހިތްތައް ގަނެއެއް ނުލެވުނެވެ. ފެންނަ ފެނުމަށް ތައުލީމީ ޒުވާން ސިކުނޑިތަކަކުން ދެކެންޑިޑޭޓުންގެ ކޮލިޓީއާއި ވަށްޓަފާޅިއާއި އަދި އެކުދިން ލައިކްވާ ކަންކަމުގައި އަޅާކިޔައި މިނެކިރައިލީއެވެ.

ޒުވާން އަންހެން ކުދިންތަކެއް ކެމްޕޭންތެރޭގައި މުއިއްޒާއި ސަލާމް ކުރެއްވުން

ޑޮކްޓަރ މުއިއްޒު ވޮއިސްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނާ ބައްދަލުވެ ވާހަކަ ދައްކައި ހެދި އެކި އުމުރުފުރާތަކުގެ ރައްޔިތުންގެ ޝަކުވާއަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން އެރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ކުރިއެރުމެއް ގެނެސްނުދެވުނު ކަމެވެ. ރައީސް ސާލިހާމެދު މިހާރުދެން އެރައްޔިތުންނަށް ކުރެވޭ އެއްވެސް އުއްމީދެއް ނެތެވެ. ރައީސް ސާލިހްގެ ދަތުރުފުޅުކަވަރުކުރަމުންދާ ނޫސްވެރިޔަކު ސިފަކުރިގޮތުގައި މުއިއްޒު ކެމްޕޭނަށް ނުކުމެވަޑައިގަތުމާއެކު ރައީސަށް މަރްހަބާކިޔަން ރައްޔިތުން ނުކުތުން ވަރަށް ބޮޑަށް ދަށްވެގެންދިޔައެވެ. އޮއިވަރު ބަދަލުވަމުންދާކަން ޚުދު ރައީސަށްވެސް ފާހަގަކުރެއްވުނެވެ. ކެމްޕޭން ސްޓްރެޓަޖީ މުއިއްޒަށް އެޓޭކް ކުރުމަށް ބަދަލުކުރަން ޖެހުނީ އެހެންވެގެންނެވެ. ޔާމީން ފަދައިން މުއިއްޒު ހައްޔަރުކޮށް އިންތިޚާބުގައި ކުރިމަތިނުލެވޭގޮތް ހެދުމަށް އަމާޒުކޮށްގެން ދައުލަތުން އުފުލި ނޫމަޑި މައްސަލައިގެ ދައުވާ ފަނޑިޔާރުގެއިން ނިޔާއިއްވައި އޮތީ އޭނާގެ ކުށެއް ނެތްކަމަށް ކަނޑައަޅައިފައެވެ. އެހެންވީމާ ދެން ދެއްކުނީ މައިގަނޑު ދެ ވާހަކައެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަކަމަށް ސާލިހާއި މާރިޔާއާއި ޝައިޚް އިމްރާން ވިދާޅުވާ އަނިޔާވެރިކަމަކާއި  ދީނީ ހަރުކަށިކަމާ މުއިއްޒާ ގުޅުވުމެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކަށް ރައްޔިތުންގެ ސަމާލުކަމެއް ނުހުއްޓުނެވެ. މޭޑޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަށްޓާލަން ނުކުތް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އެމައްސަލާގައި އައި އަދަބަކީ އަނިޔާވެރިކަމޭ ވިދާޅުވެ ރައްޔިތުންގެ ކުރިމަތީގައި އެދުވަސްތަކުގެ ހަނދާން އާކުރައްވާފައި ކީރިތި ކުރައްވައި އާދޭސް ކުރައްވަމުން ގެންދެވިނަމަވެސް މީހުންނަށް އަސަރުކުރާ ކަމަކަށް ނުވިއެވެ. އެންމެ ކުޑަމިނުން އެވާހަކަ މިހާރު އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ.

ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގެ މަންޒަރު

ކޮންމެއަކަސް މުޅި ރާއްޖެ، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް އެނބުރެމުންދިޔަ ހަލުވިކަމަކީވެސް އަޖައިބެކެވެ. އެކަކު ބުނީ ހުރިހައިކަމެއްވެސް އޭނާ ނަގަނީ ވަރަށް އެހެން އެކަހަލަ ގޮތަކަށެވެ. ސަރުކާރުން ހުރިހާކަމެއް، ހުރިހާ ވިސްނުމެއް ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށްގެން ތިއްބައި ފަހަތުން ކުއްލިގޮތަކަށް ފާޅުވެ އެއްދުވަހުގެ އަރައިރުމެއްގެތެރޭގައި ތިބިކަމަށް ދައްކާލުމަށްފަހު ޖެހިގެން އައިދުވަހުގެ ހެނދުނު އިރުއަރައިގެން ރަނގަޅަށް ހޫނުކަން ނުފެތުރެނީސް އިލެކްޝަން ކޮމިޝަނަށް ފޯމްލައްވައި އިލެކްޝަނުން ކެންޑިޑޭސީ ބަލައިގަތްއިރު މުއިއްޒާމެދު އިތުރު ކުޅިއެއް ކުޅޭނެ ވަގުތެއް ސަރުކާރަކަށް ނުލިބުނެވެ. އެހެންވީމާ އޭނާގެ ނަޒަރުގައި މުއިއްޒަކީ ގުދުރަތުގެ ހޮއްވެވުމެކެވެ. އެމްޑީޕީ ދެބައިވެ ކޯޅުންގަނޑެއްގެތެރެއަށް ވެށްޓުނީވެސް އެމަގަށް މަގުފަހިވެގެންދިޔުމަށޭ ބުނެވިދާނެއެވެ. ދިވެހި ގައުމުގެ މިނިވަންކަމާ މާތްވެގެންވާ އިސްލާމް ދީނަށް ނުރައްކާވާ ކޮންމެ ދަނޑިވަޅެއްގައި ކޮންމެވެސް ގޮތަކުން ދިވެހިންނަށް މަގެއް ތަނަވަސްކޮށްދެއްވައެވެ. ރައްޔިތުންގެ ހިތްތައް ފަތަހަކުރުމަށް މާގިނަ ވަގުތެއް ނަންގަވާކަށް މުއިއްޒަށް ޖެހިވަޑައިނުގަނެއެވެ. ވަޑައިގަންނަވާ ކޮންމެ ރަށެއްގެ ރައްޔިތުންގެ ހިތް އޮންނަނީ އޭނާއަށް އެނބުރި ނިމިފައެވެ. ފުރަތަމަ ބުރުގައި އެދެއްކީ އެމަންޒަރެވެ. މުޅިރާއްޖޭގެ އުތުރުން ދެކުނަށް ފިޔާތޮށިކުލައިގެ ސާލެއް އޮތީ ފަތުރާލާފައެވެ.

ދެވަނަ ބުރުގެ އެންމެ ނާޒުކު ހިސާބަށް ދެވުނުއިރު ރައީސް ސާލިހް އަށް އާލާސްކަންފުޅެއް ޖެހިއްޖެއެވެ. އަޑުފުޅެއް ރަނގަޅަށް ބޭރަކަށް ނުނުކުމެއެވެ. ކެމްޕޭނެއް ނުކުރެއްވެއެވެ. މާލޭގެ އެމްޑީޕީގެ ވަރަށް ގިނަ ޖަގަހަތައް ހުރީ ބަންދުކޮށްފައެވެ. ރަށްރަށުގެވެސް މެއެވެ. ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވެން ހުންނެވި ކޯލިޝަން ޕާޓްނަރ ސަން ޝިޔާމް ވަކިވެވަޑައިގެންފިއެވެ. މާލޭގައި ރައީސް ދޮރުން ދޮރަށް ހިންގަވައި އުޅުއްވިޔަސް އުއްމީދުގެ އަލިކަމެއް ފެންނާކަށެއް ނެތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.