މެސީގެ 50ވަނަ ހެޓްރިކާއެކު ސެވިއްޔާގެ މައްޗަށް ބާސާ ކުރިހޯދައިފި

24 Feb 2019 | 11:14

މެސީގެ ކެރިއަރުގައި އޭނާ ހެދި 50 ވަނަ ހެޓްރިކާއެކު ބާސެލޯނާއިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސްޕެނިޝް ލީގުގައި ކުޅުނު މި މެޗު ބާސެލޯނާ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރި ހޯދާ ލީޑް ނަގާފައިވަނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައިސްފައިވާ ސެވިއްޔާއިންނެވެ. 22 ވަނަ މިނެޓުގައި ނާވާސް މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިން އިރު މެސީވަނީ 26 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ބާސެލޯނާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ވާދަވެރި ރޫހެއްގައި އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ސެވިއްޔާ މެޗުގެ ފުރަތަމަ ހާފް ނިންމާލީ މެރްކާޑޯ ޖެހި ލަނޑާއެކު ކުރީގަ އޮވެގެންނެވެ.

އާދަޔާ ހިލާފު މޮޅު ކުޅުމެއް މި މެޗުގައި ދެއްކި މެސީވަނީ ދެވަނަ ހާފުގައި ބާސެލޯނާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ ލީޑްވެސް ނަގައިދީފައެވެ. މީގެ އިތުރުން، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ސުއަރޭޒް ޖެހި ލަނޑުގެ އެސިސްޓްވެސް ހަދާފައިވަނީ މެސީއެވެ.

މި މެޗުގައި ހެދި ހެޓްރިކާއެކު މެސީ މި ސީޒަނުގެ ލީގުގައި ޖަހާފައިވާ ލަނޑުތަކުގެ އަދަދުވަނީ 25 އަށް އަރާފައެވެ.

މި މެޗުންވީ ބައްޔާއެކު ސެވިއްޔާ ގަދަ ހަތަރަކުން ބޭރުވިއިރު ބާސެލޯނާ ތާވަލުގެ އެއްވަނައިގަ އޮތް ލީޑްވަނީ 10 ޕޮއިންޓަށް ފުޅާވެފައެވެ. އެއީ ދެވަނައިގަ އޮތް އެޓްލެޓިކޯ މެޑްރިޑް އަދި ތިންވަނައިގަ އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. 

Advertisement

ކޮމެންޓް