ޒީރޯ ޓޮލަރެންސްވިޔަސް މިއީ ރޯމާދުވާލު ކުރާ ވައްކަމެކޭ ނުބުނެވޭނެތޯއެވެ؟

01 Mar 2019 | 13:40

2008 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ރިޔާސީ ގަރާރަކުން ސަރުކާރުގެ މީޑިއާ ހިންގަން އުފެއްދި ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ( އެމްއެންބީސީ ) އާއި އަމިއްލަ ކުންފުންޏެއްކަމަށްވާ ބިސްނަސް އިމޭޖް ގްރޫޕް ( ބިގް ) އާއިދެމެދު 2010 ވަނަ އަހަރުގެ މަރޗްމަހުގެ 7 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބިގަށް ލިބެން ޖެހުނު ފައިސާއެއް ނުދައްކައިގެން އެކުންފުނިން ކޯޓަށްދިއުމުން ފައިސާދެއްކުމަށް ސިވިލްކޯޓުން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒުކުރަން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ދައުލަތުގެ މާލިއްޔާއިން 30 މިލިޔަން ރުފިޔާ ބިގަށް ދޭން އުޅޭ މައްސަލައާމެދު އަޅުގަނޑުމެންބުނާނީ ކީކޭތޯއެވެ. އެންމެ ރަނގަޅު އެއްޗެއް ބުނަންއެގޭނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް ކިޔާ ޖަމްއިއްޔާއަށެވެ. އެކަމަކު އެމީހުން އަދި ތިބީ ހިމޭނުންނެވެ.

މީޑިއާ ރިޕޯޓްތަކުގައިވާގޮތުން ބިގަށް ދޭންޖެހޭ 78 މިލިޔަން ރުފިޔާގެތެރެއިން 30 މިލިޔަން ރުފިޔާ ދޭން މިއުޅެނީ ފިނޭންސް މިނިސްޓްރީން އެނޫންގޮތެއް ނެތްކަމަށް ދައުލަތުގެ މިޑިއާ ނުވަތަ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމަށް އެންގި އެންގުމަކާއިގުޅިގެންނެވެ. ހައިރާންވެ އަންތަރީސްވާންޖެހޭ ކަމަކީ ބިގަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރައީސްގެ ގަރާރަކުން އުފެއްދެވި އެމްއެންބީސީގެ މައްޗަށް 2016 ވަނަ އަހަރު ސިވިލް ކޯޓުންކޮށްފައިވާ ހުކުމެއް ދައުލަތުގެ މިނިވަން މުއައްސަސާއެއް މެދުވެރިކޮށް ދައްކަން ފިނޭންސް މިނިސްޓްރީން ގާނޫނީ ލަފާދިނުމުންނެވެ. ހުކުމް ރައްދުވި ކުންފުނި ދަރަނިވެރިވެ ދައުލަތުގެ ބޮލުގައި އެޅިފައި އަދިވެސް އެބައޮތެވެ. އެމްއެންބީސީއަކީ ސަރުކާރުން އުފެއްދެވި ކުންފުންޏަކަށްވާއިރު ދައުލަތުގެ މީޑިއާ ހިންގަން ވަކި ގާނޫނަކުން ރައްޔިތުންގެ މަޖިލީހުން އުފެއްދެވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނަކީ އަދި އެކޯޕަރޭޝަންގެ ބަދަލުގައި ދެން އުފެއްދެވި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމަކީ ދައުލަތުގެ މިނިވަން މުއައްސަސާއެއްގެގޮތުގައި އުފެއްދެވިތަނެކެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑްހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބަޖެޓް ކަނޑައަޅައިދެނީ ރައްޔިތުންގެ މަޖިލީހުންނެވެ. ޒިންމާވާންޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ގާނޫނީ ލަފާހޯދުމުގެ މިނިވަންކަން ގާނޫނުން ކަނޑައަޅާދީފައި އެބައޮތެވެ. އެކަން އެހެންއޮއްވައި ސަރުކާރުގެ ކުންފުނިތަކުގެތެރެއަށް ފިނޭންސްމިނިސްޓްރީން ވަންނަ އުސޫލުން ޕީއެސްއެމްއަށް ވަދެވޭނެގޮތެއް އޮންނާނެތޯއެވެ. ދޭނީ ކޮންގާނޫނީލަފައެއްތޯއެވެ.

މިރިޕޯޓްގައި އަޅުގަނޑުގެ ޓޯން ތަންކޮޅެއް ތަފާތުވެދާނެއެވެ. އެއީ ކޮރަޕްޝަނާއިދެކޮޅަށް ސަރުކާރުން އިއުލާންކޮށްފައިވާ ޒީރޯ ޓޮލަރެންސްގެ ސިޔާސަތަށް އަޅުގަނޑުތާއީދުކުރާތީ ވެދާނެ ތަފާތެކެވެ.

ގާނޫނީ ބާރުލިބިގެން ބިގްގެ އެއްބަސްވުންވަނީ އުވާލާފައި، ދެންކޮންފައިސާއެއް؟!

އެމްއެންބީސީއަކީ، ރައްޔިތުންގެ މަޖިލީހުން އުފައްދަން އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫން ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވަނިކޮށް އޭގެކުރިން އެގާނޫންގައި ބުނާ މަގްސަދުތައް ހާސިލުކުރުމުގެ ނަމުގައި އެހެންނަމަވެސް ސަރުކާރުގެ ކޮންޓްރޯލް ކުންފުޏަކުން މީޑިއާ ކޮންޓްރޯލްކުރުމަށްޓަކައި ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ކުންފުންޏެކެވެ. އެކުންފުނި ހިގަމުންދަނިކޮށް އެމްބީސީގެ ގާނޫން ފާސްކޮށް ދައުލަތުގެ މީޑިއާގެގޮތުގައި ހިމެނުނު ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ މުއްޒަފުންނާއި މުދާ އެމްބީސީގެ މުދަލުގެގޮތުގައި ކަނޑައެޅިއެވެ.

ބިގް ކުންފުންޏާއި އެމްއެންބީސީއާއިދެމެދު މާކެޓިން އެންޑް ކޮންސަލްޓެންސީ ޕްލޭނެއް ހެދީ އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ޚަލީލް ހުންނެވިއިރުއެވެ. އޮޑިޓް ރިޕޯޓަށްބަލާއިރު މިއީ އެމްއެންބީސީގެތެރެއިން ނާޖާއިޒުގޮތުގައި ބަޔަކަށް ލާރިހޯދައިދޭން ރީއްޗަށް ފަރުމާކޮށްފައިވާ އެއްބަސްވުމެެއްކަމަށް ބުނެވިދާނެއެވެ.

މައްސަލަ އުފެދުނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އާ ސަރުކާރުން އެމްބީސީގެ ގާނޫނަށްތަބާވެ ރޭޑިއޯ ޓީވީގެ މުދާތައް އެމްބީސީއާއި ހަވާލުކޮށް އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުން އުވައިލި އެއްބަސްވުންތަކުގެތެރޭގައި ބިގާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމުންނެވެ. ބިގްގެ އެއްބަސްވުން އުވައިލެވުނީ ކިހިނެތްތޯއެވެ. އެމްބީސީގެ ގާނޫންގެ އިންތިގާލީ އުސޫލު ހިމެނޭ 45 ވަނަ މާއްދާގައި ބުނެފައިވަނީ ރޭޑީއޯއާއި ޓީވީ އެމްބީސީއަށް ބަދަލުވެގެންދާއިރު އެދެތަނުގައިހުރި ނުވަތަ އެއިން ތަނަކަށް އޯޑަރުކޮށްފައިވާ ނުވަތަ އެއިންތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާއަކީ އެކުންފުންޏަށް ބަދަލުވެގެންދާ ތަކެތިކަމަށާއި އެއިންތަނަކުން އެވަގުތަކު ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ އެފައިސާއެއް ދެއްކުމުގެ ނުވަތަ އެދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް އެކުންފުންޏަށް ބަދަލުވެގެންދާނެކަމަށެވެ. އެކަމަކު ޖެހިގެން އައިމާއްދާގައި އެމްބީސީއަށް އިޚްތިޔާރުތައް ދެމުންބުނެފައިވަނީ ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުން ނުވަތަ އެދެފަރާތުގެ ކަންކަން ބެލެހެއޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާކުން އެކިފަރާތްތަކާއެކު ކޮށްފައިވާ އެގްރިމެންޓްތައް އެމްބީސީގެ ބޯޑް އުފެދޭތާ ދެމަސްދުވަހުގެތެރޭގައި މުރާޖައާކޮށް އުވާލަންފެންނަ އެގްރިމެންޓްތައް އުވާލުމުގެ އިޚްތިޔާރު އެމްބީސީގެ ބޯޑަށް ލިބިފައިވާކަމަށެވެ. ބިގާއެކު އިބްރާހިމް ޚަލީލްގެ މެނޭޖްމަންޓުން ހަދާފައިވާ އެއްބަސްވުން އުވައިލީ މިމާއްދާއަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެމްބީސީއާއި އަދި ޕީއެސްއެމުގެ ބޯޑްގައިވެސް ހިމެނިވަޑައިގަންނަވާ އަދި މިއެއްބަސްވުން އުވާލުމުގެ ކަންކަމުގައި އޭރު އުޅުއްވި ބޭފުޅަކު ވޮއިސްއާއި ވާހަކަދައްކަމުންބުނީ އެއްބަސްވުން އުވައިލީ ދައުލަތުން ނަހަމަގޮތުގައި އަމިއްލަކުންފުންޏަކަށް ފައިސާދޭންޖެހޭގޮތަށް ވެފައިވާ އެއްބަސްވުމަކަށްވެފައި ބިގުން އެއްވެސް މަސައްކަތެއް ނުކުރިޔަސް ދައުލަތުގެ މީޑިއާއަށް ލިބެމުންދިޔަ އާމްދަނީން ބައެއް އެކުންފުންޏަށް ލިބޭގޮތަށް އޮތުންފަދަ ވަރަށް ގިނަ މައްސަލަތަކެއް އެއެއްބަސްވުމުން ފާހަގަކުރެވިގެންކަމަށެވެ. ބިގްކުންފުނީގެ މުވައްޒަފުން މަސައްކަތްކުރަން ބައިތިއްބާފައި ތިބީ އެމްއެންބީސީގެތެރޭގައެވެ. ޓީވީއެމްގެ ޕްރޮގްރާމަކަށް މީހަކު އެސްއެމްއެސްއެއް ފޮނުވައިގެން އާމްދަނީއެއްވަނަސް އެއިންވެސް ބައެއް ބިގަށް ދޭންޖެހެއެވެ. ފަސްއަހަރުވީމާ ނޫނީ އެއްބަސްވުން އުވާލެވޭނެ އެއްވެސް ގޮތެއް އެމްއެންބީސީއަކަށް ދެވިފައެއް ނުވެއެވެ. އެމީހުންކުރާކަމެއް ފެންނާކަށެއްނުހުރެއެވެ. މިސަބަބަށްޓަކައި އެމްބީސީން ހޯދި ގާނޫނީ ލަފައާއި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހޯދިލަފަޔަށްފަހު އެއްބަސްވުން އުވައިލީއެވެ. އަދި މިފަދަ އެބަސްވުންތަކުން އެމްއެންބީސީން އޭރު ބޮލުގައި އަޅާފައި އޮތް ބޮޑުދަރަންޏާއިވެސް އެމްބީސީން ހަވާލުނުވެ އެދަރަނި ދައްކަމުންދިޔައީ އެމްއެންބީސީންނެވެ. އެމްއެންބީސީގެ ދަރަނިތައް އޮންނާތީ ސަރުކާރުން އެކުންފުނި އުވާނުލައެވެ. އަދި އެއީ ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށްވާތީ އެދަރަނި ދައްކަމުންދަނީ ފިނޭންސް މިނިސްޓްރީންނެވެ.

ޕީއެސްއެމަކީ 78 މިލިޔަން ރުފިޔާ ކަހާލާ ވެހިކަލަކަށްވީތޯ؟

ބިގާއި އެމްއެންބީސީއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްސަލަ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން 2010-2012 އަށް އެމްއެންބީސީން އެކުންފުންޏަށްދީފައިވާ 5.7 މިލިޔަން ރުފިޔާއަކީވެސް ބިގުންކުރި މަސައްކަތަކުން ލިބުނު ފައިސާކަން އެގެންނެތްކަމަށް ބުނެފައިވެއެވެ. ލިޔެކިޔުމެއް ހަދާފައެއް ނުހުރެއެވެ. އަދި އޭގެފަހުން ހޯދަން އެކުންފުނިން ހުށަހެޅި 5.5 މިލިޔަން ރުފިޔާގެތެރެއިން 2.6 މިލިޔަން ރުފިޔާދޭން ނުޖެހޭކަމަށް ބުނެފައިވެއެވެ. އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވިގޮތާއި މާކަބޮޑު ތަފާތެއް އެބައޮތްތޯއެވެ.

ކޮންމެއަކަސް މިކަންމިހެން އޮވެ ބިގުން ކޯޓަށްގޮސް 2016 ވަނަ އަހަރު ކޯޓުން އިއްވި ހުކުމެއްގައި އެމްއެންބީސީން އެފައިސާއާއި ޖުރުމަނާއާއެކު 78 މިލިޔަން ރުފިޔާ ބިގަށް ދޭންޖެހޭކަމަށް ހުކުމްކޮށްފައިވެއެވެ. މިހުކުމް އިއްވިއިރު އެމްބީސީގެ ބަދަލުގައި އޮތީ ޕަބްލިކް ސާވިސް މީޑިއާއެވެ. ޕީއެސްއެމްގެ ބޯޑު މެމްބަރަކު ވިދާޅުވީ އެކުންފުނިން އެމައްސަލަ އިސްތިއުނާފްކުރަން ހުށަހަޅާފައިނުވަނީ އެއީ ޕީއެސްއެމްގެ މައްޗަށް އައިސްފައިވާ ހުކުމަކަށްނުވާތީއެވެ. އެހެންކަމުން މިއަދު ސަރުކާރުން ފިނޭންސް މިނިސްޓްރީގެ ގާނޫނީ ލަފައެއް ޕީއެސްއެމަށްދީގެން ޕީއެސްއެމް މެދުވެރިކޮށް 78 މިލިޔަން ރުފިޔާ ބިގަށް ހޯދައިދޭން ނިންމުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މިމައްސަލައިގެ ސީރިއަސްކަން ބޮޑީ ބިގަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ހަސަން އިސްމާއީލުގެ 90 ޕަސެންޓް ހިއްސާއޮތް ކުންފުންޏަކަށްވެފައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަރޮޕްޝަން ހުއްޓުވުމުގެ ނަމުގައި ޒީރޯ ޓޮލަރެންސް ކެމްޕޭނެއް ފަށްޓަވައި، އަދި އެޒީރޯ ޓޮލަރެނސްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް، ކެބިނެޓް ވަޒީރަކު ސަސްޕެންޑްކޮށް މިކަހަލަ މިކަހަލަ ކަންކަން ހިގާފައިވަނިކޮށް ރޯމާދުވާލު ދައުލަތުގެ މާލިއްޔާއިން ވައްކަންކުރަނީކަން ވަރަށް ބޮޑަށް ބެލެން އޮތް ގޮތަކަށް ނިންމުމެއް ނިންމުމުންނެވެ. 

78 މިލިޔަން ރުފިޔާ ހަސަން އިސްމާއީލުގެ ކުންފުނީގެ އެކައުންޓަށް ޖަމާކުރުން ނޫންގޮތެއް ނެތްކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖްމަންޓްގެ ގޮތް ހުސްވީއެވެ. އެހެންކަމުން ބުނެވެން އޮތީ ދައުލަތުގެ މާލިއްޔާއިން ވައްކަންކުރުމަށް ޕީއެސްއެމް ވެހިކަލަކަށް ހަދާފައިވަނީކަމަށެވެ. ސަރުކާރުގެ ބާރުގަދަ މަގާމެއްގައި ހުރެގެން އަދީބު އެސްއޯއެފްގެ އެކައުންޓަށް ކަހައިލީ 78 މިލިޔަން ޑޮލަރެވެ. މިފަހަރު މިކަހައިލަނީ 78 މިލިޔަން ރުފިޔާއެވެ. ސަރުކާރުން ރައީސް އިއުލާންކުރައްވާފައިވަނީ އެމަނިކުފާނުގެ ސަރުކާރަކީ ޓްރާންސްޕޭރަންސީގެ ނަމޫނާ ސަރުކާރަކަށް ވާނެކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެރިއެއްގެ ކުންފުންޏެއްގެ އެކައުންޓަށް 78 މިލިޔަން ރުފިޔާ ކަހާލަން އުޅޭއިރު އެއް ފުށް ވަރަށް ސާފެވެ. އެއީ ފައިސާދޭ ވަރާއި ދޭ ކުންފުނި އެގޭތީއެވެ. އަނެއްފަރާތް ކަޅުކަމުންނާއި އަދިރިކަމުން އަޑި އޮތްގޮތެއް އެއްގޮތަކަށްވެސް ސާފެއް ނޫނެވެ.

މިވަރުގެ ބޮޑު އަދަދެއްގެ ފައިސާ ހިމެނޭ ކަމެއް ކުރިމަތިވެގެން އުޅޭއިރުވެސް ސަރުކާރަކުން އަދި އެއްޗެކޭ ނުބުނެއެވެ. ސަރުކާރޭ މިބުނަނީ ގާނޫނީ ލަފާދިންކަމަށްބުނާ ފިނޭންސް މިނިސްޓްރީންނެވެ. ނަންވާނީ ހަމައެކަނި ހައިވަކަރު އޮޑިއެވެ. ވައްކަމަކަށްވާނީ އެމްއެމްޕީއާރްސީގެ ފައިސާނެގީމައެވެ. 

Advertisement

ކޮމެންޓް