ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/މަޖިލިސް
ހަބަރު
17 Nov 2023 | 18:15
ބޭރު އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ދިވެހި ރާއްޖެ ހަދާނަން: ރައީސް ޑރ. މުޢިއްޒު

ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. މި ތަޤުރީރު ދެއްވާފައި ވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ޤައުމަކަށް އިސްކަން ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.

އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް.

ރައީސް ޑރ. މުހައްމަދު މުޢިއްޒު 

އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ ކަމަށާއި، ޤައުމުތަކާއެކު ރަޙްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމުގައެވެ. އަދި އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމް ކުރައްވާނެކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ޙައްޤު އޮންނަންވާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނަ ރަތް ރޮނގެއް. އަދި އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތުވެގެނެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ވެސް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،  ދިވެހީންނަކީ މިނިވަންކަމުގެ ދަރީން ކަމަށެވެ. އަދި ދިވެހީން، ދިވެހީންގެ މިނިވަންކަން ބަލަހައްޓަމުން އަންނަތާ އެތައް ޒަމާނެއް ވެގެން ގޮސްފައިވާ ކަމަށާ، އެކަން އެގޮތުގައި އޮތުމަކީ ދިވެހި ރައްޔިތުން އެދޭގޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ. އަދި ދިވެހީންގެ އެ އެދުމާއި، އެ ނިންމުމަށް އަބަދުވެސް އިހްތިރާމް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު 

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެން ކަމަށެވެ. އަދި، މި ރާއްޖެ ޙަޤީޤީ ދިވެހި ޤައުމަށް ވާނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.