ވުލްވްސް އަދި އެވަޓަން އަށްވެސް 3 ޕޮއިންޓް

07 Oct 2018 | 05:47

ވުލްވްސް އިން ކްރިސްޓަލް ޕެލަސް ހަނި ނަތީޖާއަކުން ބަލިކޮށްލައިފިއެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާފައިވަނީ ވުލްވްސްގެ މެޓް ޑޮހާޓީއެވެ.

ވުލްވްސް މި މެޗު ކާމިޔާބު ކުރި ނަމަވެސް މުޅި މެޗު ކޮންޓްރޯލް ކޮށްފައިވަނީ ޕެލަސްއިން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ވުލްވުސްގެ މި މޮޅާއެކު އެ ޓީމުންވަނީ 15 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައަށް އަރާ އާސެނަލްގެ ފޫބުޑުގަ ވިއްދާލާފައެވެ. ޕެލަސް އޮތީ 7 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގަ ރެލިގޭޝަން ޒޯނާއި ވަރަށް ގާތުގައެވެ.

އެވަޓަން ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ ލެސްޓާގެ މައްޗައް ދެ ފަހަރެއްގެ މަތިން ލީޑް ނަގައިގެންނެވެ.

އެވަޓަންއިން ވަނީ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ 7 ވަނަ މިނެޓުގައި ރިޗާލިސަން ޖަހައިދިން ލަނޑުން މެޗުގެ ކުރި ހޯދާފައެވެ. ނަމަވެސް ލެސްޓާގެ ރިކާޑޯ ޕެރޭރާވަނީ 40 ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ދެވަނަ ހާފުގައި ލެސްޓާގެ މޯގަން އަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ދިހި ކުޅުންތެރިންނާއި ދެކޮޅަށް ކުޅެމުން އައި ލެސްޓާގެ މައްޗައް ކުރި ހޯދި ލަނޑު އެވަޓަންއަށް ކާމިޔާބު ކޮށްދިނީ 77 ވަނަ މިނެޓުގައި މި ފަހުން އެވަޓަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިގާޑްސަންއެވެ.   

Advertisement

ކޮމެންޓް