ކެންޑިޑޭޓުންނަށް މާލޭގައި ހިލޭ އިޝްތިހާރު ކުރެވޭނެ

05 Mar 2019 | 11:11

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެއްވެސް އަގެއް ނެތި މާލޭގައި އިޗްތިހާރު ހަރުކުރުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ނިންމި ނަމަވެސް ހުއްދަ ނެގުމަކާއި ނުލައި އިޝްތިހާރު ހަރުކުރާ ފަރާތްތަކަށް ވަނީ ޖޫރިމަނާއެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން ހުއްދަ ނުނަގައި އިޝްތިހާރު ހަރުކުރާ ފަރާތްތައް ކޮންމެ ދުވަހަކަށް އެއްހާސް ރުފިޔާ އާއި ދެހާސް ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އިޝްތިހާރު ކުރަން އެދި ހުއްދަ ހޯދުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާއިރު އެއީ ދީނާ ގުޅުންހުރި ލިޔުމެއް ހިމެނޭ އިޝްތިހާރެއް ނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ އިމާރާތެއްގައި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ އިމާރާތެއްގެ ވެރިފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އިޝްތިހާރު ކުރުމުގެ ގޮތުން ބެނާތައް ހަރުކުރާއިރު އެއިން އެއްޗެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބޭ ހާލަތުގައި އެ ބެނާ ހަރުކުރި ފަރާތުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކާއި މަގުމަތީގައި ހަރުކޮށްފައި ހުންނަ ކަރަންޓު ބޯޑުތަކާއި ޑަސްބިންތަކާއި ހުއްދައަކާއި ނުލައި އެއްވެސް ގެއެއްގެ ފާރުގައި އިޝްތިހާރު ހަރުކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ކަނޑައަޅާފައެވެ.

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ކެންޑިޑޭޓުން ގިނަ އަދަދެއްގެ ޕޯސްޓަރުތައް ހަރުކުރެއެވެ. އެހެން ނަމަވެސް އިންތިޚާބުތައް ނިމުމުން އެ ޕޯސްޓަރުތައް ނުނަގާކަން ފާހަގަކުރެވެއެވެ. 

ކޮމެންޓް