32 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެކު އިންޑިޔާއިން ދިވެއްސަކު ހައްޔަރުކޮށްފި

06 Mar 2019 | 18:56

32 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި އެކު އިންޑިޔާގެ ކޮޗިންގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގއ. ވިލިގިއްޔަށް ނިސްބަތްވާ މުހައްމަދު ސޮބާހު ހައްޔަރުކޮށްފައި ވަނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އައުމަށް ފުރަން ގޮސް ހުއްޓައެވެ.

އިންޑިޔާ ފުލުހުންނަށް އިބްރާހިމް ސޮބާހުގެ ލަގެޖުން މަސްތުވާތަކެތި ފެނުނީ ކޮޗިން އެއާޕޯޓަށް ޗެކިން ވުމަށް ދިއުމުން އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކުއްތާ ބޭނުންކޮށްގެން ލަގެޗް ފާސްކުރުމުންނެެވެ.

ކޮޗިން އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާއި ބެހޭގޮތުން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސް ކޮމިޝަރ ސުމިތް ކުމާރް ބުނެފައިވާ ގޮތުގައި އަތުލައިގަނެފައި ވަނީ 3.120 ކިލޯގެ ހަޝިޝް އޮއިލް ކަމަށެވެ.

އިންޑިޔާ ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިބްރާހިމް ސޮބާހަކީ އޭޝިޔާގެ ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ މީހެކެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދިޔައީ ރާއްޖެ މަގުން ބަހްރެއިނަށް މަސްތުވާތަކެތި އެތެރެކުރުމަށް ކަމަށް އިންޑިޔާ ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް