"ކަހާލައިގެން ލީގް ގެއްލުމުންވީ ދެރަ އަދިވެސް ހިތުން ނުފިލާ"

09 Mar 2019 | 09:22

މި ސީޒަނުގައި ލިވަޕޫލް އިނގިރޭސި ޕްރިމިއަރ ލީގް ކާމިޔާބުކުރި ކަމުގައިވިޔަސް 2014 ވަނަ އަހަރު ލީގް ނުނެގިގެންވީ ދެރަ ދުވަހަކުވެސް ނުފިލާނެކަމަށް އެޓީމުގެ ކުރީގެ މިޑްފީލްޑަރ އަދި ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފިއެވެ.

2013-14 ގެ ސީޒަނުގައި ލިވަޕޫލް ލީގް ކާމިޔާބު ކުރުމައި ވަރަށް ގާތަށް ޖެހިލާފަ އޮއްވަ ޗެލްސީއައި ދެކޮޅަށް އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ ޖެރާޑްއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. އެ މެޗަށްފަހު ފެނިގެންދިޔައީ ލިވަޕޫލްގެ ކުޅުން ދައްވެ ލީގަށް ވާދަކުރާވަރުގެ ކުޅުމެއް އިތުރަށް ނުދެއްކުނު މަންޒަރެވެ. އެކަމުގެ ފައިދާ ނަގާ އެ ސީޒަނުގެ ލީގް ކާމިޔާބުކުރީ މެންޗެސްޓާ ސިޓީއެވެ.

މިފަހަރު ލިވަޕޫލް ލީގް ކާމިޔާބު ކުރާނެކަމަށް އުންމީދު ކުރާ ކަމަށައި ނަމަވެސް އޭރުވީ ދެރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި ޖެރާޑް ބުންޏެވެ.

މިހާރު ސްކޮޓްލެންޑްއަށް ނިސްބަތްވާ ރޭންޖާސްގެ މެނޭޖަރުކަން ކުރަމުން އަންނަ ޖެރާޑް އިތުރަށް ބުނި ގޮތުގައި އޭރުވީ ކަންތަކާމެދު މިހާރު މާ ބޮޑަށް ނުވިސްނާ ކަމަށައި ނަމަވެސް ތެދަށް ބުނާނަމަ ލީގް ކާމިޔާބު ކުރުމައި އެހާ ގާތަށް ދެވުނީމަ އެއީ ބޮޑު އަހަރެއް ކަމަށެވެ. މާޒީއަށް ބަލާފަ ކަންތައްތައް ތަފާތު ގޮތަކަށް ދިޔަނަމައޭ ހިތަށް އަރާ ކަމުގައެވެ.

ލިވަޕޫލްގެ ލެޖެންޑަރީ މިޑްފީލްޑަރއެއްގެ ލަގަބު ދެވިފައިވާ ޖެރާޑްވަނީ އެ ކްލަބަށް 17 އަހަރުވަންދެން ކުޅެދީފައެވެ.

Advertisement

ކޮމެންޓް