ބާސެލޯނާ ލީޑް ފުޅާކޮށްފި

10 Mar 2019 | 07:40

ސްޕެނިޝް ލީގުގައި ބާސެލޯނާ އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގަ އޮތް ލީޑް ޖުމްލަ ހަތް ޕޮއިންޓަށް ފުޅާ ކޮށްފިއެވެ.

ރަޔޯ ވަލެކާނޯއައި ދެކޮޅަށް ބާސެލޯނާ ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ވަލެކާނޯއެވެ. ނަމަވެސް ލިބުނު ހިލޭ ޖެހުމަކުން މެސީ ނަގައިދިން ހުރަހަކުން ޕީކޭވަނީ ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފުގެ ކުޅުން 1-1 ކުން އެއްވަރުވެގެން ނިމުނުއިރު ބާސެލޯނާވަނީ ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިބުނު ޕެނަލްޓީއަކުން މެޗުގެ ކުރި ހޯދާފައެވެ. މި ޕެނަލްޓީ ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިއޮނަލް މެސީއެވެ.

ރެލިގޭޝަން ޒޯނުގައި އޮތް ވަލެކާނޯއިން ބާސެލޯނާ ހަމަޖެހިލައިގެން އޮތަނުދީ ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ބާސެލޯނާގެ ލީޑް ތިނަކަށް ހަދައިދިން ގޯލް ޖެހީ އިވާން ރަކިޓިޗް ހުސްކޮށްލާފަ ދިން ބޯޅަ އަކުން ލުއިސް ސުއަރޭޒްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ކުޅުނު 27 މެޗުން ޖުމްލަ 63 ޕޮއިންޓް ލިބިފައިވާއިރު އެޓީމައި އެންމެ ގާތުން ވާދަކުރާ އެޓްލެޓިކޯ މެޑްރިޑަށް ހަމަ އެ އަދަދަށް ކުޅެގެން ލިބިފައިވަނީ 56 ޕޮއިންޓެވެ.

ކުރިއަށް އޮތް މެޗުގައި ބާސެލޯނާ ނުކުންނާނީ ޔުއޭފާ ޗެންޕިއަންސް ލީގުގައި ފްރާންސްގެ ލިޔޯންއައި ދެކޮޅަށެވެ. 

Advertisement

ކޮމެންޓް