ފްލެޓުން މަހްރޫމްކުރުން، އަނިޔާގެ މިސާލެއް

11 Mar 2019 | 13:50

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެފަހުން އިއުލާންކުރި 7000 ފްލެޓާއި އެފްލޓްތައް ލިބޭމީހުންގެ ލިސްޓު އިއުލާންކުރުމަށްފަހު ކަންކަން ބަދަލުވެގެންމިދަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ވަރަށް ގިނަ މީހުންނަށް ވަރަށް އަސަރުކުރާފަދަ މައްސަލައަކަށް މިހާރު މިވަނީ ވެފައެވެ. އެއީ އިންސާފު ހޯދައިދިނުމުގެ ނަމުގައި ފްލެޓް ލިބިފައިވާ އެތައް ހާސް ބަޔަކު ފްލެޓުން މަހްރޫމްކުރުވާފަދަ ފިޔަވަޅެއް ސަރުކާރުން އަޅުއްވައިގެންނެވެ.

އިންސާފު ގާއިމުކޮށްދިނުމަކީ އެމްޑީޕީގެ އެޖެންޑާ 19 ގެ އެންމެ ކުރީގައިވާ ކަންތަކެވެ. ތެދެކެވެ. ފްލެޓްދިނުމުގައި އިންސާފުން ބޭރުން ބައެއް ކަންތައްތައް ހިގާފައި ހުރެދާނެއެވެ. އެހެންހުރުމުން ގަޑުބަޑުވެ އިންސާފު ގެއްލިފައިވާނަމަ މުޅިޕްރޮސެސް އުވާލައްވައި އެމްޑީޕީގެ ތިލަފަތުން ކިރާލެވޭ ފުރިހަމަ އިންސާފުވެރި ޕްރޮސެސްއެއް އަލުން ނުފަށްޓަވަންވީ ކީއްވެގެންތޯއެވެ. އެގޮތް މިހާރު ތިކަންކުރެއްވިގޮތަށްވުރެ މީހުންގެ ހިތަށް ފަސޭހަވެދާނެއެވެ.

އެކަމަކު ފްލެޓްދިނުމުގައި މަކަރުހަދައި އޮޅުވައިލި މީޙުންގެ މައްޗަށް ޝަރީއަތް ހިންގަން ގޮވާލާއިރު އަމިއްލައަތުން ތައްޔާރުކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓްގެ މައްސަލަ ވަކި ކުޑަތޯއެވެ. އިންޑިޔާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ހަދަންފެށި ފްލެޓްތައް ލިބޭނެ މީހުން، ފްލެޓްގެ ބިންގާ އެޅިތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ކަނޑައަޅައި ނިންމިއިރު، މާލޭގައި އަމިއްލަ ގެދޮރުހުރި ކިތައް މީހުން އެއީ ޕާޓީ ފިކުރުގެ މީހުންނަށްވީތީ ޝަރުތު ހަމަނުވަނީސް ގަދަކަމުން ޝަރުތު ހަމަކޮށް ލިސްޓަށް ލާފައިވޭތޯއެވެ. އެކަންކުރުމުގައި އިންސާފުން އެއްކިބާވެފައިވާމިންވަރާއި އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެފްލެޓްތައް ނިންމައި ފްލެޓްތަކުގެ ހައްގުވެރިންނަށް ދިނުމުގައި އަމަލުކުރި ހަރުކަށި ނާއިންސާފުގޮތް އެންމެންނަށްވެސް އެގެއެވެ.

ފްލެޓްގެ ވާހަކަދައްކާއިރު ވޭތުވެދިޔަ އެމްޑީޕީ ސަރުކާރާއި މިހާރުގެ އެމްޑީޕީ ސަރުކާރާއި އަދި ވޭތުވެދިޔަ ޕީޕީއެމްގެ ސަރުކާރުގައި ފްލެޓް މަޝްރޫއު ބޭނުންކޮށްފައިވާގޮތުން މިއީ ސާފު ހިތަކާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ކުރާ ކަމެއްކަމަށް ބުނަން މިހާރު ފަސޭހައެއް ނޫނެވެ. އެއީ އެކަމުގެ ފަހަތުގައިވާ ސިޔާސީ އެދުންވެރިކަން ދެޕާޓީގެ ސަރުކާރުގެ އަމަލުތަކުންވެސް ފެންނާތީއެވެ.

މިހާރު ހިތަށް އަސަރުކޮށްގެން މިއުޅެނީ ފްލެޓް ނުލިބިގެންނެއް އެކަންޏެއްނޫނެވެ. އެކަމުގައި އަމަލުކުރަމުންދާ ނާއިންސާފު ގޮތް ފެނިފައި ގަސްދުގައި ބާކީކުރަމުންދާކަމުގެ އިހްސާސްތައް ވާލެއް ބޮޑުކަމުންނެވެ. އަމިއްލަގެދޮރުނެތް ކޮންމެ ދެމަފިރިއަކުވެސް ދަރިންނާއެކު އަމިއްލަ މިނިވަންކަންމަތީގައި އަމިއްލަ ބޯހިޔާވަހިކަމެއްގައި ދިރިއުޅުމުގެ ހުވަފެންދެކޭނެއެވެ. މިއަދަކީ އެހުވަފެންތައް ވިއްސިވިހާލިވެ ނާއުއްމީދު ވެރިވާ ދުވަހެކެވެ.

އެހެނީ 7000 ފްލެޓްތައް، އަބްދުﷲ ޔާމީންގެ ސަރުކާރުން ހަދަންފެށީ ދެކޮޓަރީގެ އެޕާޓްމަންޓްގެ ގޮތުގައެވެ. ދެކޮޓަރީގެ އެޕާޓްމަންޓަކަށް 700 އަކަފޫޓްގެ ޖާގައަކީ މާލޭގައި ހެޔޮވަރުގެ ސްޕޭސްއެކެވެ. އެކަމަކު އަޅުގަނޑަކީ ހަތަރު ކުދިންނާއެކު ދެމަފިރިން ވަޒީފާއަށް ގޮސްގެން ދިރިއުޅޭ އާއިލާއެއް އޮތް މީހެކެވެ.

ދެމަފިރިން ވަޒީފާއަށްދާނަމަ ދަރިންކޮޅު ބަލަހައްޓައިދޭނެ މެއިޑަކަށް ބޭނުންޖެހޭވަރު އެއީ މީހަކު ދެބަސްވާނެކަމެއްނޫންކަން ޔަގީނެވެ. އެއެހެންވީމާ އަޅުގަނޑުކަހަލަ އާއިލާއަކަށް މަދުވެގެންވެސް ލުއިއަގެއްގައި 3 ކޮޓަރި ލިބިގެން ނޫނީ ދިރިއުޅެވެން ނޯންނާނެއެވެ. 7000 ފްލެޓްގައި ހުރީ މުޅިންވެސް ދެފްލެޓްގެ ތަންތަންކަމަށްވާތީ ހިތްދަތިވިއެވެ. އެހެންވީމާ ގަސްދުކުރީ 3 ފްލެޓްގެ އެޕާޓްމަންޓް ސަރުކާރުން އިމާރާތްކުރަންދެން މިދަތިހާލުގައި ކެތްކޮށްލުމަށެވެ. ތިން ފްލެޓްގެ އިމާރާތްތައް ބިންގާއަޅަނީކަމަށް ސަރުކާރުން އިއުލާންކޮށްފައި އޮތުމުންނެވެ.

ދެން ޔާމީންގެ ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އެމްޑީޕީގެ ސަރުކާރުއައިސް 7000 ފްލެޓް ލިބުނުމީހުންގެ ލިސްޓުގެ ހިރަފުސްފޮޅައިލިއެވެ. ސަރުކާރާއި ހަވާލުނުވަނީސްވެސް އެކަންކުރާނެކަމުގެ އިންޒާރެއް ދީފައި އޮތް ހަދާނެއްވެއެވެ. ކޮންމެއަކަސް ލިސްޓު އެމްޑީޕީގެ ތިލަފުން ކިރާފައި އެއީ ބޭއިންސާފު ވަރަށް މައްޗަށް އޮތް ލިސްޓެއްކަމަށް ސަރުކާރުން ބުނެފިއެވެ. ދެން މިކުރެއްވި ކަމަކީ ފްލެޓްދިނުމަށް ކުރިން ވަކިގޮތަކަށް ކަނޑައަޅައި ނިންމާފައި ހުރިކަންތައް ކުއްލިއަކަށް ބަދަލުކޮށްލީއެވެ. ދެކޮޓަރި ތިން ކޮޓަރިއަށް ހަދައިލީއެވެ. 700 އަކަފޫޓް 1100 އަކަފޫޓަށެވެ. ފްލެޓްލިބޭ ހަތްހާސް މީހުން ތިން ހާސް މީހުންނަށް ހަދައިލިއެވެ. ހަތަރުހާސް މީހުން ފްލެޓުން މަހްރޫމްކޮށްލާއިރު އެއްވެސް އެއްޗެއް ހިތަށްވެސް ނާރަނީހެއްޔެވެ.

ހަމަކަށަވަރުންވެސް މި ފްލެޓްތަކަކީ 3 ކޮޓަރީގެ ފްލެޓްތަކެއްކަން ކުރިން އިއުލާންކުރިނަމަ އަޅުގަނޑު ކުރިމަތިލީމުހެވެ. އަޅުގަނޑުފަދަ އެތައްހާސް ބަޔަކު ކުރިމަތިލާނެއެވެ. ތިލަފަތުން ކިރިޔަސް ތިއީ ވަރަށް ބޭއިންސާފު ނިންމުމެކެވެ. އަނިޔާވެރިކަމުގެ މިސާލެކެވެ. ސިޔާސީ ޖަރީމާ ހިންގައިގެން ހަތަރު މީހަކު ޖަލަށްލައިގެން މުޅިދުނިޔޭގައި އަނިޔާވެރިކަމޭ ކިޔައިގެން ވާހަކަދެއްކިޔަސް ހަތަރު ހާސް މީހުންނަށް ތިން ދިން އަނިޔާއަކީ މާބޮޑު އަނިޔާއެކެވެ. ކުރިން އިއުލާންކުރުމެއްނެތި ގަސްދުގައި ރައްޔިތުންގެ އަސާސީ ހައްގަކަށް އަރައިގަތުމެކެވެ. ޝަރީއަތަށް ދިއުމުގެ މާލީ ތަނަވަސްކަމެއް އަޅުގަނޑުގެ ކިބައިގައިވީނަމަ ޝަރީއަތަށް ދިޔައީމުހެވެ.

މިހާރު ދެން ފްލެޓްދޭނެ ތިންހާސް މީހުން ހޮވާނެ ގޮތް ސިޔާސީގޮތުން މޮޑޭ ފުށްގަނޑަކަށްވާތީ އަންދާޒާ ކުރެވެއެވެ. ހަތްހާސް މީހުންގެތެރޭގައި ގިނަ އަދަދަކަށް ސަރުކާރު ޕާޓީފިކުރުގެ މީހުން ތިބީމާ ފާއިތުވި ތަނުގެ ތަޖުރިބާއަށްބަލައި ލިސްޓުގެ އެންމެ ކުރިއަށްވަންނާނީ އެމީހުންނޭ ބުނީމާ އެހެންބުނާމީހާދެކެ ރުޅި އަންނަންވީއެވެ.

ދެން އަޅާ 3 ކޮޓަރީގެ ފްލެޓްތަކަކީ ލިސްޓުގެ ފުލަށް ތިގެންދިޔަ 4 ހާސް މީހުންނަށް ބަހާނެ ފްލެޓްތަކެއްކަމަށްވާނަމަ ދެން ބުނާނީވެސް ކީކޭތޯއެވެ. ހަމައެކަނި އޮތްގޮތަކީ ދެއަޅާ 4 ހާސް ފްލެޓް ލިސްޓުގައި ތިބި މީހުންނަށްދީނިމިގެން ދެން އަޅާފާނެ ފްލެޓްތަކަކަށް އިންތިޒާރުކުރުމެވެ. މިއީ ދެން ކޮން އިންސާފެއް ހެއްޔެވެ.

Advertisement

ކޮމެންޓް