ޕާޓީއެއްގެ އަޅުންގެ ގޮތުގައި އުޅެގެން ނުވާނެ: އަލްހާން

14 Mar 2019 | 06:48

ވަކި ޕާޓީއެއްގެ އަޅުންގެ ގޮތުގައި އުޅެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ އެބޭފުޅާ ކެމްޕެއިން ލޯންޗްކުރުމަށް އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލްހާން ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ބަހާތައް އޮތީ ދެމެހެއްޓިފައިކަމަށާއި އެއީ އިސްލާމީ ޝަހްޝިއްޔަތާއި ފެއްސާއި ރަތާއި ހުދުން އޮންނަ އެއްޗެއްކަމަށެވެ.

"އެއީ ރީނދުލަކުން ރަތަކުން ފެއްސަކުން އޮންނަ އެއްޗެއް ނޫން. ހިތުގައި އޮންނަންވީ ގައުމީ ލޯބި. މަސައްކަތްކުރަންޖެހޭނީ ގައުމަށްޓަކާ ވަކި މީހަކަށްޓަކާ އަޅުދާސްތުވެގެން ވަކި ޕާޓީއެއްގެ އަޅުންގެ ގޮތުގައި އުޅެގެން ނުވާނެ"، އަލްހާން ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވަނީ ރާއްޖޭގެ ހާލަތު މިއޮތީ ބަދަލުކުރަންޖެހިފައި ކަމަށް ފާހަގަކުރައްވައި ބަދަލުކުރަންޖެހޭ ހަގީގަތަކީ ޑިމޮކްރަސީއަކަށް ރާއްޖެ ފުރޮޅާލިއިރު އުފެދުނު ޕާޓީތަކަކީ މާ މުގައްދަސް އެއްޗެއްކަން ގަބޫލުކުރާ ކުރުން ކަމަށެވެ.

އަލްހާން ވަނީ ތިންބާރު ވަކިވެފައި އޮންނަ ދައުލަތެއްގައި އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ ޒިންމާދާރު ވެރިކަމެއް ހިންގުމަށްޓަކާ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހަށް އޮންނަ މަސްއޫލިއްޔަތެއްކަމަށް ވިދާޅުވެފައެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ޕާޓީއަކުން ކޮންމެ ކުލައަކުން ހޮވިގެން އައިކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްޕުޅު ކުރައްވަން ވާނީ ވަކި ކުލައަކަށް ވަކި ޕާޓީއަކަށް ވަކި ލީޑަރަކަށް ނުބަލާ ސީދާ ރައްޔިތުންގެ ހައްގުކަން"، އަލްހާން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް