ސައިނާގެ ބައޯޕިކް ޝްރައްދާ ދޫކޮށްލުމުން ޕަރިނީތީއަށް

16 Mar 2019 | 12:40

ސައިނާ ނަވާލްގެ ބައޯޕިކުގެ ލީޑްރޯލުން ޝްރައްދާ ކަޕޫރުގެ ބަދަލުގައި ފެނިގެންދާނީ ޕަރިނީތީކަމަށް އެފިލްމު އުފައްދާ ފަރާތުން ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ބެޑުމެންޓަން ކުޅުންތެރިޔާ ގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ޝްރައްދާ ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގެ ތެރެއިން އޭނާއަށް ޑެނގޫޖެހި ޑޮކްޓަރުގެ ލަފާދިނީ އަރާމުކުރުމަށެވެ. އެއަށްފަހު އެފިލްމުގެ ޝޫޓިން އޭނާ ފެށުމަށް ޝެޑިއުލްކޮށްފައިވަނީ އަންމަ މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު ޚަބަރުތައް ބުނާ ގޮތުގައި ފިލްމު އުފައްދާ ފަރާތާއި ޝްރައްދާއާއި ދެމެދު އެއްބަސްވުމަކަށް އައިސް ޝްރަދާ ވަނީ އެފިލްމު ދޫކޮށްލާފައެވެ. އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ޝްރައްދާ އެފިލްމު ދޫކޮށްލާފައިވަނީ އޭނާގެ ބުރަ ޝެޑިއުލްގެ ސަބަބުންނެވެ. އޭގެ ތެރޭގައި އޭނާ މަސައްކަތް ކުރާ ގިނަ ފިލްމުތަކެއް ހިމެނެއެވެ. އެފިލްމުތަކުގެ ތެރޭގައި " ޗިންޗޯރް" "ސްޓްރީޓް ޑާންސަރ3" "ޝާހޯ" " ބާޢީ3" ހިމެނެއެވެ.

އަދި ޝްރައްދާ އެފިލްމު ދޫކޮށްލުމުން މިހާރު އެފިލްމު ލީޑްރޯލު ލިބިފައިވަނީ ޕަރިނީތީއަށް ކަމަށްވެސް ނޫސްތަކުގައިވެއެވެ.

ސައިނާ ނަވާލްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރުއެވެ. އަދި އެފިލްމުގެ ޝޫޓިން މިއަހަރުގެ ތެރޭގައި ނިންމާ އަންނަ އަހަރުގައި ފިލްމު ރިލީޒްކުރުމަށް މަސައްކަތް ކުރާކަމަށް ބޫޝަން ކުމާރު ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް