Advertisement

ފުލެޓްތައް އެޅުމުގެ މަސައްކަތް ނިމޭއިރު، ކޮމިޓީގެ މަސައްކަތް ނިމި ހައްގުވެރި ފަރާތްތަކަށް ފުލެޓް ހަވާލުކުރެވޭނެ: ސަރުކާރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ-

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށްޓަކައި އަޅަން ފެށި 4000 ފުލެޓް އެޅުމުގެ މަސައްކަތް ނިމޭއިރު، ފުލެޓް ކޮމިޓީގެ މަސައްކަތް ނިމި، ފުލެޓްތައް އޭގެ ހައްގުވެރިންނަށް ދެވިގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލެޓް ތައް އޭގެ ހައްގުވެރިންނަށް ދެވޭނެ ތަރީޚަކާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުލެޓް ތަކާއި ގުޅިގެން ހުރި ޝަކުވާ ތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށް އުފައްދާފައިވާ ފުލެޓް ކޮމިޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވޭ.

އަދި ސަރުކާރުގެ އުއްމީދަކީ އެ ކޮމިޓީގެ މަސައްކަތް ވޭހާވެސް އަވަހަށް ނިމި، ފުލެޓްގެ ހައްގުވެރިންނަށް އެ ހަވާލު ކުރެވުން ކަމަށެވެ. 

އޭސީސީން ހުށަހަޅާފައިހުރި ކަންކަމުގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް ފާހަގަކުރެވުނު. އެހެންވީމާ، ފުލެޓް ތަކުގެ މަސައްކަތެއް ނުނިމޭ. އެހެން ނަމަވެސް، ފުލެޓްތައް ނިމެން ވާއިރަށް އަޅުގަނޑު މި އުއްމީދު ކުރަނީ ފުލެޓް ކޮމިޓީގެ ޑިސިޝަންތައް ނިމި އެ ފުލެޓްތައް ހައްގުވެރި ފަރާތްތަކަށް ހަވާލުކުރެވިގެން ދާނެ ކަމަށް

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

އޭސީސީ ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް 12 ކެޓަގަރީއަކަށް ބަހާލައިފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި ހާމަކޮށްފައިއެވެ. އެއީ:

1. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތުން.

2. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ސިޓީ، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސްއިން، ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

3. 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ގޭގެއިންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސް އިން ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

4. 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުކަން ސާބިތުކުރެވޭ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނެތުން.

5. މައި އެޕްލިކަންޓް ނުވަތަ ކޯ އެޕްލިކަންޓަށް ސޯޝަލް ހައުސިން ކުރިން ލިބިފައިވުން.

6. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި ކައުންސިލްގެ ލިޔުމެއް ހުށަހަޅާފައިވުން.

7. 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި މާލޭގެ ގޭގޭގެ ލިޔުން ހުށަހަޅާފައިވުން.

8. ރިސޯޓުގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނު ކަމުގެ ލިޔުން ހުށަހަޅާފައިވުން.

9. ޝަރުތު ހަމަވާ ކަމަށް ބަލާ މުއްދަތުގެ ތެރޭގައި ތައުލީމު ހާސިލުކުރަމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނު ކަމަށް ލިޔުން ހުށަހަޅާފައިވުން.

10. ކުންފުނި ވުޖޫވުމުގެ ކުރިން ކުންފުނީގައި މަސައްކަތްކުރާ ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވުން.

11. މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުވުން.

12. ޝަރުތު ފުރިހަމަވި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިތުރު މައްސަލަތައް ހުރި ކަމަށް ފާހަގަވާ ފޯމުތައް.

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ގާތްގަނޑަކަށް ދެމަސްދުވަސް ވަންދެން ކުރިއަށް ގެންދިޔަ މި ތަހްގީގަށްފަހު، 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީ އަށް ހުއްދަ ދީފައެވެ.

Advertisement

ކޮމެންޓް

Advertisement