އިންގްލެންޑް އަދި ފްރާންސް ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފި

23 Mar 2019 | 07:29

2020 ގައި އޮންނަ ޔޫރޯ ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި އިންގްލެންޑް އަދި ފްރާންސް ގައުމީ ޓީމް ކުޅުނު މެޗުތަށް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.

ޗެކް ރިޕަބްލިކްއައި ދެކޮޅަށް ކުޅެ އިންގްލެންޑް ކޮލިފައިންގެ ފުރަތަމަ މެޗް ކާމިޔާބުކުރީ 5-0 ގެ ބޮޑު ތަފާތަކުންނެވެ.

އިންގްލެންޑްގެ ފަރާތުން މެޗުގައި ފެނުނު ފަސް ގޯލުގެ ތެރެއިން ތިން ގޯލަކީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ތަރި ރަހީމް ސްޓާލިން ޖަހައިދިން ގޯލްތަކެކެވެ. ސްޓާލިންގް ހެޓްރިކް ހެދިއިރު އެޓީމުގެ އަނެއް ދެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ޖެހި ގޯލަކައި ޗެކް ރިޕަބްލިކް އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.

މޮޅު ކުޅުންތެރިންތަކެއް ހިމެނޭ އިނގިރޭސި ޓީމުން މި މެޗުގައި ޒުވާން ތަރިން ކަމުގައިވާ ޑޯޓްމަންޑްއަށް ކުޅެމުން އަންނަ ސަންޗޯ، ވެސްޓް ހަމްގެ ޑެކްލަން ރައީސް، އަދި ޗެލްސީގެ ހަޑްސަން އޮޑީވެސް ފެނިގެން ގޮސްފައިވެއެވެ.

ކޮލިފައިންގެ ކުރިއަށް އޮތް މެޗުގައި އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވަނީ މޮންޓެނީގްރޯއާއެވެ.

ފްރާންސްވެސް ވަނީ މޮލްޑޯވާ އަތުން ފަސޭހަކަމާއެކު މޮޅުވެ ކޮލިފައިންގެ ފެށުން ރަނގަޅު ކޮށްފައެވެ. މި މެޗުން ފްރާންސް މޮޅުވީ 4-1 ކުންނެވެ.

ގްރިޒްމަން، ވަރާން، ޖިރޫޑް، އަދި އެމްބައްޕޭ ފްރާންސްގެ ގޯލްތައް ކާމިޔާބުކޮށްދިން އިރު މޮލްޑޯވާގެ ހަމައެކަނި ގޯލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ޖެހީ އަމްބްރޮސްއެވެ.

ޔޫރޯ ކޮލިފައިންގެ އެހެން މެޗްތަކުގެ ނަތީޖާތަކަށް ބަލާލާއިރު ބަލްގޭރިއާ އަދި މޮންޓެނީގްރޯ ބައްދަލުކުރި މެޗް ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ. އެންޑޯރާގެ މައްޗަށް އައިސްލެންޑް 2-0 ކުރި ހޯދިއިރު ތުރުކީވެސްވަނީ އަލްބޭނިއާގެ މައްޗަށް 2-0 ކުން ކުރި ހޯދާފައެވެ. 

Advertisement

ކޮމެންޓް

Advertisement