މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް: ރައީސް

30 Mar 2019 | 09:53

މި ސަރުކާރުގައި ފުލުހުންގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއް ކަމުގެ ޔަޤީންކަން އަރުއްވަމުން ރައީސް ވަނީ ހުރިހާ ފުލުހުން ވެސް ތެދުވެރިކަމާއި ވަފާތެރިކަމާއި އެކު ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެެވެ.

"މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ބައެއް ކަމުގެ ޔަގީންކަން ތިޔަ ހުރިހާ ފުލުހުންނަށާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން." ރައީސް ސޯލިޙް ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާގައި ކަން ހިނގާފައިވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދަޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި، ފުލުހުންގެ މުއައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައި ކަމަށެވެ.

އެކަން އެގޮތަށް ވެފައި ވަނީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމާއި، ޤާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފަހަކަށްއައިސް ފުލުހުން ސާބިތުކޮށްދެމުންދާ ޕްރޮފެޝަނަލިޒަމާއި، ޤައުމީ މަޞްލަޙަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ލިބެން ފަށާފައިވާ ކަމަށެވެ. 

Advertisement

ކޮމެންޓް