ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

11 Oct 2018 | 00:18

ހިޔާލުތަފާތުވުންތަކެއް އިއްތިހާދުގެ ޕާޓީތަކުގެ ތެރޭގައި ހުރިނަމަވެސް ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކީގަވެސް ހައްލު ހޯދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްތިހާދުގެ ސަރުކާރެއްގައި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހްމަގުން ހިންގުމަށް ކުރަންޖެހޭ ކަންކަމުގައި ޕާޓީތައް ހިޔާލު ތަފާތު ވެދާނެކަމަށް ރައީސް ނަޝީދުވަނީ މިއަދު ޓްވީޓް ކުރައްވާފައެވެ. އަދި އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރުގެ ޕާޓީތަށް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރުތައް. ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރަން ހިންގަންޖެހޭ ކަންކަމުގައި ވެސް ޕާޓީތައް ހިޔާލު ތަފާތު ވެދާނެ. އެހެނަސް، އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކީގައި ހައްލު ހޯދޭނެ،" ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވަނީ އެމަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރީޓުވީޓު ކުރައްވާފައި ވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީޓުވީޓު ކުރީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް އެއީ ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ތަނުން ޖަލަށް ގެންދަވާ މަންޒަރު ބަލަން ބޭނުންނުވާ މިއަދު ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ. އަދި 1 ނޮވެމްބަރ ގައި ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށްއަޅުންވައިގެން ވަކިގޮތެއް ނިމެންދެން މަޑުކުރެއްވުން އެދިފައެވެ. 

Advertisement

ކޮމެންޓް