ހަ ދުވަހަށް އާޓިފިޝަލް ބީޗު ހޯދަން އެމްޑީޕީން އެދިއްޖެ

12 Sep 2018 | 15:56

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ހަ ދުވަހުގެ މުއްދަތަށް އާޓިފިޝަލް ބީޗް ދޫކޮށްދޭން އެމްޑީޕީން އެދިއްޖެ އެވެ.

އެމްޑީޕީން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ 23 ސެޕްޓެމްބަރު 2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށެވެ. އަދި ހުރިހާ ކެނޑިޑޭޓުންނަށްވެސް ހަމަހަމަކަމާއި، އިންސާފުވެރިކަމާއެކު ކެމްޕެއިން އަދި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އެހެންކަމުން އެކޯލީޝަނުން ކެމްޕެއިން ހަރަކާތްތަކެއް ހިންގުމަށްޓަކައި މި މަހުގެ 13، 14، 15، 20، 21 އަދި 22 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން މެންދަމު 12:00 އަށް އާޓިފިޝަލް ބީޗު ލިބޭނެ ގޮތް ހަދައިދިނުން އެދޭކަމަށް އެމްޑީޕީގެ ސިޓީގައި ވަނީ ބުނެފައެވެ.

އިދިކޮޅު ހަރަކާތްތަކަށް އާޓިފިޝަލް ބީޗް ދޭން އެމްޑީޕީން އެދުނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއެއް މިދިޔަ ހޮނިހިރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވާފައި ވަނިކޮށެވެ.

Advertisement

ކޮމެންޓް