ކާށިދޫ ފަޅުތެރޭގައި ރިސޯޓުގެ އެޅުމުގެ ހުއްދައަށް ހޯދުމުގެ މަސައްކަތް ފަށައިފި

08 Apr 2019 | 13:27

ކ.ކާށިދޫ ދާއިރާގާއި ހިންގެވުމަށް އެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި އަބްދުﷲ ޖާބިރު ޕްލޭންކުރެއްވި ބޮޑެތި މަޝްރޫއުތަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ހޯއްދެވުމަށް ނިންމަވައިފިއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވެފައި ވަނީ މިއަދު ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެން ސިޓީ ފޮނުއްވާނެ ކަމަށެވެ.

ކާށިދޫ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާ ޖާބިރު ވިދާޅުވި ގޮތުގައި އެ މަޝްރޫޢުތަކަށް ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށެެވެ.

ޖާބިރު ވިދާޅުވި ގޮތުގައި މިއަދު އެބޭފުޅާ ސަރުކާރަށް ސިޓީ ފޮނުއްވަނީ ކާށިދޫ ފަޅުތެރޭގައި ރިސޯޓް އެޅުމުގެ ހުއްދައަށް އެދި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖާބިރު ވެވަޑައިގެންނެވި ބޮޑެތި ވައުދުތަކާއި ގުޅިގެން އެބޭފުޅާއަށް ގިނަ ބަޔަކު ފާޑު ވެސް ކިޔާފައި ވެއެވެ. އެހެން ނަމަވެސް ޖާބިރު އޭރު ވެސް ވިދާޅުވެފައި ވަނީ މަޖިލީހަށް އިންތިޚާބުވާ ދުވަހުން ފެށިގެން މަޝްރޫޢުތަކުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ބަހުސްގައި ޖާބިރު ވިދާޅުވި ގޮތުގައި ކާށިދޫ ދާއިރާގައި 30000 މީހުން އާބާދުވާނެ ސިޓީއެއް ބިނާކުރެއްވުމުގެ ތަަސައްވުރެއް އެބޭފުޅާ ގެންގުޅުއްވައެވެ. އެގޮތުން ކާށިދޫ އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީ ކުރެވިގެންދާނެ ސިޓީއަކަށް ހެދުމަށް އެމަނިކުފާނު ކުރައްވާ އުއްމީދުގެ ތެރެއިން ކާށިދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާވެސް އަމިއްލަފުޅަށް ހަމަޖައްސަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބުގެ ކާށިދޫ ދާއިރާގެ ވޯޓުފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެ ދާއިރާގެ ގޮނޑި ޖާބިރަށް ވަނީ ކަށަވަރުވެފަ އެވެ.

ޖާބިރު ކާށިދޫ ދާއިރާއަށް ފުރަތަމަ ނިކުންނަވަން ގަސްތު ކުރެެއްވީ އެމްޑީޕީ ޓިކެޓުގައެވެ. އެހެން ނަމަވެސް ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގަތުމުން މަޖިލީހަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

Advertisement

ކޮމެންޓް