ލީގް ކާމިޔާބުކުރަން ކުޅުނު މެޗުން ޔުވެންޓަސް ބަލިވެއްޖެ

14 Apr 2019 | 10:08

ރެކޯޑް އަދަދެއް ކަމުގައިވާ ޖެހިޖެހިގެން އަށް ސީޒަނުގައި އިޓަލީ ލީގް ކާމިޔާބު ކުރުމަށް ޔުވެންޓަސް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

މި މެޗުން ޔުވެންޓަސް ބަލިވެފައިވަނީ ރެލިގޭޝަން ޒޯނުގެ ތުންމަތީގައި އޮތް ސްޕާލް އަތުން 2-1 ކުންނެވެ. ޕޮއިންޓެއް ހޯދައިގެންވެސް ލީގް ކާމިޔާބުކުރެވެން އޮތް ޔުވެންޓަސް ފުރަތަމަ ގޯލް ޖަހާ 30 ވަނަ މިނެޓުގައި ކުރި ހޯދިއިރު ސްޕާލްވަނީ ދެވަނަ ހާފުގެ 49 އަދި 74 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލްތަކާއެކު ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ.

ޔުވެންޓަސްގެ ހަމައެކަނި ގޯލް އެޓީމުގެ އުންމީދީ ޒުވާން ފޯވަޑް ކީން ޖަހައިދިންއިރު ސްޕާލްގެ ގޯލްތައް ޖަހާފައިވަނީ ބޮނިފާޒީ އަދި ފްލޮކާރީއެވެ.

ޗެންޕިއަންސް ލީގުގެ ކުރިއަށް އޮތް މެޗުގައި އަޔެކްސްއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ޔުވެންޓަސްގެ ފުރަތަމަ އެގާރައަށް މި މެޗުގައި ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރޮނާލްޑޯ ސްކޮޑުގައި ހިމަނާފައިނުވާއިރު އެއް ނަންބަރު ކީޕަރު ޝެޒްނީ، ބޮނޫޗީ، އަދި ބަރނަޑެޝްކީ ފަދަ މުހިންމު ކުޅުންތެރިން ފެނިގެންދިޔައީ ބެންޗުންނެވެ.

މި މެޗުން ބަލިވިކަމުގައިވިއަސް ޔުވެންޓަސް އޮތީ އެޓީމައި އެންމެ ކައިރިން ވާދަކުރާ ނަޕޯލީއަށްވުރެ 20 ޕޮއިންޓް ކުރީގައެވެ.  

Advertisement

ކޮމެންޓް