ނިއުޕޯޓަށް ޑިސެމްބަރުން ފެށިގެން ކުލި ނުދައްކާތީ ކޯޓަށް!

15 Apr 2019 | 15:00

ރާޅުގަނޑު ސަރަހައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއުއަށް މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކުލި ދައްކާފައިނުވާތީ އެތަން ހުސްކުރުމަށް ކޯޓަށް ހުށައަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 1،045،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމަށާއި، ހައުސިންގް މިނިސްޓްރީގެ އަމުރާއި އެއްގޮތަށް އެތަން ހުސްކުރުމަށެވެ.

ނިއުޕޯޓް ވިއު ހިންގާ ސަރަހައްދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސްޓްރާޑާ ކުންފުންޏާއި ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރާށެވެ. އެ އެއްބަސްވުން ހަދާފައިވަނީ ތިން އަަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެ ޕްލެޓްފޯމާއި އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ. ނަމަވެސް އެ އެއްބަސްވުމަށް 2017 ގައި ބަދަލުގެނެސް އަށް އަހަރަށް މުއްދަތު އިތުރުކުރީ އެވެ.

އޭރު ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަމަވެސް ޒާހިދު ވަނީ އެމަގާމުން މިދިޔަ އަހަރުގައި އިސްތިއުފާ ދީފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޓްރާޑާ އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ މި މަހުގެ ހަތް ވަނަ ދުވަހު އެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ނިއުޕޯޓް ވިއު މިހާރު ހިންގަމުން ދަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

Advertisement

ކޮމެންޓް