މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މިމަހު ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ދެ ޖަލްސާއެއް މިމަހު ބާއްވަން ނިންމައިފި އެވެ. ދައުރުން ބޭރު ޖަލްސާ ބާއްވަން ނިންމާފައިވަނީ މިމަހުގެ 16 އަދި 20 ވަނަ ދުވަހުގައެވެ.
މި ޖަލްސާތައް ބާއްވަނީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމަށާ އިތުރު ބައެއް މަސައްކަތްތައް ނިންމުމަށެވެ.
މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވާއިރު އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް އޮތީ ނުނިމި އެވެ.
އަދި މިފަހުން، ރައީސުލްޖުންހޫރިއްޔާ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވާފައިވާއިރު އެ މިނިސްޓްރީގެ ބައެއް މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ބަދަލުކޮށް އެ މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު ބަދަލު ގެންނަވާފަ އެވެ.
އެހެންކަމުން، މިނިސްޓްރީތަކުގެ ޕޯޓްފޯލިއޯތަކަށް ގެނައި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިނިސްޓްރީތަކަށް އަލަށް އައްޔަންކުރި ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންވެސް ޖެހެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists