ލަންކާގައި މީހުން އެއްވެ އުޅޭ ތަންތަނަށް މި ހަފްތާ ބަންދުގައި ނުދޭ: އެމްބަސީ

25 Apr 2019 | 23:05

ސްރީލަންކާގައި މިވަގުތު އުފެދިފައިވާ ހާލަތާއި ގުޅިގެން މި ހަފްތާ ބަންދުގައި މީހުން ގިނަ ތަންތަނަށް ދިވެހިން ނުދިއުމަށް ކޮޅުުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެދިއްޖެއެވެ.

އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިން މި ހަފްތާ ބަންދުގައިވެސް، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެދޭ ކަމަށެވެ.

އަދި ކާފިޔު ހިނގަމުންދާ ގަޑިތަކުގައި ގޭގައި ތިއްބެވުމަށްވެސް އެމްބަސީން ވަނީ އިރުޝާދު ދީފައެވެ.

އަދި ސްރީލަންކާގައި މިވަގުތު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ބޭރު ތެރޭގައި އުޅޭނަމަ ޕާސްޕޯޓު ހިފައިގެން އުޅުމަށްވެސް ހުރިހާ ދިވެހިންނަށް ވަނީ އަންގާފައެވެ.

އެމްބަސީން ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަމަލާތައް ކަމާއިބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާތީ، ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ގޭގެ ބަލާފާސްކުރުގައާއި ޗެކްޕޮއިންޓްތަކުންވެސް ޕާސްޕޯޓްތައް ޗެކްކުރަމުން ގެންދާނެކަމަށެވެ.

މިހެންކަމުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ޕާސްޕޯޓް ގެންގުޅުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްބަސީން ވަނީ ހުރިހާ ދިވެހިންގެ ކިބައިން އެދިފައެވެ. އަދި ސްރީލަންކާގެ ގަވާއިދުތަކާއި ގާާނޫނުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ވިސާގެ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ.

ސްރީލަންކާގައި ކާފިޔު ހިންގާ ވަގުތުތަކުގައި މަގުބޫލު އުޒުރެއް ނެތި ބޭރު ތެރޭގައި އުޅުމަކީ މަނާ ކަމެކެވެ. އަދި ކާފިޔު ނުހިންގާާ ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުމެ ހެދުމަށް ދިވެހިރާއްޖޭގެ އެމްބަސީން ވަނީ އިރުޝާދު ދީފައެވެ.

Advertisement

ކޮމެންޓް