ފުލުހުންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

26 Apr 2019 | 23:05

ފުލުހުންގެ މުއައްސަސާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން މިފަހަރު ހުޅުވާލާފައި ވަނީ ޖުމްލަ 40 މީހުން ހޯދުމަށެވެ.

މިފަހަރު ފުލުހުންގެ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ ގއ.އަތޮޅުން 10 ޖާގަ، ގދ.އަތޮޅުން 10 ޖާގަ، ސ.އަތޮޅުން 10 ޖާގަ އަދި ހަމައެކަނި އަންހެން ފުލުހުންނަށް 10 ޖާގަ ހިމެނޭ ގޮތަށެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކީ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 03 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅުން ހުރި ދާއިރާ އަކުން 02 އަހަރު ދުވަހު ވަޒީފާ އަދާކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވެސް ފުލުުހުންގެ ވަޒީފާއަށް ކުރިމަތިލެވޭއިރު ނިޔަމި ކޯސް ފުރިހަމަކޮށް ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުމާއެކު ފިރިހެނެއް ނަމަ ވެސް ފުލުހުންގެ ވަޒީފާއަށް ކުރިމަތިލެވޭނެއެވެ.

ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ފިރިހެނުންގެ އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުވެގެން ނުވާނެ އެވެ.

މީގެ އިތުރުން ސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުންވެސް ޝަރުތަކުގައި ހިމެނެއެވެ.

ފުލުހަށް ވަނުމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2019 މޭ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް އިއުލާންގައި ވެއެވެ.

Advertisement

ކޮމެންޓް