ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅާ 39 ފަރާތެއް!

28 Apr 2019 | 14:25

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ސުންގަޑި ހަމަވިއިރު 39 ފަރާތަކުން މާލީ ބަޔާން ހުށަނާޅާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި މާލީ ބަޔާން ހުށަހަޅާފައިވަނީ އިންތިހާބުގައި ވާދަ ކުރެއްވި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު ކަމަށެވެ.

އެގޮތުން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އިލެކްޝަންސް އިން މައުލޫމާތު ދޭ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅައެވެ.

ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި 2 ކެންޑިޑޭޓުން، ޕީއެންސީ އާއި އަދާލަތު ޕާޓީ ކޮންމެ ޕާޓީއަކުން 1 ކެންޑިޑޭޓް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ގެ ދެ ކެންޑިޑޭޓުންނާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން މަލީ ބަޔާން ހުށަނާޅައެވެ.

އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅުއެޅުމާއި މެދު އެ ކޮމިޝަނުން ވަރަށް އަވަހަށް ގޮތެއް ނިންމާނެއެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

Advertisement

ކޮމެންޓް