ޝެއިހަށް ސުވާލެެއް: ޓެޓޫ ޖެހުމަކީ ކޮން ކަހަލަ ކަމެއް؟

މީހަކު ޓެޓޫ ޖަހަނީ: މިއީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް

ޓެޓޫ ޖެހުމަކީ ޣައިރު މުސްލިމުންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. ވަރަށް ބޮޑު ފެޝަނެކެވެ. އެ މީހުންގެ ތެރޭގައި އެކަން އާންމުވެފައި ވަނީ ބަޔަކު ހައިރާންވެ އަންތަރީސްވާ މިންވަރަށެވެ. ބައެއް މީހުން މުޅި ހަށިގަނޑުގައި ވަނީ ޓެޓޫ ޖަހާފަ އެވެ. އެ މީހުންގެ ހަމުގެ ކުލަ މުޅީން ބަދަލުވާ މިންވަރަށެވެ. ބައެއް މީހުންގެ ސިފަސޫރަ މުޅީން ބަދަލުވާ މިންވަރަށެވެ.

ޓެޓޫ ޖެހުން މިހާރު ދަނީ ދިވެހީންގެ މެދުގައިވެސް އާންމުވަމުންނެވެ. ފެޝަނެއް ކަމުގައި ދެކި ބައެެއް މީހުން ދަނީ ޓެޓޫ ޖަހަމުންނެވެ. ހާއްސަކޮށް ޒުވާނުންނެވެ. ދިވެހީންގެ މެދުގައި އެއީ އާންމު ކަމަކަށް ނުވާތީ ފުރަތަމަ އެކަން ކުރަން ފެށި މީހުން ކުރަން ފެށީ ސިއްރުންނެވެ. ޓެޓޫ ޖަހަނީ ހަށިގަނޑުން ފޮރުވާ ބައިގަ އެވެ. ނަމަވެސް އެކަން ވެސް ދަނީ ބަދަލު ވަމުންނެވެ. ޓެޓޫ ޖެހުމަކީ ރީއްޗެއް ނުވަތަ ފެޝަނަކަށް ހަދާ މީހުންނަށް ފެންނާހެން އަތާއި ފައިގައި އަދި އެ ނޫން ތަންތަނުގައި ވެސް ޓެޓޫ ޖަހާފައިވާ ދިވެހީން އުޅެ އެވެ.

ސުވާލަކީ ސުވާލަކީ މިއީ މުސްލިމަކަށް ކުރެވިދާނެ ކަމެއް ހެއްޔެވެ. މުސްލިމަކަށް ޓެޓޫ ޖެހިދާނެ ހެއްޔެވެ. ޓެޓޫ ޖެހުމުގެ ހުކުމަކީ ކޮބައި ހެއްޔެވެ.

Advertisement

މި ސުވާލުތައް ދާރިސް ޓީވީގެ "ސުވާލަކީ" ޕްރަގްރާމްގައި ބެލުންތެރިއަކު ވަނީ ކޮށްފަ އެވެ. އެ ސުވާލުތަކަށް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހީމް ވަނީ ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފަ އެވެ. ޝެއިހް ވިދާޅުވި ގޮތުގައި މިހާރުގެ ބަޔަކަށް އޮޅިފައި އޮތަސް ޓެޓޫ ޖެހުމަކީ މި ފަހުން އިންސާނުންގެ ތެރެއަށް ތައާރަފުވެފައި އޮތް ކަމެއް ނޫން ކަމަށެވެ. އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީން ފެށިގެން އިންސާނުންގެ ތެރޭގައި އޮތް ނުބައި އާދައެއް ކަމުގައި ވިދާޅުވި އެވެ.

އިންސާނުންނަށް ހެޔޮ ރަހްމަތައިގެން މާތް ނަބިއްޔާ ވަޑައިގެންނެވިއިރު ގުރައިޝުންގެ މެދުގައިވެސް އެކަން އޮތެވެ. އިސްލާމް ދީން އައުމާއެކު ގުރައިޝުންގެ އާދަކާދައިގެ ތެރޭގައި ހިމެނުނު ވަރަށް ގިނަ ކަންކަން މާތް ނަބިއްޔާ މަނާކުރެއްވި އެވެ. އެ ކަންތައްތަކުގެ އަދަދު 200 އިން މައްޗަށް އަރާކަން ޝެއިހް ފާހަގަ ކުރެއްވި އެވެ.

ޝެއިހް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ޓެޓޫ ޖެހުން ހިމެނޭ ކަމަށް ވަރަށް ގިނަ ރިވާއަތްތަކުގައިވާ ކަމަށެވެ. އަދި އެއީ ހަރާމް ކަމެއްކަމަށް އިލްމުވެރީން އިއްތިފާގުވެފައިވާކަން ފާހަަގަ ކުރެއްވި އެވެ.

"އިސްލާމީ އުންމަތް ވަނީ އެކަމަށް [ޓެޓޫ ޖެހުމަކީ ހުއްދަ ކަމެއް ނޫން ކަމަށް] އިއްތިފާގުވެފައި,"

ޝެއިހް ވިދާޅުވީ އިންސާނާ މަގުފުރައްދާނެ ކަމަށް ޝައިތާނާ ވެފައިވާ ވައުދުތަކުގެ ތެރޭގައި އިންސާނުންގެ ސިފަސޫރަ ބަދަލު ކުރުމަށް ވަސްވާސްދީ އެކަން ކުރުން ހިމެނޭ ކަމަށެވެ. ޓެޓޫ ޖެހުމަކީ އިންސާނުންގެ ސިފަސޫރައަށް ބަދަލު ގެނައުން ކަމަށް އިލްމުވެރީން ވިދާޅުވާ ކަމުގައި ޝެއިހް ފާާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ޓެޓޫ ޖަހާ މީހުން, ދަތް ފޭކުރާ މީހުންނާއި, އިސްތަށިގަނޑު ޖަހައިގެން އުޅޭ މީހުންނާއި, ބުމައިން އިސްތަށި އުފުރާ ފެޝަނަށް ބުމަ ހަދާ މީހުންނަކީ މާތްﷲ ލައުނަތް ލައްވާފައިވާ މީހުންކަން ދަލީލުތަކުން އެނގޭ ކަަމަށެވެ. ލައުނަތް ލެއްވުމަކީ މާތްﷲ ގެ ރަހްމަތުން އެ މީހަކު ބޭރުވުން ކަމަށާ އަދި ލައުނަތް ލައްވާފައިވާ ކަމެއް, ރަހްމަތުން ބޭރުވުން, ލައުނަތް ހައްގުވެއްޖެ ކޮންމެ ކަމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.

ޝެއިހް ވަނީ އެފަދަ ނުބައި ކަންކަމާ ދުރުވުމަށް އިލްތިމާސް ކުރައްވާ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

Advertisement

ކޮމެންޓް