އައިޖީއެމްއެޗުގެ ޓްރައުމާ އެންޑް އިމަޖެންސީ ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބޭއްވި ކާރިސާ މެނޭޖްމަންޓް ތަމްރީނު ޕްރޮގްރާމެއްގައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ 50 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިން ތަމްރީނުކޮށްފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
މި ނިޒާމު ދަސްކުރުމަށް ބައިވެރިންނަށް ފޯރުކޮށްދީފައި ވަނީ ވާޗުއަލް ރިއެލިޓީ (ވީއާރު) ސިމިއުލޭޝަންތައް ބޭނުންކޮށްގެން އަމަލީ ތަޖުރިބާ ލިބޭ ތަމްރީނެކެވެ.
ވީއާރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގި މި ތަމްރީނުގެ ސަބަބުން ކާރިސާގެ ހާލަތްތައް ހަގީގީ މާހައުލެއްގައި ތަޖުރިބާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވެއެވެ.
މި ތަމްރީނަށް ބޭނުންވާ ވީއާރު އާލާތްތައް ފޯރުކޮށްދީފައި ވަނީ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުންނެވެ. މި ދެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމަށް އައިޖީއެމްއެޗުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސިއްހީ ހިދުމަތްތެރިންނަށް ކާރިސާގެ ހާލަތުގައި ތައްޔާރަށް ތިބުމަށް އެހީތެރިވެދޭ މިފަދަ ތަމްރީނުތައް ހިންގުމުގައި އައިޖީއެމްއެޗުގެ ޓްރައުމާ އެންޑް އިމަޖެންސީ ޑިޕާޓްމަންޓުން ދަނީ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists