ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ސައުދީގެ އޭވިއޭޝަން އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީގެ ދެކުނުގައިވާ ޖާޒާންގެ ކިންގް އަބްދުالله ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށާއި، ނަޖްރާން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
މި ހަމަލާތައް ދީފައިވަނީ އީރާނުގެ މަދަދު ލިބޭ ހޫޘީ ހަނގުރާމަވެރިން ފަހަކަށް އައިސް ހޯދަމުންދިޔަ ކުރިއެރުންތައް ހުއްޓުވުމަށް، ސައުދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ބޮޑު އޮޕަރޭޝަނެއް ފަށައި، އެ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ރިޔާޟުން ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޔަމަނުގެ ސަރުކާރު ފައުޖުތަކުގެ މި ހަރަކާތްތަކާ ގުޅިގެން، ހޫޘީން ދަނީ ރައްދުގައި ސައުދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި، ތެޔޮ ރައްކާކުރާ މަރުކަޒުތަކުގެ އިތުރުން އަސްކަރީ މުހިންމު ތަންތަނަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.
ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، ހަމަލާ އަމާޒުވި ދެ އެއާޕޯޓަށް ލިބުނު ގެއްލުންތައް މިހާރު ވަޒަންކުރަމުންދާ ކަމަށެވެ. އަދި ދަތުރުވެރިންނާއި އެއާޕޯޓް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ގައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists