ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ތަހުގީގު ކުރަން އިދާރާއެއް އުފައްދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއްމަދު މުޢިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެކަން އިއުލާން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގަ އެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމުގައި ރައީސް އޮފީހުން ބުންޏެވެ.
މި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތައް ވެސް ވަނީ ކަނޑައަޅާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists