މަހިބަދޫ މަގު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަށައިފި
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދިއުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މި މަޝްރޫޢު ހަވާލުކުރެވުނު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މަހިބަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އާރްޑީސީއާއި ހަވާލުކުރެވުނީ، ކުރީ ސަރުކާރުގައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
420 ދުވަހުގެ ތެރޭ ނިންމުމަށް ހަވާލުކުރި މި މަގު ހެދުމުގެ މަސައްކަތަކީ، 42.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 2.035 ކިލޯމީޓަރުގެ މަގުގައި ގާ އެތުރުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގެ ގިނަ މަގުތަކެއްގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ވަނީ ގައު އަތުރާ ތަރައްޤީކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists