''އެމްބާޕޭ، ޕޮގްބާ، ހަޒާޑް ރެއާލް މެޑްރިޑަށް''

07 May 2019 | 21:31

ނާކާމިޔާބު ސީޒަނަކަށް ފަހު ރެއާލް މެޑްރިޑުން މަޝްހޫރު އަދި މޮޅު ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނައުމުގެ މަސައްކަތް ފަށައިފި ކަމަށް ޔޫރަޕުގެ މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

އެގޮތުން ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް އެމްބާޕޭ ރެއާލްއަށް ރެކޯޑް އަގެއްގައި ގެންދަން އުޅޭ ކަމުގައިވެސް މީޑިއާތަކުން ދަނީ ބުނަމުންނެވެ. އެމްބާޕޭގެ އިތުރުން ރެއާލްގެ އަމާޒު ހުރި ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ އެޑެން ހަޒާޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ޕޯލް ޕޮގްބާވެސް ހިމެނޭ ކަމުގައިވެއެވެ.

ފްރާންސްއާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ 20 އަހަރުގެ އެމްބާޕޭ މޮނާކޯއިން ޕީއެސްޖީއަށް 156 މިލިއަން ޕައުންޑަށް 2017 ވަނަ އަހަރު ބަދަލުވީ ރެއާލްގެ ހުށަހެޅުމަށް ނޫނެކޭ ބުނުމަށް ފަހުގައެވެ. ނަމަވެސް، އޭގެ ފަހުންއައި ކޮންމެ ޓްރާންސްފާ މާކެޓެއްގައި އޭނާ އައި ރެއާލްއައި ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ރެއާލްއިން އެމްބާޕޭއަށް 240 މިލިއަން ޕައުންޑް ޓްރާންސްފާ ފީގެ ގޮތަގައި ހަރަދު ކުރާނެކަމަށް ފްރާންސް ފުޓްބޯލް މަޖައްލާއިންވަނީ ހަބަރު ފަތުރާފައެވެ.

ހަޒާޑް މި ސީޒަނަށްފަހު ޗެލްސީގައި މަޑު ކުރާނެކަމުގެ އިޝާރާތެއް ކޮށްފައިނުވާއިރު ޔުނައިޓެޑުގެ ޕޮގްބާ ދާދި ފަހުންވަނީ ރެއާލްއަށް ކުޅުމަކީ ކޮންމެ ކުޅުންތެރިޔެއްގެވެސް ހުވަފެނެއް ކަމުގައި ބުނެ އޭނާއައި ރެއާލްއައި ގުޅުވައިގެން މީޑިއާތަކުން ފަތުރާ ހަބަރުތަކަށް އިތުރު ހިތްވަރެއް ދީފައެވެ.

ޔުނައިޓެޑް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގަށް ކޮލިފައިވެފައި ނުވާއިރު މުބާރާތްތަކަށް ވާދަކުރަން އައު ކުޅުންތެރިން އެ ކްލަބަށް ގެންނާނެ ކަމުގެ މާބޮޑު ޔަގީންކަމެއްވެސް ނެތެވެ. މި ސަބަބުތަކާހުރެ ޕޮގްބާ ޔުނައިޓެޑުގައި މަޑު ނުކުރާނެ ކަމުގައި ފުޓްބޯޅައިގެ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

Advertisement

ކޮމެންޓް