ބާސެލޯނާ ފެންކަޅި ކޮށްލާފަ ލިވަޕޫލް ފައިނަލަށް

08 May 2019 | 03:06

ޔުއެފާ ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލް އަދި ބާސެލޯނާ ވާދަކުރި މެޗް 4-0 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެޓީމް ބައްދަލު ކުރި ފުރަތަމަ ލެގް ނިމިފައިވަނީ 3-0 ކުން ބާސެލޯނާ ކުރި ހޯދައިގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުންވަނީ ވަރަށް ކުރީކޮޅު ގޯލެއް ޖަހާ ކުރި ހޯދާފައެވެ. މި ގޯލް ލިވަޕޫލްއަށް ކާމިޔާބު ކޮށްދިނީ އޮރިގީއެވެ. ފުރަތަމަ ހާފުގެ ކުޅުން މި ނަތީޖާގައިއޮވެ ނިމުނު އިރު ލިވަޕޫލްވަނީ މެދުކެނޑުމެއްނެތި ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ލިވަޕޫލްގެ ދެވަނަ ގޯލް އަދި ތިންވަނަ ގޯލް މެޗުގެ 54 އަދި 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ އެގްރިގޭޓް ނަތީޖާ 3-3 ކަށް ހަދައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ވައިނާލްޑަމްއެވެ.

ލިވަޕޫލްގެ ގޯލްތަކަށްފަހުވެސް ބާސެލޯނާގެ ފަރާތުން 'ރިއެކްޝަނެއް' ފެނިފައިނުވާކަން ފާހަގަކޮށްލެވެއެވެ. މެސީ ގިނަވަގުތު ދަނޑުގެ މެދުގައި ހިނގާލާފަ އުޅުން މަންޒަރު ފެނިގެންދިޔައިރު އެޓީމުގެ ޑިފެންސް ދިޔައީ ގޯހަކަށްފަހު ގޯހެއް ހަދަމުންނެވެ. އޭގެ ނަތީޖާއަކަށްވީ ސަލާހް އަދި ފިރްމީނޯ ނުލާ ކުޅުނު ލިވަޕޫލް މެޗުގެ ނަތީޖާ 4-0 އަދި އެގްރިގޭޓް ނަތީޖާ 4-3 ކަށް ހެދި މަންޒަރެވެ.

ލިވަޕޫލްގެ ހަތަރުވަނަ ގޯލް 79 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން އޮރިގީއެވެ.

ލިވަޕޫލްވަނީ މީގެކުރިންވެސް ޔޫރަޕުގައި ފަހަތުން އަރައި ފާހަގަކޮށްލެވޭ ނަތީޖާތަކެއް ހޯދާފައެވެ. 2005 ވަނަ އަހަރު އިސްތަންބޫލްގައި ކުޅުނު ފައިނަލުގައި ލިވަޕޫލް ހޯދި މޮޅަކީ އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ނަތީޖާއެކެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ އަނެއް މެޗުގައި މާދަމާ ރޭ ވާދަކުރާނީ ޓޮޓެންހަމް އަދި އަޔެކްސްއެވެ. ފުރަތަމަ ލެގް 1-0 ކުން ޓޮޓެންހަމްގެ ދަނޑުގައި ކާމިޔާބު ކޮށްފައިވަނީ އަޔެކްސްއެވެ.  

Advertisement

ކޮމެންޓް