Advertisement

މަޑުލުގެ ވަސިއްޔަތް: ޖީލެެއް ހަލާކުވެ ނުގޮސް ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށް ދެއްވާ

މަޑުލު މުހައްމަދު ވަހީދު: އެމަނިކުފާނު އިއްޔެ ވަނީ އަވަހާރަވެފައި

ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުޙައްމަދު ވަހީދަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އުމުރުފުޅުން 77 އަހަރުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ވަހީދު ވަނީ އަވަހާރަވެފަ އެވެ.

ވަހީދު, ދަންނަ ހުރިހާ އެންމެން އިއްތިފާގު އެއް ކަމަކީ އެއީ އާދަޔާހިލާފު އޯގާތެރި ހިތެއްގެ ވެރިއެއް ކަމެވެ. އެންމެނާ ހެޔޮކޮށް މުއާމާލާތް ކުރެއްވި ކިބުރުވެރިކަމާއި ބޮޑާކަމުގެ ކުޑަވެސް މިންވަރެއް ނެތް އެހާމެ ސާދާ ބޭފުޅެއް ކަމެވެ. އެކި ދާއިރާތަކުގެ އެކި ބޭފުޅުންނާއި ވަރަށް ހާއްސަ އެހާމެ ބޮޑު ގާތްކަމެއް ބޭއްވެވި ގައުމީ ބޮޑު ޚިދުމަތްތެރި އެއް ކަމެވެ.

އިއްޔެއާ މިއަދުވެސް ސޯޝަލް މީޑިއާ އިން އެންމެ ބޮޑަށް ފެންނަނީ ވަހީދުއާ ގުޅޭ އެކި ވާހަކަތެކެވެ. މުޅީން ވެސް ހެޔޮ ޝުއޫރުތަކެވެ. ގައުމީ ޚިދުމަތުގެ ވާހަކަ އެވެ. މުވަައްޒިފުންނަށް ބެހެއްޓި އޯގާތެރި ކަމެވެ. ވަގުތަށް ކަމޭ ހިތްތަވާ ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް އަދާކުރެެއްވި ގޮުތުގެ ފުރިހަމަ ކަމެވެ.

Advertisement

ރަހްމަތްތެރީންނާއި އެކުވެރީންނަށް ބެހެއްޓެވި ގާތްކަމާއި އޯގާތެރި ކަމެވެ. ވެދެއްވި އެހީތެރިކަމެވެ. ދެއްވި ހެޔޮ ނަސޭހަތެވެ.

އޭގެ ތެރެއިން ބައެއް ކަންކަން ކޮންމެހެން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެންމެ ބޮޑަށް ވައިރަލްވީ މީގެ ދެތީން އަހަރު ކުރީން "ދާރިސް ޓީވީ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަހީދު ދެއްކެވި ވާހަކަފުޅެވެ. ޢިލްމުވެރީންނާއި މުޅި މުޖްތަމައުއަށް ކުރެއްވި ވަސިއްޔަތެވެ.

ދާރިސް ޓީވީއަކީ ދީނީ މައުލޫމާތު ފެތުރުމާއި އިސްލާމީ އުސޫލުތަކުގެ ތެރެއިން ހުރިހާ ވައްތަރެއްގެ ޕްރަގްރާމްތަކާއި މައުލޫމާތު ގެނެސް ދިނުމަށް ވުޖޫދުކުރެވުނު ޓީވީ ޗެނަލެކެވެ. އެ މަސައްކަތުގައި އިސްކޮށް ތިއްބެވީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރީންނެވެ. ދާރިސް ޓީވީ އިފްތިތާހު ކޮށްދެއްވީ ވަހީދެވެ. އެ ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ވެސް އެއީ އެވެ.

އޭރުވެސް އާލާސްކަންފުޅާ އުޅުއްވަމުން އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ ކަމުގެ މުހިންމު ކަމުން ކަމުގައި ވިދާޅުވި އެވެ. އަދި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރީންނާއި ޖުމްލަކޮށް މުޅި މުޖްތަމައުއަށް ވަރަށް ބޮޑު ވަސިއްޔަތެއް ކުރެއްވި އެވެ. ވަރަށް ކުރުކޮށް އެހެން ނަމަވެސް ސާދާ ސީދާ އިބާރާތްތަކުން ފުރަތަމަ ވިދާޅުވީ މަރުގެ ހަގީގަތެވެ. އާހިރަތަކީ ހަގީގީ މަންޒިލް ކަމެވެ. އިންސާނާގެ ފަހުގެ ހަޔާތުގައި ދެ މަންޒިލެއް އޮތް ކަމެވެ.

އެއީ ސުވަރުގެއާ ނަކަރަ ކަމުގައި ބަޔާން ކޮށް ދެއްވި އެވެ. ދެން ވިދާޅުވީ ވަހީދުގެ ވަސިއްޔަތާއި އުންމީދެވެ. އެއީ ޖީލެއް ހަލާކުވެ ނުގޮސް ސުވަރުގެޔަށް ދިޔުމުގެ މަގު ފަހިކޮށް ދިނުމުގައި ދާރިސް ޓީވީން އެހީތެރިވެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

“އަޅުގަނޑުމެން ކުރިމަތީވަނީ އެތަނަކަށް ނުގޮސް ނުވާނޭތަނެއް! އެއީ އާޚިރަތް! އާޚިރަތްދުވަހު އޮތީ ދެމަންޒިލެއް! ނަރަކަ ނޫނިއްޔާ ސުވަރުގެ! ޖީލެއް ހަލާކުވެ ނުގޮސް ސުވަރުގެޔަށް ދިޔުމުގެ މަގު ފަހިކޮށް ދިނުމުގައި ދާރިސްޓީވީ ކަހަލަ ފަރާތަކުން އެހީތެެރިވެ ދެއްވޭނެކަމަށް އަޅުގަނޑު އުންމީދު ކުރަން!," އެ ހަފްލާަގައި ވަހީދު ވިދާޅުވި އެވެ.

ކޮންފަދަ ވަރުގަދަ މެސެޖެއްތޯ އެވެ. ކޮންފަދަ އަގުހުރި ވަސިއްޔަތެއްތޯ އެވެ. މި ކުރު ވާހަކަކޮޅުން ދޭހަވަނީ ދިވެހި މި މުޖްތަމައާމެދު ވަހީދުގެ ހިތްޕުޅުގައި އޮތް ލޯތްބެވެ. ހެޔޮލަފާ ޖީލަކަށް ކުރައްވާ އުންމީދެވެ.

ވަހީދަކީ ހުވަނދަށް ވަރަށް ލޯބިކުރެއްވި ބޭފުޅެއް

ވަހީދު, ވަކިވެވަޑައިގަތުމަކީ އެތައް ބަޔަކަށް އެކި ގޮތްގޮތުން ލިބުނު ފުން ހިތާމަ އެކެވެ. އެއީ އެތައް ބައެއްގެ އެންމެ މަގުބޫލު މުދައްރިސެވެ. ކުޅަދާނަ އަދަބީ ޚިދުމަތްތެރި އެކެވެ. އެތައް ބައެއްގެ އޯގާތެރި ވެރިއެކެވެ. އެތައް ބަޔަކަށް އެހީތެރިވެދީ މަދަދު ފޯރުކޮށްދިން ހެޔޮލަފާ ބޭފުޅެކެވެ.

ވަހީދުގެ ހަނދާން އެންމެ ބޮޑަށް އައު ކުރައްވާ އެއް ބޭފުޅަކީ ދިވެހި ބަހުގެ އުސްތާޛު އަޝްރަފް އަލީ އެވެ. ވަހީދުގެ ހަޔާތްފުޅާ ގުޅޭ ވަރަށް ގިނަ ވާހަކަތައް އަޝްރަފު ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ. އެފަދަ އެއް ވާހަކަ އެވެ. އެއީ ހުވަނދަށް ވަހީދު ކުރެއްވި ލޯތްބެވެ.

އަޝްރަފު ލިޔުއްވާފައިވާ ގޮުތގައި ވަހީދަކީ ހުވަނދަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. ވަހީދުގެ ވައިބުރުން ހުންނަނީ އަތަރުވަސް އުތުރިއުތުރިއެވެ. ވަހީދުގެ އަތަރު ބައްލަވައިގަތުމާއި އަތަރަށް ކުރެއްވި ލޯބި ޚާއްޞަކޮށް މީރުވަހަށް ވަހީދު ދެއްވި ސަމާލުކަން އެއީ އޭނާ ހަނދާނުން ދުވަހަކު ވެސް ނުދާނެ ކަމެކެވެ. އަތަރު ވިއްކާ ފިހާރަތަކަށް އެކު ވަރަށް ގިނައިން ވަހީދު ވަޑައިގަންނަވައި އަގުބޮޑު އަތަރު ބައްލަވައިގަންނަވާ ކަމުގައި ލިޔުއްވާފައިވެ އެވެ.

ޚާއްޞަކޮށް މޮޅު ޢޫދު ހޯއްދަވައެވެ.

"އަޅުގަނޑު އެއް ދުވަހަކު ދެންނެވީމެވެ. ވަހީދު ތިޔަ އަތަރުތަކަށް ހައްދަވަނީ ކިހިނެއްތޯއެވެ؟. ވަހީދު ވިދާޅުވީ ބައެއް ރައްޓެހީންނަށް ހަދިޔާކުރައްވަނީ ކަމުގައެވެ. އަނެއްބައި އަތަރު އެއީ އެކި އަތަރުއަތަރު އެއްކުރައްވައިގެން އައު އަތަރު އަމިއްލަފުޅަށް އުފައްދަވަން ބޭނުންފުޅުކުރައްވާ އަތަރުތައް ކަމުގައެވެ," އަޝްރަފު ލިޔުއްވާފައިވެ އެވެ.

ވަހީދުގެ ޚާއްޞަ ހަދިޔާއަކީ އަބަދުވެސް އަތަރާއި ފޮތް ކަމުގައި ވި އެވެ.

"އަޅުގަނޑު އެއްފަހަރެއްގައި ލައިގެން އުޅުނު އަތަރަކުން ވަރަށް މީރުވަސް ދުވާ ވާހަކަ ވިދާޅުވެ އެއީ ކޮން ނަމެއް ކިޔާ އެއްޗެއްތޯ އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ 'ވެލްވެޓް މަސްކް' ކިޔާ އަތަރެކެވެ. އެ އަތަރު އަޅުގަނޑު ގަންނަ ތަން ވެސް ހޯއްދެވި އެވެ. އޭގެ ދެތިން ދުވަސްފަހުން އެއް ދުވަހަކު ހެނދުނު ސައިބޯންދާން ވަހީދު ގުޅުއްވި އެވެ. އެ ދުވަހު އަޅުގަނޑުމެން ދިޔައީ ސީހައުސްއަށެވެ. ސީއައުސްއަކީ އަޅުގަނޑުމެން ދެމީހުންގެ ހެނދުނު ނާސްތާގެ އާންމު މަކާނެކެވެ. ދެން އެންމެ ގިނައިން ބައްދަލުވަނީ މެދުޒިޔާރަތްމަގުގައި ހުންނަ ކެފޭ ޖެލާޓޯގައެވެ. ކޮންމެއަކަސް، ސައިބޯން ގޮސް ބުފޭއިން އެއްޗެހި ނަގައިގެން އިށީނުމާ އެކު ވަހީދު ދިއްކޮށްލެވީ އަތަރުފުޅިއެކެވެ. އެއީ އަޅުގަނޑު މި ދެންނެވި އަތަރެވެ. އޭގެ އެންމެ ބޮޑު ފުޅިއެކެވެ. މި ދެންނެވި އަތަރުގެ އެންމެ ކުޑަފުޅިއެއް އޭރުވެސް ލިބެނީ 120 ރުފިޔާއެވެ. އެކަމަކު ވަހީދު ދެއްވީ އޭގެ އެންމެ ބޮޑު ފުޅިއެކެވެ," ވަހީދު ބެހެއްޓެވި ގާތްކަމާއި އޭނާގެ މައްޗަށް އޮތް ދީލަތިކަން ފާހަގަ ކުރައްވާ އަޝްރަފު ލިޔުއްވާފައިވެ އެވެ.

Advertisement

ކޮމެންޓް
ޔާޔާ
ޙަމީދު މޮޅު
15 Apr 2025
ޔާޔާ
ޙަމީދު މޮޅު
15 Apr 2025

Advertisement

Advertisement