Advertisement

ރައީސް މުއިއްޒު ތަފާތު: ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވަން 15 ގަޑިއިރު, އެންމެ ދިގު ނޫސްވެރީންގެ ބައްދަލުވުމުގެ ރެކޯޑް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމަކީ ރާއްޖޭގެ ތާރީހާއި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބައްދަލްވުމަކަށްވެ އެމަނިކުފާނު ދުނިޔޭގެ ރެކޯޑެއް ގާއިމު ކުރައްވައިފި އެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާއި ގުޅިގެން ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވީ މީގެ ދެ ހަފްތާ ކުރީންނެވެ. ރައީސް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މިއަދު ހެނދުނު 10 ޖެހިއިރު ނޫސްވެރީންގެ ބައްދަލްވުން ވަނީ ފަށާފަ އެވެ.

އެމަނިކުފާނުގެ ނޫސްވެރީންގެ ބައްދަލްވުން ނިންމަވާލެއްވީ މިރޭ 12:54 ގަ އެވެ. ނޫސްވެެރީންގެ ބައްދަލްވުން މެދުކަނޑާލެއްވީ ހަތަރު ފަހަރު އެވެ. އެއީ މެންދުރު ނަމާދު ކުރެއްވުމަށާއި އަސުރު ނަމާދާއި މަޣުރިބު ނަމާދު އަދި އިޝާ ނަމާދު ވަގުތަށެވެ.

Advertisement

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ގެންދެވީ ނޫސްވެރީންގެ ބައްދަލްވުމަށް ވަޑައިގެންނެވި ހުރިހާ ނޫސްވެެރީންނަށް ބޭނުން ސުވާލެއް ކުރެއްވުމަށް ފުރުސަތު ދެއްވަމުންނެވެ. މިއީ ދިވެހި ރައީސަކު މިފަދަ ގޮތަކަށް މިހާ ގިނަ ވަގުތު ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހޭދަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި މި ހުރިހާ ވަގުތަކު އެމަނިކުފާނު ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ. ނޫސްވެރީން ތިބީ ގޮނޑިތަކުގައި އިށީންދެގެނެވެ.

އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުން

މިހާތަނަށް ރެކޯޑް ކުރެެވިފައިވާ އެންމެ ދިގު ނޫސްވެރީންގެ ބައްދަލްވުން ބޭއްވެވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެވެ. 2019 ވަނަ އަހަރު ރައީސް ޒެލެންސްކީ ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެމަނިކުފާނު 14 ގަޑިއިރު ހޭދަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ނޫސްވެރީންގެ ބައްދަލްވުން ކުރިއަށް ގެންދަވާތާ މިހާރު 15 ވަރަކަށް ގަޑިއިރުވީ އެވެ.

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ބައެއް ނޫސްވެރީން ސުވާލުތައް އަމާޒު ކުރަމުންދާ ގޮތުން އަދިވެސް މި ބައްދަލްވުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ރައީސް މުއިއްޒު ތަފާތު, ބޭނުން ސުވާލެއް ބޭނުން ގޮތަކަށް ކުރެވޭ

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވި ނޫސްވެެރީން ބޭނުން ސުވާލެއް ކުރަން ރައީސް ވަނީ ފުރުސަތު ދެއްވާފަ އެވެ. ބައެއް ނޫސްވެރީން ބައިގަޑިއިރަށް ވުރެ ގިނައިރު ސުވާލުކޮށްކޮށް ތިއްބެވެ. ތިން ހަތަރު ފަހަރު މަތީން ފުރުސަތު ހޯދައިގެން ސުވާލު ކުރަން ބޭނުންވި ނޫސްވެރީންނަށް ވެސް ފުރުސަތު ދިނެވެ.

ބައެއް ނޫސްވެރީން ވަރަށް ޒާތީކޮށް އަދި ބަޔަކު ގަސްތުގައި ފަތުރާފައިވާ ދޮގު އެތައް ވާހަކަތަކެއް ހިމެނޭހެން ނޫސްވެރީން ސުވާލުކުރުމުން ވެސް އެމަނިކުފާނު ޖަވާާބު ދެއްވި އެވެ.

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިއަކު ވަނީ އެހެން ނޫސްވެރިއަކަށް ފޯނުން ގުޅައިގެން ވެސް ރައީސަށް ސުވާލުކޮށް ޖަދަލު ކުރަން ފުރުސަތު ފަހި ކުުރުމުން އެކަން ވެސް މަނާނުކޮށް ފުރުސަތު ދެއްވާފަ އެވެ. އަދި އެ ހުރިހާ ތުހުމަތުތަކެއް އަޑު އައްސަވާ ޖަވާބު ވެސް ދެއްވި އެވެ.

ޒާތީ ސުވާލުތަކާއި ގަސްތުގައި ބޭކާރު ސުވާލުކުރުމުން ނުރުހުން

ނޫސްވެރީންގެ މި ބައްދަލްވުމުގައި ބައެއް ނޫސްވެރީން ސުވާލު ކުރީ ވަރަށް ޒާތީކޮށެވެ. ރައީސަށް ނިސްބަތްކޮށް ނޫސްވެރީންގެ ދަރަޖައިން ބޭރުވެ ބައެއް ސްޓޭޓްމަންޓް ދީފައިވެ އެވެ.

އެކަމާއި ގުޅިގެން ނޫސްވެރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް

އެންމެން ފާހަގަ ކުރަނީ ރައީސްގެ ކެތްތެރިކަން

މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމާއި ގުޅިގެން އެންމެ ގިނަ ބަޔަކު ފާހަގަ ކުރަމުން ދަނީ ރައީސް މުއިއްޒުގެ ކެތްތެރިކަމެވެ.

ނޫސްވެރީންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވުމެވެ. ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެކަން ފާހަގަ ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement