ފެން ކުންފުންޏަށް މިދިޔަ އަަހަރު ރެކޯޑް އަދަދެއްގެ ފައިދާ ލިބިފައިވޭ: ފަޒުލް

14 May 2019 | 13:49

ދައުލަތުގެ ފެން ކުންފުނިކަމުގައިވާ އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރުގެ ތެރޭގައި ރެކޯޑް އަދަދެއްގެ އާމްދަނީ ލިބިފައިވާނެކަމަށް އެކުންފުނީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ކެޔޮދޫ ދާއިރާާގެ އިންތިޚާބީ މެންބަރ މިހެން ވިދާޅުވީ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަޒުލް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގައި މުދަލާއި ކަންކަން ބޭނުންވާ ވަގުތަކަށް ނިންމުމުގެ ގާބިލްކަން ހުންނާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކުންފުނީގެ މިހާރުގެ އެމްޑީ އާދަމް އާޒިމް ވަނީ ކުންފުނީގެ މާލީ ހާލަތު ރަނގަޅެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ޑިވިޑެންޓްގެ ގޮތުގައި ސަރުކާރަށް 600 މިލިއަން ރުފިޔާ 2014 ފެށިގެން ނުދައްކާ އޮތް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެެވެ.

އެ ކުންފުނި ހަމަ މަގަށް އެޅުވުމަށްޓަކައި 10 ވަރަކަށް އަހަރު ނަގާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަޒުލް ވިދާޅުވީ އެމްޑަބްލިޔުއެސްސީގައި އަދިވެސް ވިޔަފާރިކުރުމުގެ ގާބިލްކަން ހުންނާނެކަމަށާއި، އެކުންފުނީގެ ތެރޭގައި މިހާރުވެސް ފައިދާގެ ގޮތުގައި 196 މިލިޔަން ރުފިޔާ ދައުރުވަމުންދާ ކަމަށެވެ. އަދި މަގާމުން ވަކިވުމާއި ހަމައަށް ކުންފުނީގެ ފައިދާ 411 މިލިޔަނަށް އަރާފައިވާނެކަމަށްވެސް ފަޒުލް ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް