2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި
2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގރ ޖަލްސާގައި މިގޮތަށް ފާސްކުރީ 63 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބަދުލްޣަފޫރު މޫސާއެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޝްރަގު ‘ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް’ ހުށަހެޅުއްވި އިސްލާހުގައި، ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، 1 ޖަނަވަރީ 2007 ގައި އަދި އޭގެ ފަހުން އުފަންވެފައިވާ ފަރާތްތައް ދުންފަތްބޭނުންކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމެވެ.
މި ގާނޫނުގެ ދަށުން 21 އަހަރު ނުފުރޭ މީހުނަށް ވެސް ދުންފަތް ވިއްކުން މަނާކޮށްފައިވާއިރު، މި ގާނޫނު ފާސްވުމުން އުމުރުން 21 އަހަރު ވެފައިނުވާ މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ވިއްކާ ފިހާރައެއްގެ ސޭޓަކަށް އިނުން ނުވަތަ ވިޔަފާރީގެ އެހެން މުއާމަލާތެއް ކުރުމުގައި ބައިވެރިވުން ވެސް މަނާ ވާނެއެވެ.
މީގެ އިތުރުން، މި ބިލުގައުވާގޮތުން، ދުންފަތް ގަންނަނީ ކޮން ޖީލެއްގެ މީހެއް ކަން ކަށަވަރުނުވާނެ ގޮތަކަށް، އޮންލައިންކޮށް ދުންފަތް ވިއްކުންވެސް ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތެއް ނުވަތަ އުފެއްދުމެއް ވިއްކާއިރު، އެއިން އެއްޗެއް ގަންނަ މީހަކީ، އުމުރުން 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ 2007 ވަނަ އަހަރުގެ ޖަނަވަރީ 01 ގައި ނުވަތަ އެތާރީޚްގެ ފަހުން އުފަންވެފައިވާ މީހެއް ނޫންކަން ޔަޤީންކުރުމަކީ، އެ އެއްޗެއް ވިއްކާ ފަރާތެއްގެ ޒިންމާއެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމައެހެންމެ، ދުންފަތް ގަންނަ ފަރާތަކީ، ޖެނެރޭޝަން ބޭންގެ އުމުރު ފުރާގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ޝައްކު ވާނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އެ ފަރާތުގެ ޢުމުރު އަންގައިދޭ އެނޫންވެސް ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން އެ ފަރާތުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.
ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް ހެދުމަށް މި އިސްލާހުގެ ދަށުން މިނިސްޓްރީގެ މައްޗަށް ލާޒިމުވެއެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވެސް އިސްލާހުގައި ވެއެވެ.
މި އިސްލާހުގައިވާ ގޮތުން، ދުންފަތް އުފައްދަން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އެތެރެކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ދުންފަތް ދެން ވިއްކޭނީ ވެސް މި ގާނޫނުގެ ދަށުން ރަސްޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު މިހާރު މަނާކޮށްފައިވާއިރު، އެ ފަދަ އާލާތެއް ބޭނުންކުރަނިކޮށް، ނުވަތަ ގެންގުޅެނިކޮށް ފެނުނަސް އެ އާލާތެއް އަތުލުމުގެ ބާރު ފުލުހުންނަށް މި ގާނޫނުން ލިބޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists