ރައީސް މައުމޫން: ހުނަރުވެރި ޅެންވެރިއެއްވެސްމެ!

19 May 2019 | 13:06

ހަނދާނަށް އަންނަނީ ޓީވީއެމް ޕްލަސްގެ ޒަމާނެވެ. މުނިފޫހިފިލުވުުމުގެ ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ޓީވީއެމްއިން ޚާއްސަ ޗެނަލެއް ހެދިއެވެ. އޭރު ޓީވީއެމްއާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ފަރާތްތައް ގުޅިގެން ލަވަތަކާއި ޕްރޮގްރާމްތައް ހެދިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ލަވަޔަކީ ފްރީޒް ބޭންޑުން ކީ ޔާރުގެ ނަލަކަން މި ލަވައެވެ.

ހޭޔަންބޯ ޗާޓުގައި އެތަންމެ ދުވަހެއް ވަންދެން އެއްވަނައިގައި އޮތް މި ލަވައަކީ މިއަދުވެސް ގިނަބަޔެއްގެ މެދުގައި މަގުބޫލު ލަވައެކެވެ. މި ލަަވައިގެ މަގުބޫލުކަމަށް އެހީތެރިވެދޭ އެންމެ މުހިންމު އެއް ސިފައަކީ އެ ލަވައިގެ ޅެންވެރިކަމެވެ. އެ ޅެމުގެ ބައިތަކަކީ އޭރުގެ ޖިންސުން ލަތީފުން ފަދައިން މިއަދުގެ ޖިންސުން ލަތީފުންވެސް ލޯބިވެރިންނަށް ކިޔައިދޭ ބައިތަކެކެވެ. އަސަރުގަދަ ލޯބީގެ އިހުސާސުތައް ފޯރުކޮށްދޭފަދަ ބަަސްތަކެއް ހިމެނޭ މި ޅެން ހެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ރައީސް މައުމޫން ހެއްދެވި މި މޮޅު ޅެމުގެ ފަަހަތުގައި އޮތީ ކޮން ވާހަކައެއްތޯ އަދިވެސް ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ރައީސް މައުމޫންގެ ރޮމޭންޓިކް ހިތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމަށް ކުރެއްވި ހަދިޔާއެކެވެ. އެމަނިކުފާނަކީ މިހާރުވެސް ދޭތެރެއިން މެޑަމް ނަސްރީނާއަށް ޝުކުރު އަދާކުރައްވާ، ރޮމޭންޓިކް ޓްވީޓްތައް ކުރައްވާ ބޭފުޅެކެވެ.

ޔާރުގެ ނަލަކަން ލަަވައާއި ހިސާބުން އެމަނިކުފާނު ޅެންވެރިކަމުގެ ވާހަކަ ދައްކައެއް ނުނިންމޭނެއެވެ. ސިފައިންގެ ގައުމީ ދުވަހުގެ ލަވަ އަލްބަމްތަކުގެ ސިލްސިލާތަކުގައި ހިމެނޭ އެންމެ ގައުމީވަންތަ އެއް ލަވަޔަކީ ހިނގާ ހޯދަމާހޭ ތަރައްގީއެވެ. ގައުމިއްޔަތުގެ ބަހާތައް ހިމާޔަތްކޮށްގެން ގައުމަށް ތަރައްގީއަށް މަސައްކަތް ކުރުމަށް އެދިވާ ޅެމެއް ހިމެނޭ މި ލަވައިގެ ޅެންވެރިއަކީވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތަހް އަލީ ޚާންގެ ތުމްހޭ ދިއްލަގީ ލަވައިގެ ރާގަށް އެމަނިކުފާާނު ހެއްދެވި މި ލަވަ ކިޔަން މަޝްހޫރު ލަވަކިޔުންތެރިޔާ ހުސައިން އަލީއަށް ދެއްވީވެސް ހަމަ ސީދާ ރައީސް މައުމޫނެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި ހުސައިން އަލީ އުޅުއްވަނިކޮށް އެމަނިކުފާނަށް ހުސައިން އަލީ ފާހަގަވެގެން އެ ލަަވަ ކިޔޭނެކަމުގެ ޔަގީންކަން ހުސައިން އަލީއަށް ދެއްވައި، އެލަވަ ހަވާލުކުރެއްވިއެވެ.

މި ދެ ޅެމަކީ އެމަނިކުފާނު ހެއްދެވި ގިނަ ޅެންތަކެއްގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ޅެމެވެ. އެ ޅެންތަކުން އެމަނިކުފާނުގެ ހުނަރުވެރިކަން ދައްކުވައިދޭފަދަ މިސާލުން ފުރިގެންވާ ޅެމެކެވެ. އެ ދެ ޅެމުގެ އަސަރުގައި ގިނަ ދިވެހިން އަދިވެސް ޖެހިފައިވާ ދެ ޅެމެވެ.

Advertisement

ކޮމެންޓް