ވިލިމާލޭގެ ޒަމާންވީ މިސްކިތް ހުރި ތަނުގައި ބޮޑު މިސްކިތެއް ބިނާ ކުރަނީ

ވިލިމާލެ މަސްޖިދުއް ސަލާމް. ފޮޓޯ/ މުޙައްމަދު ހުސައިން

ޒަމާނީ ފެންވަރަށް ވިލިމާލޭގައި ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތައްކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެފައިވާ ގޮތުގައި، ވިލިމާލޭގައި ހުރި ޒަމާންވީ މިސްކިތެއްކަމުގައިވާ މަސްޖިދުއް ސަލާމް މިސްކިތް މިވަގުތު ހުރި ސަރަހައްދުގައި ޒަމާނީ ފެންވަރަށް ބޮޑު މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވުމުގެ ސަބަބުން އައު މިސްކިތް ބިނާކުރުމުގެ މަސައްކަތް އެފަރާތާ ހަވާލުކުރުމަށް މިހާރު ވަނީ ނިންމާފައިވާކަމަށެވެ.

މި މިސްކިތުގެ އަމަލީ މަސައްކަތް 2 އަހަރުތެރޭ ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޒަމާނީ ފެންވަރަށް ބިނާކުރާ މިމިސްކިތުގައި ޢިލްމީ ކަންކަމަށް ބޭނުންކުރެވޭ ކުލާސްރޫމްތަކުގެ އިތުރުން ޤުރުއާން ކިޔަވާދިނުމަށް ހާއްސަ ކުލާސްރޫމްތަށް އެޅުމަށް ހަަމޖެހިފައިވާ ކަމަށް ޑރ. ޝަހީމް އިތުރަށް ވިދާޅުވިއެވެ.

އެހެންކަމުން މިމިސްކިތަކީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި ބިނާ ކުރެވިގެންދާނެ މިސްކިތެއް ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް