ޖޭއެސްސީއަށް ސިޔާސީ ފަރާތްތައް ލުމާއި ދެކޮޅު: ޖާބިރު

29 May 2019 | 15:57

ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ސިޔާސީ ފަރާތްތައް ލުމާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު ވާހަކަފުުޅު ދައްކަވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ މެންބަރކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ގެންނާނެ ފަރާތެއްގެ ނަން ހުށައެޅުމަށް ކުރި ބަހުސްގައި ޖާބިރު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރެވޭނީ ޖޭއެސްސީއަކީ ސިޔާސީ މީހުން އެތަނުގައި ނުތިބޭ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ކޮމިޝަނަކަށް ހެދިގެން ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތް ބަދަލު ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބެ، މިނިވަން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކަށް ހެދިގެން ނޫނީ ޖުޑިޝަރީ އިސްލާހު ކުރެވެން ނެތް ކަމަށް ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.

އެބޭފުޅާ ވިދާޅުވީ 19 ވަނަ މަޖިލީހަށް ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުމުގެ ބާރު އެބައޮތް ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީ ބަދަލުކޮށްގެންވެސް އެކަން ކުރެވެން އޮތްކަމަށް ޖާބިރު ފާާހަގަކުރެއްވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ އަހުލަބިއްޔަތުން ޖޭއެސްސީގެ މެންބަރކަމަށް ތުޅާދޫ ދާއިރާގެ މެންބަރ ހިސާން ހުސައިން ވަނީ ހަމަޖައްސާފައެވެ. އަދި ރޭ ވަނީ އެކޮމިޝަންގެ މެންބަރކަމަށް ރައީސް ނަޝީދުވެސް ހުވާކުރައްވާފައެވެ.

Advertisement

ކޮމެންޓް