ރަފީ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާ 2018 ކާމިޔާބުކަމާާއި ނިންމާލައިފި

01 Jun 2019 | 10:33

ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގ ޔޫތު، ރަފީ ޖަމިއްޔާގެ އަހަރީ ޢާންމު ޖަލްސާ 2018 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިންގ ޔޫތު، ރަފީ ޖަމިއްޔާގެ އަހަރީ ޢާންމު ޖަލްސާ 2018 ކުރިއަށްގެންގޮސްފައިވަނީ 29 މެއި 2019 ވަނަ ދުވަހު ސޯޝަލް ސެންޓަރ ސެމިނާ ހޯލްގައެވެ.

ރަފީގެ އެގްޒެކެޓިވް ބޯޑު މެންބަރުންނާއި ޖަމިއްޔާގެ ކެޕޭސިޓީ ޑިވެލޮޕްމަންޓް ސެންޓަރު؛ އެމް.ޑީ.އާރް.އަައިގެ ބޯޑު މެންބަރުން އަދި ޖަމިއްޔާގެ އާންމު މެންބަރުން ހިމެނޭ ގޮތަށް ބޭއްވި މިޖަލްސާ ކުރިޔަށްގެންގޮސްފައިވަނީ ޖުމްލަ 94 ފަރާތެއްގެ ހާޒިރުގައެވެ.

ރަފީގެ އަހަރީ އާންމު ޖަލްސާގައިވަނީ ނިމިދިޔަ އަހަރުގެ ޖަމިއްޔާގެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު މެންބަރުންނާއި ހިއްސާކޮށް އެކަންކަމަށް ހޭދަވެފައިވާ ހަރަދުގެ ތަފުސީލް އިނގޭނެހެން މާލީ ބަޔާން ހުށައަޅާ، ވަޑައިގެން ތިއްބެވި މެންބަރުންގެ އަޢްލަބިއްޔަތުން ފާސްކޮށްފައެވެ.

މީގެ އިތުރުން، މިއަހަރަށް ރޭވިފައިވާ ޖަމިއްޔާގެ ޙަރަކާތްތަކަށްވެސް އަލިއަޅުވާލާފައިވެއެވެ. މިގޮތުން، މިއަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ޔޫތު ސަމިޓް ފާހަގަކުރެވިފައިވަނީ އަހަރުގެ އެންމެ މުހިންމު އެއް އިވެންޓްގެ ގޮތުގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ފައުންޑަރ އަދި ރައީސާ ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ، މިއީ ދިވެހި ރާއްޖޭގައި ހުރި އެންމެ ހާމަކަން ބޮޑު އެއް ޖަމިއްޔާކަމަށާއި، މި ޖަމިއްޔާގެ އަމާޒަކީ މުސްތަޤްބަލުގައި ގައުމަށް ހިދުމަތް ކުރާނެ ޤާބިލް ، ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ.

އެގޮތުން، ބާރުވެރި ޒުވާން ލީޑަރުން އުފެއްދުމުގެ ނިޔަތުގައި ކުރިޔަށް ގެންދާ "މިލީނިއަމް ޔޫތް އެސެޓްސް ޕްރޮގްރާމް" ސީރީޒް މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި ޑރ.ރަފިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ރަފީއިން މިހާތަނަށް ތަމްރީނުކޮށްފައިވާ 26 މިލީނިއަމް ޔޫތް އެމްބެސެޑަރުން މެދުވެރިކޮށް ސްކޫލް ކުދިންނާއި ފުރާވަރުގެ ކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ދެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ.ރަފިއްޔާ ވިދާޅުވީ ރަފީއިން އަބަދުވެސް މަސައްކަތް ކުރާނީ މުޖްތަމައުގެ އެކި އެކި ފަރުދުންގެ މެދުގައި އޮންނަ ތަފާތު ކުރުންތައް ނައްތާ ހުރިހާ ޒުވާނުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ޑރ.ރަފިއްޔާގެ އިތުރުން ނަޢިބު ރައީސް ހުސެއިން ޝިހާމްވެސްވަނީ ޖަލްސާގެ މެންބަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޝިހާމް ވިދާޅުވީ އަަހަރަކަށްވުރެ އަހަރެއް ރަފީ ޖަމިއްޔާއާއި ގުޅެމުން އަންނަ ޒުވާނުން އިތުރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މެންބަރުންގެ އެއްބާރުލުމާއި އެކު ޖަމިއްޔާގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމުގައި ޝިހާމް ފާހަގަކުރެއްވިއެވެ.

ރަފީގެ އަހަރީ ޢާންމު ޖަލްސާ ނިމިގެން ދިޔައީ، މެންބަރުންގެ މެދުގައި ގުޅުން އާލާ ކުރުމަށް ބޭއްވި ތަރާވީހަކާއި އެކުގައެވެ.

Advertisement

ކޮމެންޓް